މާފުށި ޖަލުގައި މިއަދު ނިޔާވި، މުހައްމަދު ޖަމީލް ނިޔާވެފައި އޮއްވާ ފެނުނީ ސަޖިދައިގައި އޮއްވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ޝަރީއަތް ނިމެންދެން މާފުށީ ޖަލުގައި ބަންދުކޮށްފައި ހުރި މުޙައްމަދު ޖަމީލު މަރުވީ މިއަދު އެވެ. ކަރެކްޝަނުން ބުނީ ޖަމީލް ގޮޅިން ބޭރަށް ނުނިކުމެ، ހަރަކާތް ނުކޮތް ގިނައިރު އޮތްކަން ފާހަގަ ކުރެވިގެން މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ގެންގޮސް ސީޕީއާރް ދީފައިވާ ކަމަށާއި އެއްވެސް ބަދަލެއް ނައުމުން، 12:13 ހާއިރު މާފުށީ ސިއްޙީ މަރުކަޒަށް ގެންގޮސް އޭނާއަށް ފަރުވާ ދޭން ފެށި ކަމަށެވެ.

އޭނާ ހިތް ހުއްޓިގެން ނިޔާވި ކަމަށް ކަނޑައަޅާފައިވަނީ 12:45ގައި ކަމަށް ކަރެކްޝަނުން މައުލޫމާތުދެއެވެ. އެމީހާ އަށް ޖަލުގައި އަނިޔާ ކޮށްފައިވާ ކަމަށް ތުހުމަތުކުރަމުމްދާތީ ހޯމްނމިނިސްޓަރު އަލީ އިހުސާން މިރޭ ވިދާޅުވީ ޖަމީލު ބަންދުކޮށްފައި ހުރި ގޮޅީގެ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި އެންމެ ފަހުގެ ވަގުތުތަކުގައި އޭނާ ހުރީ ނަމާދު ކުރާށެވެ. އަދި މަރުވެފައި އޮއްވައި ފެނުނީ ސަޖިދައިގައި އޮއްވައިކަމަށް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ޖަލުގައި ހިނގާ ކޮންމެ މަރެއްގެ މިނިވަން ތަހުގީގެއް ހިންގަނީ އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މަރަކާ ގުޅޭގޮތުން ޝައްކުވާ ނުވަތަ ތުހުމަތުވާ ކަމެއް އޮތްނަމަ އެ ކަމެއް ވެސް ހިއުމަން ރައިޓްސް ކޮމިޝަން، އެޗްއާރްސީއެމުން މިނިވަންކަމާއެކު ތަހުގީގުކުރާނެ ކަމަށެވެ. އަދި އެ މަރާ ގުޅޭ ފުރިހަމަ ތަހުގީގެއް ހިންގުމުގެ އިތުރުން، ޖަމީލްގެ އާއިލާގެ ހުއްދައާއެކު އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން ވެސް އަންގައިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި ތަހުގީގު ކުރިއަށްދާއިރު ހުރިހާ އިދާރާއަކަށް ވެސް ކަރެކްޝަންސްގެ އެއްބާރުލުން ލިބޭނެކަމަށާއި ސީސީޓީވީ ފުޓޭޖު ވެސް ކަމާ ބެހޭ އިދާރާތަކަށް ހިއްސާކުރާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ޖަމީލު ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރީ ނުރައްކާތެރި އަދި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލައެއްގައެެވެ. އަދި އޭނާ އަކީ ނަފުސާނީ ބައްޔަކަށް ފަރުވާކުރަމުން އައި މީހެއް ކަމަށް ވެސް ކަރެކްޝަނުން މީގެ ކުރިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން