މީގެ ފަހުން ޖަލުގައި ނިޔާވާ ހުރިހާ ޤައިދީންގެ ޕޯސްޓްމޯޓަމް ހަދާނެ ކަމަށް ދާޚިލީ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދާޚިލީ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ މީގެފަހުން ކަރެކްޝަންގެ ބެލުމުގެ ދަށުގައި ހުންނަ މީހަކު ނިޔާވެއްޖެނަމަ ޕޯސްޓްމޯޓަމް ނުހަދާ އެމީހެއްގެ ހަށިގަނޑު އާއިލާއާއި ހަވާލު ނުކުރައްވާނެ ކަމަށެވެ.

އިޙްސާން މިއަދު ވިދާޅުވީ މާފުށީ ޖަލުގައި އިއްޔެ ނިޔާވި އުމުރުން 45 އަހަރުގެ ޖަމީލްގެ މަރާ ގުޅޭގޮތުން ތަފާތު ވާހަކަތައް މީސްމީޑިއާގައި ފެތުރިފައިވާތީ އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް މަސައްކަތް ކުރެއްވި ކަމަށެވެ.

އެގޮތުން ޖަމީލްގެ ހަށިގަނޑާ ޙަވާލުވުމަށް ފުލުހުން ސަހަރާއަށް ދިއުމުން އެއީ ގުދުރަތީ މަރެއް ކަމަށް ގަބޫލުކުރާ ކަމަށާއި ޕޯސްޓްމޯޓަމް ހަދައިގެން ހަށިގަނޑަށް ގެއްލުންދޭން ބޭނުން ނުވާ ކަމަށް އޭނާގެ އާއިލާއިން ބުނެފައިވާ ކަމަށް އިހުސާން ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން މިހާރު ނިންމާފައިވަނީ މީގެ ފަހުން ޖަލުގައި އެއްވެސް ހާލަތެއްގައި ނިޔާވާ އެއްވެސް ގައިދީއެއްގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފަހު ނޫނީ އާއިލާއަށް ދޫނުކުރުމަށް ކަމަށް އިޙްސާން މިއަދު ވިދާޅުވިއެވެ.

“މީގެ ފަހުން ޖަލުގައި އެއްވެސް ހާލަތެއްގައި ނިޔާވާ އެއްވެސް ގައިދީއަކު އަޅުގަނޑުމެންގެ ބެލުމުގެ ދަށުން ދޫކުރާނީ ފުރިހަމަ ޕޯސްޓްމޯޓަމެއް ހެދުމަށް ފަހު. އާއިލާއާ ހިސާބަށް އަޅުގަނޑުމެން ހަށިގަނޑު ހަވާލުކުރާނީ ޕޯސްޓްމޯޓަމް ހަދައި އެކަމުގެ ރިޕޯޓުތައް ލިބި މުއައްސަސާތަކުން ޖަވާބުދާރިވެވޭ ވަރަށް ތައްޔާރުވެގެން.” އިޙްސާން ވިދާޅުވިއެވެ.

ޖަމީލް ނިޔާވެފައި ވަނީ ނަމާދަށް ސަޖިދައިގައި އޮށްވައި ކަމަށާއި އޭނާ އެގޮތަށް 4 ގަޑީއިރު އޮތްކަމަށް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ ހާމަކޮށްފައެވެ.

އެކަމާ ގުޅިގެން އިޙްސާން މިއަދު ވިދާޅުވީ މީގެ ފަހުން ގައިދީއަކު އަޅުކަމުގައި ހުރިނަމަވެސް ގަޑިއިރަކު އެއްފަހަރު އެމީހެއްގެ ފުރާނަ ހުރިތޯ ބަލާނެ ކަމަށެވެ.

ޝަރީއަތް ނިމެންދެން މާފުށީ ޖަލުގައި ބަންދުކޮށްފައި ހުރި މުޙައްމަދު ޖަމީލު ނިޔާވީ އިއްޔެއެވެ. އޭނާ ހިތް ހުއްޓިގެން ނިޔާވި ކަމަށް ޑޮކްޓަރުން ކަނޑައެޅީ އިއްޔެ 12:45 ގައި ކަމަށް ކަރެކްޝަނުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން