ރާއްޖޭގައި މިއަދު އޮތް އެންމެ ބޮޑު ސިޔާސީ ދެ ޕާޓީކަމަށްވާ އެމްޑީޕީއާއި ޕީޕީއެމްއަށްވެސް މުހިންމު ޚިދުމަތްތަކެއް ކުރައްވާފައިވާނެކަމަށާ، އެހެންނަމަވެސް އެކަންކަމުގެ އަގު ވަޒަންކުރުމުގެ ބަދަލުގައި އެ ދެޕާޓީންވެސް އެމަނިކުފާނަށް ކިޔަމުންދަނީ ހުތުރު ވަނަންކަމަށް ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕީޕީއެމުން ވަކިވެވަޑައިގެން ޑރ. ވަޙީދު މިހާރު ހުންނެވީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހީމްގެ އަރިހުގައި އެމަނިކުފާނުގެ ކެމްޕެއިންގައެވެ. ޕީޕީއެމްގެ އެޑްވައިޒަރެއްގެ މަޤާމުގައި ހުންނެވުމަށްފަހު ޑރ. ވަޙީދު އެޕާޓީން ވަކިވެވަޑައިގަތީ ޕީޕީއެމްގެ މިފަހަރުގެ ރިޔާސީ ޓިކެޓާމެދު ކަންތައްތައްވީގޮތުން ކަމަށް ވަނީ ވިދާޅުވެފައެވެ.

ޑރ. ވަޙީދު ޤަބޫލުފުޅުކުރައްވާގޮތުގައި ޕީޕީއެމުން ރިޔާސީ ކެންޑިޑޭޓަކު ނުނެރެ، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ.މުޙައްމަދު މުޢިއްޒަށް ތާޢީދުކުރަން ޕީޕީއެމްގެ ސެނެޓުން ނިންމީ ޑރ.މުޢިއްޒުގެ ނުފޫޒުންނެވެ. އަދި އެއީ ރައީސް ޔާމީންގެ ވިސްނުންފުޅާ ރައީސް ޔާމީން ވިދާޅުވި ގޮތާ ޚިލާފަށް ހިނގިކަމެއްކަމަށްވެސް ޑރ. ވަޙީދު ޤަބޫލުފުޅު ކުރައްވައެވެ.

މިކަމާ ގުޅިގެން ޕީޕީއެމްގެ ނުރުހުން ވަނީ ޑރ. ވަޙީދަށް އަމާޒުވެފައެވެ. ރިޔާސީ ޓިކެޓުގެ ކަންކަމާމެދު ދެކިވަޑައިގަނަވާގޮތް ހާމަކުރައްވައި ޑރ. ވަޙީދުވަނީ ޖުމްހޫރީ ޕާޓީގެ ކެމްޕެއިންގައި ޕޯޑިއަމްގައި ވާހަކަފުޅު ދައްކަވާފައެވެ. އަދި އެމަނިކުފާނު ހުންނެވީ ޕީޕީއެމްގެ ރިޔާސީ ޓިކެޓު ލިބޭނެކަމުގެ އުންމީދުގައިކަމަށް ވިދާޅުވެފައިވެއެވެ.

މިއާއެކު ޕީއެންސީގެ ރައީސް އަދި ޕީޕީއެމް ހިންގެވުމާ މިވަގުތު ޙަވާލުވެ ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ ރައީސް ޑރ.ވަޙީދަކީ ޕީޕީއެމްގެ ރިޔާސީ ޓިކެޓު ޖަހައިގަތުމަށް ތިރިކޮށްލި ބާޒެއްކަމަށެވެ. މިއީ ރައީސް ޔާމީން ޖަލަށް ވަޑައިގަތުމުގެ ކުރިން ބޭއްވި ޖަލްސާއެއްގައި އެމަނިކުފާނު ވިދާޅުވި ވާހަކަފުޅެއްގައި ވިދާޅުވި ޖުމުލަޔަކާ ގުޅުވައިގެން އަބްދުއްރަޙީމް ވިދާޅުވި ބަސްފުޅެކެވެ.

ރައީސް ޔާމީން ވިދާޅުވެފައިވަނީ އެމަނިކުފާނު ޖަލަށް ވަޑައިގެންފިނަމަ "މިނިކާ ބާޒުތައް" ޕީޕީއެމް ޖަހައިގަތުމަށް އަންނާނެކަމަށެވެ. އަދި އެފަދަ ފަރާތްތަކަށް އެފުރުސަތު ނުދިނުމަށް ރައީސް ޔާމީން އެދިވަޑައިގެންފައިވެއެވެ.

އެވިދާޅުވި މިނިކާ ބާޒަށް ވީ ރައީސް ޑރ.ވަޙީދުކަމަށް މިހާރު ޕީޕީއެމުން ބުނެއެވެ.

ނ. މަނަދޫގައި އޮތް ޤާސިމް އިބްރާހިމްގެ ރިޔާސީ ކެމްޕޭނު ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޑރ.ވަހީދު ވަނީ ޕީޕީއެމްގެ މި ވާހަކަތަކާމެދު ހިތްޕުޅު ހަމަނުޖެހުން ފާޅުކުރައްވާފައެވެ. އެމަނިކުފާނުގެ ހަޔާތުގައި ގައުމާއި ރައްޔިތުންގެ ހައްގުގައި ކޮށްދެއްވާފައިވާ މުހިންމު މަސައްކަތްޕުޅުގެ އަގު ވަޒަންކުރުމުގެ ބަދަލުގައި، މިފަދަ މޭރުމަކުން އެމަނިކުފާނުގެ އަބުރު ނަގާލަމުންދާކަމަށް ޑރ. ވަޙީދު ވިދާޅުވިއެވެ.

ޕީޕީއެމްގެ އިތުރުން އެމްޑީޕީގެ މެމްބަރުން އެމަނިކުފާނު ސިފަކުރަނީ "ކާޅެއް"ގެ ގޮތުގައިކަމަށް ޑރ. ވަޙީދު ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ އެމްޑީޕީން މިއަދު ކޮންމެ ގޮތަކަށް ދެކުނަސް ނަޝީދު ވެރިކަމުން އިސްތިއުފާދެއްވުމުން ވެރިކަމާއި ހަވާލުވެވަޑައިގަތީ ގާނޫނީ ހަމަތަކުގެ ތެރެއިން އެކަންކުރަން ޖެހޭތީކަމަށެވެ. އެހެންނަމަވެސް އެޤާނޫނީ ޒިންމާ އަދާކުރެއްވުމުން އެމްޑީޕީން އެމަނިކުފާނު ހެދީ ބޮޑު ބާޣީއަކަށް ކަމަށާ، ބާޣީއަކަށް ހަދައި މުޅި ރާއްޖޭގެ އެންމެންގެ ކުރިމަތީގައި އެމަނިކުފާނު ގަން ހިންގުވައި އެތައް އުނދަގުލެއް އެމްޑީޕީން ކުރިކަން ޑރ. ވަޙީދު ފާހަގަކުރެއްވިއެވެ.

ޑޜ. ވަޙީދު ވިދާޅުވީ އެމަނިކުފާނަނީ މިއަދު އެއްވެސް ކަމެއް ޤައުމަށް ކޮށްދެއްވި ބޭފުޅެއްގެ ގޮތުގައި ބައެއް މީހުން ނުދެކުނަސް ހަޤީގަތަކީ އެއީ ނޫންކަމަށެވެ. އެގޮތުން ރައީސް ޔާމީންގެ ސަރުކާރުގައި ރާއްޖޭގެ ތަރައްޤީއަށް ކުރެއްވި މުހިން ކަންތައްތަކުގެ ތެރެއިން ސިނަމާލެ ބްރިޖާއި، ހައްދުންމަތީ ބޮޑުމަގުފަދަ މުހިންމު މަޝްރޫޢުތައް ފެށުނީ އެމަނިކުފާނުގެ ސަރުކާރުން ފެއްޓެވި މަސައްކަތްތަކުގެ ސަބަބުންކަމަށެވެ. ސިނަމާލެ ބްރިޖު އެޅުމުގެ މަޝްވަރާ ޗައިނާއާއެކު އެންމެ ފުރަތަމަ ކުރެއްވީ އެމަނިކުފާނު ކަމަށް ވިދާޅުވިއެވެ.

ޤައުމަށް އެތައް ޚިދުމަތެއް ކުރައްވާފައިވާއިރު އެމަނިކުފާނަކީ އެއްބަޔަކަށް "ކަޅު ކާޅަކަށް"، އަނެއް ބަޔަކަށް "ބާޒަކަށް" ވެފައިވާކަމަށް ވިދާޅުވެ ރައީސް ޑރ. ވަޙީދުވަނީ ހިތާމަ ފާޅުކުރައްވާފައެވެ. އެހެންނަމަވެސް މިއަދުވެސް މިހުންނެވީ އިޚްލާސްތެރިކަމާއެކު ރައްޔިތުންގެ ހައްގުގައި ކުރައްވާ މަސައްކަތްޕުޅުގައި ކަމަށާ، މީހުންގެ ފަރާތުން ކުރިމަތިވާ ފުރައްސާރައަކަށް ފަރުވާލެއް ނެތްކަމަށް ރައީސް ޑރ. ވަޙީދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން