ފޮޓޯ: ވ. ތިނަދޫ ކައުންސިލްގެ ފޭސްބުކް ޕޭޖް
ފޮޓޯ: ވ. ތިނަދޫ ކައުންސިލްގެ ފޭސްބުކް ޕޭޖް
ވ. ތިނަދޫގައި ހިންގާ ގެސްޓްހައުސްއެއްގައި އެއް ޖިންސުން ކައިވެނި ކޮށްދިނުމުގެ ހަފުލާއެއް ބޭއްވި މައްސަލައެއް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް އެދި، އެ ރަށު ކައުންސިލުން ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކަށް ރަސްމީކޮށް ހުށަހަޅައިފިއެވެ.

މި މައްސަލައާ ގުޅިގެން ތިނަދޫ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ، އެ ރަށުގައި ރަޖިސްޓްރީކޮށްގެން ހިންގަމުން އަންނަ ‘އިކޯބޫ މޯލްޑިވްސް’ ގެސްޓްހައުސްގައި މިދިޔަ ހޯމަ ދުވަހު އެއް ޖިންސުން ދެ އަންހެނުން ކައިވެނިކޮށްދިނުމުގެ ހަފުލާއެއް ބާއްވާފައިވާ ކަމަށެވެ. އަދި މިކަމާ ގުޅިގެން އެ ކައުންސިލުން އިންތިހާއަށް ކަންބޮޑުވުން ފާޅުކުރާ ކަމަށް ވެސް ބަޔާނުގައިވެއެވެ.

ކައުންސިލުން ބުނީ، އެއް ޖިންސުން ކައިވެނި ކުރުމާއި އެފަދަ ނުރަނގަޅު ކަންކަމަށް ހިތްވަރުދޭ ހަރަކާތްތައް ދިވެހިރާއްޖޭގެ އެއްވެސް ތަނެއްގައި ހިންގުމަކީ މާތްވެގެންވާ އިސްލާމް ދީނާއި، ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުން މަނާކޮށްފައިވާ، އަދި އެއްވެސް ހާލެއްގައި ހުއްދަކުރާ ކަންކަން ނޫން ކަމަށެވެ.

މީގެއިތުރުން، މިފަދަ ދަށުދަރަޖައިގެ އަމަލެއް ތިނަދޫގައި ހިންގުމަކީ އެ ރަށާ މެދު ނުރަނގަޅު ތަސައްވުރެއް އުފެދިގެންދާނެ ކަމެއް ކަމަށާއި، މިކަމުގެ ސަބަބުން ރަށުގެ އާންމު ރައްޔިތުންނަށާއި ރަށުގައި ފުޅާދާއިރާއެއްގައި ހިންގަމުން އަންނަ ލޯކަލް ޓޫރިޒަމްގެ ސިނާއަތަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށް ކައުންސިލްގެ ބަޔާނުގައި ބުނެފައިވެއެވެ.

ހަމައެއާއެކު އިސްލާމްދީނާއި ރާއްޖޭގެ ގާނޫނުތަކާ ހިލާފު އެއްވެސް ހަރަކާތެއް އެ ރަށުގައި ހިންގުމަކީ ކައުންސިލުން އެއްވެސް އިރެއްގައި ތާއީދުކުރާނެ ކަމެއް ނޫން ކަމަށް ބަޔާނުގައި ތަކުރާރުކޮށް ބުނެފައިވެއެވެ. އަދި މި މައްސަލައިގައި ކައުންސިލްގެ އިހުތިސާސާއި ބާރުގެ ދަށުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް ފަސްޖެހުމެއް ނެތި އަޅަމުން ގެންދާނެ ކަމުގެ ޔަގީންކަން ވެސް ތިނަދޫ ކައުންސިލުން ވަނީ ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު