އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އޮޕަރޭޝަނަށް ހުރަސްއަޅާ ދޯނިފަހަރު ސަސްޕެންޑު ކުރާނެކަމަށް މިފްކޯއިން ބުނެފިއެވެ.

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި މިހާރު ހިނގަމުންދާ އިހުތިޖާޖުތަކާއި ގުޅިގެން މިފްކޯއިން މިރޭ ބުނީ އޭ.އެފް.ސީގެ އޮޕަރޭޝަން ހުއްޓި ކުންފުންޏަށް މާލީ ގޮތުން ގެއްލުން ވަމުންދާ ކަމަށެވެ. އެހެންކަމުން އެތަން އޮޕަރޭޝަނަށް ގެނައުމަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަމުން ދާކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.

މިފްކޯއިން ބުނީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އޮޕަރޭޝަނަށް ގެނެސް ޢާންމު ހާލަތަކަށް ގެނައުމަށް މިފްކޯގެ މުވައްޒަފުން ކުރަމުން ގެންދާ މަސައްކަތްތަކާއި، ފުލުހުންގެ ޒިންމާތަކަށް ހުރަސް އަޅާ ދޯނިފަހަރުން މިފްކޯއަށް މަސްގަތުން 3 މަސް ދުވަހަށް ސަސްޕެންޑު ކުރާނެ ކަމަށެވެ.

“ކުންފުނީގެ މަސް ރައްކާކުރާ ކޯލްޑް ސްޓޯރޭޖާއި ޕަވަރ ހައުސް އިމާރާތްތާއި، މުވައްޒަފުން ދިރިއުޅެން ކަނޑައަޅާފައިވާ ސަރަހައްދުފަދަ ހުއްދަ ލިބިގެން ނޫނީ ވަނުން މަނާ ސަރަހައްދުތަކަށް ވަދެ، ތަނުގެ އޮޕަރޭޝަން ހުއްޓޭފަދަ ގޮތަކަށް އިހުތިޖާޖުގެ ބައިވެރިންގެ އަމަލުތައް ބަހައްޓާފައިވާކަން ފާހަގަކުރަމެވެ.” މިފްކޯގެ ބަޔާނުގައިވެއެވެ.

މިފްކޯއިން ބުނީ 2023 ވަނަ އަހަރު ނިމުނުއިރު މަސްވެރިންނަށް ނުދެއްކި ހުރި 234 މިލިއަން ރުފިޔާ ޚަލާސްކޮށް، މިއަހަރުގެ މިހާތަނަށް މަސް ދޯނިފަހަރަށް 766 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށެވެ.

އޭގެ އިތުރުން މިފްކޯއަށް މަސް ގަންނަނީ ކިލޯއަކަށް 8 ރުފިޔާގެ ގެއްލުމެއްގައި ކަމަށާއި، މަސްދޯނިފަހަރުން މިފްކޯއަށް ކިރުވާފައިވާ މަަހަށް ދައްކަންޖެހޭ ފައިސާ ދައްކަން ޖެހެނީ ސަރުކާރަށް ބަރޯސާވެގެން ކަމަށް މިފްކޯއިން މަޢުލޫމާތު ދެއެވެ.

އެހެންކަމުން އިތުރަށް ބޭނުންވާ ފައިސާ ހޯދުމަށް ސަރުކާރާއެކު މަސައްކަތްކުރަމުން ގެންދާއިރު، ފައިސާ ދެއްކުން ލަސްވެގެން ދިއުމަކީ އެކުންފުނިން ހިތާމަކުރާ ކަމެއް ކަމަށާއި އެކަމާ ގުޅިގެން ގާނޫނީ އިމުގެތެރެއިން ކުރެވޭ އިހުތިޖާޖުތަކަށް އެއްބާރުލުން ދޭނެކަމަށްވެސް މިފްކޯއިން ވަނީ ބުނެފައެވެ.

އައްޑޫ މަސްވެރިން ބުރާސްފަތި ދުވަހު އިޙްތިޖާޖް ކުރަން ފެށީ މަސްވެރިންނަށް ދޭންހުރި ފައިސާ މިފްކޯއިން ބަރާބަރަށް ދެމުން ނުދާކަމަށް ބުނެއެވެ. އެހެންނަމަވެސް މިފްކޯއިން ބުނީ، އީދު ބަންދަށް 46 މިލިއަން ރުފިޔާ ދޫކޮށް، ހުޅުވޭ ހަފުތާގައި ޕެންޑިންގ ޕޭމަންޓް ކްލިއަރ ކުުރުމާމެދު ހެދޭނެ ގޮތެއް ބަލައި، ސަރުކާރާއެކު މަޝްވަރާކޮށްގެން ގޮތެއް ހޯދާނެކަމަށެވެ.

އެގޮތުން އޮޑިވެރިންނަށް މިހާތަނަށް ނުދެއްކިވާ ފައިސާ ވީއެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ދޫކުރުމަށް މަސައްކަތްކުރަމުން އަންނަކަމަށް މިފްކޯއިން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން