ވިލިމާލެ-
ވިލިމާލެ-
ކައިވެނިން ބޭރުން ވިހެއި އެއްމާބަނޑު ދެކުދިންގެ ތެރެއިން އެއް ކުއްޖަކު ނިޔާވި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނި ގޮތުގައި، ކައިވެނިން ބޭރުން އަންހެނަކު ވިހާފައިވާ ކަމުގެ މައުލޫމާތު މިދިޔަ ހޯމަ ދުވަހުގެ ރޭ 21:07 ހާއިރު ވިލިމާލެ ހޮސްޕިޓަލުން ވަނީ ރިޕޯޓުކޮށްފައެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި އުމުރުން 37 އަހަރުގެ މި ދިވެހި އަންހެންމީހާ އަމިއްލައަށް ހޮސްޕިޓަލަށް ގުޅައި، އޭނާ ދިރިއުޅޭ ގޭގެ ފާހާނާ ތެރެއަށް ވިހާފައިވާ ކަމުގެ މައުލޫމާތު ދިނުމާ ގުޅިގެން، ހޮސްޕިޓަލުގެ ޑޮކްޓަރަކާއި ނަރުހަކު އެ ގެއަށް ދިއެވެ. އަދި އެމްބިއުލާންސްގައި މަންމައާއި އަލަށް އުފަންވި ތުއްތު ދަރިފުޅު ހޮސްޕިޓަލަށް ގެންގޮސް ބެލިބެލުމުން، އަންހެންމީހާގެ ބަނޑުގައި އިތުރު ކުއްޖަކު އޮތްކަން ވަނީ އެނގިފައެވެ.

ފުލުހުން ހާމަކުރި ގޮތުގައި، ހޮސްޕިޓަލުގައި ދެވަނަ ކުއްޖާ ވިއްސި ނަމަވެސް، ވިހެއިއިރު އެ ކުއްޖާ ވަނީ ނިޔާވެފައެވެ.

މި ހާދިސާގައި ވިހާފައިވަނީ އެއްމާބަނޑު ދެ ފިރިހެން ކުދިންނެވެ. އޭގެ ތެރެއިން ފުރަތަމަ ވިހެއި ކުއްޖާގެ ހާލު ރަނގަޅު ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު