އެތަކެއް އަހަރު ކުރީން ފެށިގެން ސަގާފީ ބޭސްވެރިކަމުގައި އާންމުކޮށް ބޭނުންކުރާ ރީނދުލަކީ ސިއްހީ ގޮތުން އެތައް ފައިދާއެއް ލިބޭ އެއްޗެއްކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ. ސައިންސްވެރީންގެ ތަހުލީލުތަކުން ދައްކާގޮތުގައި އެކްޓިވް ކޮމްޕައުންޑް، ކަރކިއުމިން އިން ފުރިފައިވާ ރީނދުލަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އެހީތެރިވެދޭ އެންޓި-އިންފްލެމެޓަރީ އަދި އެންޓިއޮކްސިޑެންޓް ޕްރޮޕަޓީތަކެއް އެކުލެވޭ އެއްޗެކެވެ. ވީމާ ރީނދުލުން ލިބޭ ފައިދާތައް އިތުރުކުރެވޭނެ ގޮތަކަށް ރީނދޫ ބޭނުންކުރުމަކީ މުހިންމު ކަމެކެވެ.

ރީނދުލުން ލިބޭ ފައިދާތައް އިތުރުކުރެވިދާނެ ގޮތްތައް:

ރީނދުލާއެކު މުގުރި އަސޭމިރުސް ބޭނުން ކުރުން



ކެއިން ބުއިމުގައި ރީނދޫ ބޭނުންކުރާއިރު މުގުރި ކަޅު އަސޭމިރުސް ކޮޅެއް އެއްކޮށްލުމުން، ރީނދޫގައި ހިމެނޭ ފައިދާ ހުރި ބާވަތްތައް ހަށިގަނޑަށް ލިބިދިނުމަށް އެހީތެރިވެދެއެވެ.

ނިދުމުގެ ކުރިން ރީނދޫ އަޅައިގެން ކިރުތައްޓެއް ބުއިން



ޑައިޓީޝަން ޑރ.އަރޗަނާ ބަޓްރާ ވިދާޅުވާ ގޮތުގައި، ހަށިގަނޑަށް އެންމެ ފައިދާކުރާނެގޮތަށް ރީނދޫ ބޭނުން ކުރުމަށް ރީނދޫ އަޅައިގެން ކިރުތައްޓެއް ބުއިން މާރަނގަޅެވެ. މި ހޫނު ބުއިން ތައްޔާރު ކުރުމަށް ރީނދުލާއި، ކިރާއި އިނގުރު، އަދި މާމުއި އެއްކޮށް ތައްޔާރުކުރެވޭނެއެވެ. މި ބުއިމާއެކު ރީނދުލުގައި ހިމެނޭ އެންޓި-އިންފްލެމެޓަރީ ޕްރޮޕަޓީތަކުން ހުޅުތަކުގައި ރިއްސުން ލުއިކޮށްދީ ރަނގަޅަށް ހަމަ ނިދި ހޯދުމަށް އެހީތެރިވެދޭނެއެވެ.

ރަހަމީރު އަދި ނިއުޓްރިއެންޓް ގިނަ ކާނާ ތައްޔާރުކުމުގައި ރީނދޫ ބޭނުންކުރުން



ހަށިގަނޑަށް އެންމެ ފަސޭހައިން ރީނދުލުގައި ހިމެނޭ ނިއުޓްރިއެންޓްސް ލިބިދޭނީ ކެއިން ބުއިމުގައި ރީނދޫ ހިމެނުމުންނެވެ. ކާނާ ތައްޔާރުކުމުގައި ރީނދުލާއި ޖޯޑު ކުރަން އެންމެ ރަނގަޅީ ތަރުކާރީ ތެލުގައި ކައްކާ ކާނާގެ ބާވަތްތަކާއި ކާށި ނުވަތަ ޒައިތޫނި ފަދަ ތަކެއްޗާއެކުއެވެ. އެގޮތުން ސޫޕް އާއި ރިހަ އިން ފެށިގެން އެއްޗެހި ސްޓާ ފްރައި ކުރުމުގައިވެސް ރީނދޫ ބޭނުންކުރެވޭނެއެވެ.

ރިނދޫ ސައި، އެންޓިއޮކްސިޑެންޓް ބޫސްޓެއް ގެނުވައިދޭ ބުއިމެއް



ކަޅު ސައިގެ ތެރެއަށް ރީނދޫކޮޅެއް ނުވަތަ ރީނދޫގެ މޫކޮޅެއް އެއްކޮށްލުމުން ސިއްހަތަށް ގިނަގުނަ ފައިދާ ލިބޭކަމަށް ދިރާސާތައް ދައްކައެވެ. އެގޮތުން މިބުއިމަކީ އެންޓިއޮކްސިޑެންޓް ބޫސްޓެއް ގެނުވައިދޭ ބުއިމެއްކަމަށް ގިނަބަޔަކު ފާހަގަ ކުރެއެވެ. މިބުއިން ތައްޔާރު ކުރުމަށް ބައި އިންޗީގެ ރީނދޫގެ މޫކޮޅެއް ނުވަތަ 1⁄4 ސައިސަމުސާ މުގުރި ރީނދޫ ކޮޅެއް ހޫނުފެނަށް ނުވަތަ ސައިފަތުފެނަށް އަޅައި ލުނބޯހުތް ކޮޅަކާއި މާމުއި ކޮޅެއްް އަޅާލުމުން ނިމުނީއެވެ. މި ސައިގެ ސަބަބުން މަޑުމަޑުން ހަށިގަނޑު ޑިޓޮކްސްވެ، ދިފާއީ ނިޒާމު ވަރުގަދަކޮށްދީ، ދުޅަހެޔޮކަން ދަމަހައްޓަން މަސައްކަތް ކުރުމަށް އެހީތެރިވެދެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން