ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ދިމާކޮށް ސަރުކާރުގެ އެކިއެކި ކުންފުނިތަކާއި މުއައްސަސާތަކަށް އާދަޔާ ޚިލާފަށް މީހުން ވަޒީފާއަށް ވައްދަމުންދާކަމަށާ، ވޯޓުގެ ބޭނުމުގައި މިގޮތަށް ވަޒީފާތަކަށް ވައްދާ މީހުން އިންތިޚާބަށްފަހު ވަޒީފާތަކުން ވަކިކުރާނެކަމަށާ، މިކަމާމެދު ރައްޔިތުން ސަމާލުވުމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހީމްގެ ސްޕެޝަލް އެޑުވައިޒަރު އަދި ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވެއްޖެއެވެ.

ވީޓީވީގައި ވާހަކަދައްކަވަމުން މުޣުނީ ވަނީ އިންތިޚާބާ ދިމާކޮށް މީހުންނަށް ސަރުކާރުން ވަޒީފާއާއި އެނޫންވެސް އެކިއެކި އިނާޔަތްތައް ދެމުންދާކަމަށް ތުހުމަތުކުރަށްވާފައެވެ. މިއީ ޑިމޮކްރެޓިކް މުޖުތަމަޢެއްގައި ހިނގައިގެންނުވާނެ ކޮރަޕްޝަންގެ ޢަމަލުތައްކަމަށް މުޣުނީ ސިފަކުރެއްވިއެވެ. މުޣުނީ ވިދާޅުވީ ވޭތުވެދިޔަ ސަރުކާރުތަކުން ކޮރަޕްޝަނާއި ފަސާދަ ހިންގި ވާހަކަތައް ދައްކާއިރު، މިހާރު ފެންނަމުން މިދަނީ އެސަރުކާރުތަކަށްވުރެ މާބޮޑަށް މިސަރުކާރުން އެފަދަ ޢަމަލުތައް ހިންގާ މަންޒަރުކަމަށެވެ.

ރިޔާސީ އިންތިޚާބު ކައިރިވުމުން އެތައް ބަޔަކަށް ސަރުކާރު އެކިއެކި ކުންފުނިތަކުން ވަޒީފާ ދީފައިވާކަމަށާ، މިގޮތަށް ވަޒީފާއަށްކަމަށްބުނެ ވެއްދި ގިނަމީހުން ކުރާނެކަމެއް އަދާކުރާނެ ޒިންމާއެއް، އެކުންފުނިތަކުގައި ނުވެސް ނެތްކަމަށް މުޣުނީ ވިދާޅުވިއެވެ. ސަރުކާރުގެ ވިސްނުމަކީ މަސައްކަތެއް ކުރަން ނުޖެހުނަސް ވޯޓު ކަށަވަރުކުރަން ކުންފުނިތަކަށް ބައިވަރު މީހުން ނެގުންކަމަށާ، މިއީ ދެމެހެއްޓެނިވި ގޮތެގައި ކުންފުނިތައް ހިންގޭނެ ގޮތެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ސަރުކާރުގެ ވިސްނުމަކީ މަހެއް ދެމަހަށް ވިޔަސް މީހުން ނަގާފައި އެމީހުންގެ ވޯޓުކޮޅު ހޯދާފައި ވަކިކޮށްލުންކަމަށް މަޣުނީ ވިދާޅުވިއެވެ.

އެހެންކަމުން މިއީ މިއަދު ރައްޔިތުން ވިސްނާލަންޖެހޭ ކަމެއްކަމަށް މުޣުނީ ވަނީ ވިދާޅުވެފައެވެ. ވަރަށް މަދު ބަޔަކު ދިރިއުޅޭ ކުދި ރަށްތަކުގައި ހުންނަ ސަރުކާރުގެ ކުންފުނިތަކުގެ އޮފީސްތަކަށް ސާޅީހަކަށް ނުވަތަ ފަންސާހަކަށް މީހުން ކުއްލިއަކަށް ބޭނުންނުވާނެކަން އެންމެންނަށްވެސް އެނގޭނެކަމަށާ، އެހެންކަމުން މިއީ ދާއިމީ ކަމެއް ނޫންކަން ޤަބޫލުކުރަންޖެހޭކަމަށް މުޣުނީ ވިދާޅުވިއެވެ.

މިއީ ރާއްޖޭގައި ޑިމޮކްރެޓިކް ނިޒާމެއް ހިންގާނަމަ ކުރަން ހެޔޮވާވަރުގެ ކަންކަން ނޫންކަމަށް ވިދާޅުވެ މިއީ އިންތިޚާބަށް ނުފުޒުފޯރުވުންކަމަށް މުޣުނީ ސިފަކުރެއްވިއެވެ. މިފަދަ މައްސަލަތައް ބެލެންޖެހޭނެކަމަށާ، އެހެންނަމަވެސް މިއަދު މިފަދަ މައްސަލަތައް ބަލަންޖެހޭ ދައުލަތުގެ އިދާރާތައް ވަނީ ބަންދުވެ ހުއްޓިފައިކަމަށް މުޣުނީ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން