އެމްޑީއެންއާއި ދެކޮޅަށް މީގެ ކުރިން ބޭއްވި މުޒާހަރާއެއްގެ ތެރެއިން
އެމްޑީއެންއާއި ދެކޮޅަށް މީގެ ކުރިން ބޭއްވި މުޒާހަރާއެއްގެ ތެރެއިން
އެމްޑީއެން އާއި އުތެމައިގެ ފައުންޑަރުންނަށް ފިޔަވަޅު އެޅުމަށް 11 ޖަމިއްޔާ އަކުން ގޮވާލައިފިއެވެ.

އެންޑީއެމް އިން "ޕްރިލިމިނަރީ އެސެސްމެންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް"ގެ ނަމުގައި ނެރުނު ރިޕޯޓާއި ގުޅިގެން އެ ޖަމިއްޔާ ވަނީ އުވާލާފައެވެ. އަދި އެމްޑީއެން އާއި، އުތެމަ އިން އިސްލާމް ދީނާއި ހިލާފު ވާހަކަތަކެއް ހިމަނާ ރިޕޯޓުތަކެއް އާއްމުކޮށްފައިވާތީ ތަފާތު 11 ޖަމިއްޔާއެއް އެކުވެ ވަނީ އިއްތިހާދެއް ހަދާ މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ.

11 ޖަމިއްޔާއެއް އެކުވެ އުފައްދާފައިވާ ޙަރަކާތުގައި އިސްކޮށް އުޅުއްވާ އިބްރާހީމް މުޙައްމަދު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައިވަނީ، އިސްލާމްދީނަށް ގޮންޖަހާ ނެރުނު ރިޕޯޓާއި ގުޅިގެން މިދިޔަ އަހަރު އެޖަމިއްޔާ އުވާލި ނަމަވެސް، އެ ރިޕޯޓު ލިޔުމުގައި އިސްކޮށް އުޅުނު އެއްވެސް މީހަކާމެދު ފިޔަވަޅެއް އަޅާފައި ނުވާކަމަށެވެ.

އެހެންކަމުން އެ ރިޕޯޓު ލިޔުމުގައި އިސްކޮށް އުޅުނު މީހުންނަށް ވެސް އަދަބު ދޭން ޖެހޭނެ ކަމަށާއި، އެ މީހުންގެ މައްޗަށް ކުރެވެން ހުރި ދައުވާތައް އުފުލާ، ގާނޫނީ އިޖުރާތްތައް ފުރިހަމަ ކުރުމަށް ޖަމިއްޔާތަކުން މިއަދު ވަނީ ގޮވާލާފައެވެ. އަދި މިއީ "ވަގަކު ވައްކަން ކުރުމުން، ވަގު މީހާ އަތުގައި އޮތް ދަބަސް ސަރުކާރަށް ނަގާ އެ މީހާ ދޫކޮށްލުން ފަދަ ކަމެއް" ކަމަށް އޭނާ ސިފަކުރައްވާފައިވެއެވެ.

ހަމައެހެންމެ "އުތެމަ" އިން ނެރުނު ރިޕޯޓެއް ގައި އިސްލާމް ދީނާއި ހިލާފު ކަންކަމާއި، ދީނުގައި ނަހީ ކުރައްވާފައިވާ ކަންކަމާއި މެދު ސުވާލު އުފެއްދި ކަމަށާއި، އަދި އެމްޑީއެންގެ ރިޕޯޓުގައިވާ ކަންކަން ބަލައިގަތުމަށް ގޮވާލާ އުތެމަގެ ރިޕޯޓުގައި ކަންކަން ހިމަނާފައިވުމަކީ ނުރައްކާތެރިކަމެއްގެ ފެށުމުގެ ގޮތުގައި އޭނާ ސިފަކުރައްވާފައިވެއެވެ.

މި އަހަރުގެ ނޮވެމްބަރު މަހު އދ. ގެ އިންސާނީ ހައްގުތަކާއި ބެހޭ އިދާރާއިން ބާއްވާ ޔޫޕީއާރުގެ 36 ވަނަ ބައްދަލުވުމަށް ހުށަހެޅުމަށް އުތެމަ އާއި އެމްޑީއެން އަދި ފްރާންސްގެ އިންޓަނޭޝަން ފެޑަރޭޝަން ފޯރ ހިއުމަން ރައިޓްސް (އެފްއައިޑީއެޗް) ކިޔާ މަދަނީ ޖަމިއްޔާއެއް ގުޅިގެން 2019 ވަނަ އަހަރުގެ އޮކްޓޯބަރު 3 ގައި ތައްޔާރުކޮށްފައިވާ ދިވެހި ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތާއި ބެހޭ ރިޕޯޓުގައި ވަނީ ދިވެހި ރާއްޖޭގައި ފައްޅި އެޅުމަށާއި، ޣައިރު ދީންތަކަށް ފުރުސަތު ދިނުމަށް ގޮވާލާފައި ކަމަށް އިބްރާހިމް ވިދާޅުވެފައިވެއެވެ.

ދަޢުލަތުގެ ވެރިންގެ ހުވަޔާ ޙަވާލާދީ މި ނޫސް ކޮންފަރެންސްގައި އިބްރާހިމް ވިދާޅުވީ، އެހެން ދީންތަކުގެ އާދަކާދައާއި ގުޅުންތައް މި ދިވެހި ގައުމަށް ގެނައުމަށް މަސައްކަތް ކުރުމަކީ އެ ބައެއްގެ ހުވަޔަށް އިހުމާލުވުންކަމުގައި ބެލެވި، ދައުވާ ވެސް ކުރެވޭނެ ވަރުގެ ކަމެއް ކަމަށެވެ. އެހެން ކަމުން ވީހާވެސް އަވަހަށް މިކަމާއި ދެކޮޅަށް ފިޔަވަޅު އަޅާ، ރާއްޖޭގެ ގާނޫނުތައް ނެގެހެއްޓުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން