ގައުމީ ޝިޕިންގ ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް) އިން ބައިނަލަޤްވާމީ ކަނޑު ދަތުރުކުރާ މީހުންގެ ދުވަސް ފާހަގަކޮށްފިއެވެ.

އެމްއެސްއެސްގެ އިދާރީ މުވައްޒަފުން މިދުވަސް ފާހަގަ ކުރުމުގެ ގޮތުން ވަނީ މިވަގުތު މާލެ ކައިރީގައި އޮތް އެމްއެސްއެސްގެ އުޅަނދުތަކަށް ޒިޔާރަތްކޮށްފައެވެ. މި ޒިޔާރަތުގައި އިދާރީ މުވައްޒަފުން ވަނީ އުޅަނދުފަހަރުގެ ފަޅުވެރިންނަށް ހަދިޔާ ދީ، އެ ފަޅުވެރިން ކުރާ ބުރަ މަސައްކަތް ފާހަގަކޮށް، މަސައްކަތަށް ބަހައްޓާ ފަރުވާތެރިކަމުގެ އަގުވަޒަންކޮއްފައެވެ.

މިދުވަސް ފާހަގަކޮށްފައިވަނީ ހަމައެކަނި މާލެ ކައިރީގައި މިވަގުތު ހުރި އުޅަނދުތަކުގައި އެކަންޔެއް ނޫނެވެ. ދަތުރުމަތީގައިވާ އެކުންފުނީގެ އުޅަނދުތަކުގައިވެސް މި ދުވަސް ފާހަގަ ކޮށްފައިވާ ކަމަށް އެމްއެސްއެސް އިން މައުލޫމާތުދެއެވެ.

އެމްއެސްއެސް އިން ބުނީ، މާލެ ކައިރީގައި މިވަގުތު ހުރި އުޅަނދުތަކަށް އިދާރީ މުވައްޒަފުންނާއެކު އެމްއެސްއެސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ އަޙްމަދު ޝަރީފް، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ކެޕްޓަން އަޙްމަދު ޒުބައިރު، ސީއޯއޯ ކެޕްޓަން އިބްރާހިމް ރަފީއު، މެރިން ސުޕްރިޑަންޓް އެންޑް ޑީޕީއޭ ކެޕްޓަން އަޙްމަދު ޝާހިދު އަދި އެސްޓީއޯގެ މެރިން ސުޕްރިޑެންޓް އަބްދުލް އަޒީޒް މުޙައްމަދު ވެސް ޒިޔާރަތްކުރައްވައި ފަޅުވެރިންނާ ބައްދަލުކުރެއްވިކަމަށް ކަމަށެވެ. އުޅަނދުތަކަށް ކުރި ޒިޔާރަތުގައި ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފް ވަނީ ފަޅުވެރިންނާއި ވާހަކަ ދައްކަވައި، ފަޅުވެރިންނަށް ހުރި ގޮންޖެހުންތައް އަޑުއައްސަވާފައެވެ. އަދި ފަޅުވެރިން ކުރާ މަސައްކަތުގެ މުހިއްމުކަން ޝަރީފް ފާހަގަކުރެއްވިއެވެ.

ކޮންމެ އަހަރަކު ފާހަގަކުރެވޭ ބައިނަލަޤްވާމީ ކަނޑު ދަތުރުކުރާ މީހުންގެ ދުވަހަކީ ކަނޑު ދަތުރުކުރާ މީހުން، އެމީހުންގެ އިޤްތިސާދު ކުރިއަރުވަން ކުރާ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ފާހަގަކުރާ ދުވަހެކެވެ. މިދުވަސް މިއަހަރު ފާހަގަކުރީ ޖޫން މަހުގެ 25 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން