ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން
އުމުރުން 16 އަހަރުން ދަށުގެ ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުންކުރުމުގައި ހަރުދަނާ ހިފެހެއްޓުންތަކެއް ގެނައުމަށްޓަކައި ސަރުކާރުގެ ފަރާތުން ޚާއްޞަ ސިޔާސަތެއް އެކުލަވައިލުމުގެ މަސައްކަތް ފަށައިފިއެވެ. މިކަމާ ގުޅޭގޮތުން ގޮތެއް ނިންމުމަށްޓަކައި އެކުލަވައިލި ޚާއްޞަ ކަރުދާހެއް މިހާރު ވަނީ ސަރުކާރުގެ ސޯޝަލް ކައުންސިލަށް ހުށަހަޅާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، ކުޑަކުދިން މީސްމީޑިއާގެ ނުރައްކާތަކުން ދުރުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ޓެކްނިކަލް ޓީމުތަކުގެ ލަފަޔާއެކު އެކުލަވައިލެވުނު ކަރުދާހެއް ސޯޝަލް ކައުންސިލަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މި މައްސަލައިގައި ވަކި ގޮތެއް ނިންމުމުގެ ކުރިން ސޯޝަލް ކައުންސިލްގެ މަޝްވަރާއާއި ލަފާ ހޯދުމުގެ އިތުރުން، އާންމުންނާ އެކު ވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރިއަށްގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެއަށްފަހު، މިކަމާ ގުޅޭ ޚާއްޞަ ސިޔާސަތެއް އެކުލަވައިލައި ވަޒީރުންގެ މަޖިލީހަށް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ.

ހަމައެއާއެކު ވަޒީރު ވިދާޅުވީ، ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި ވެސް މިފަދަ ކަންކަމުގައި އަމަލުކުރަމުންދާ ކާމިޔާބު ނަމޫނާތަކަށް ބަލައިގެން ރާއްޖޭގެ ޑިޖިޓަލް މާހައުލަކީ ކުދިންނަށް އަމާން، ރައްކާތެރި ތަނަކަށް ހެދުމަށް ސަރުކާރުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.

ވަޒީރު ވިދާޅުވީ، ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްފަދައިން ރާއްޖޭގައި ވެސް މީސްމީޑީއާ ޕްލެޓްފޯމުތައް ކުޑަކުދިން އުމުރު އޮޅުވާލައިގެން ބޭނުންކުރަމުންދާ ކަމަށެވެ. އަދި މިކަމަށް ޓެކްނޮލޮޖީގެ ގޮތުން ގެންނާނެ ސީދާ ހައްލެއް އަދި ފައިނަލް ނުވި ނަމަވެސް، އެންމެ ބޮޑު އިސްކަމެއް ދެނީ ގައުމީ ފެންވަރުގެ އޮތެންޓިކޭޝަން ނިޒާމެއް މެދުވެރިކޮށް އުމުރު ކަށަވަރުކުރުމަށް ކަމަށް ވިދާޅުވިއެވެ. އެގޮތުން އުމުރުން 10 އަހަރުން ދަށުގެ ކުދިންނަށް އީފާސް ދިނުމަށް ނިންމާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

"އެއީ އަޅުގަނޑުމެންގެ ނެޝަނަލް ލެވެލްގެ އޭޖް ވެރިފިކޭޝަން ހެދިފައި ހުންނަ ދައުލަތުގެ ލެވެލްގައި އެ މީހަކީ އެ އުމުރުގެ މީހެއްކަން ކަށަވަރުކުރެވޭ ގޮތަށް ޑިޒައިން ކުރެވިފައި ހުރި އެއްޗެއް." ވަޒީރު ވިދާޅުވެފައިވެއެވެ.

ނަމަވެސް މުޅި ނިޒާމު ތަންފީޒު ކުރާނެ ގޮތަކާމެދު އަދި ގޮތެއް ނުނިންމާ ކަމަށާއި އެ މަސައްކަތް އޮތީ ވަރަށް ކުރީކޮޅުގެ މަރުހަލާއެއްގައިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. ހަމައެއާއެކު ސަރުކާރުގެ އަމާޒަކީ އެންމެ ގިނަވެގެން އެއް އަހަރު ދުވަހުގެ ތެރޭގައި މި ނިޒާމު އަމަލީގޮތުން ތަންފީޒުކުރަން ފެށުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

ކުޑަކުދިން ސޯޝަލް މީޑިއާގެ ނުރައްކާތަކުން ހިމާޔަތްކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް މީގެކުރިން ވަނީ ކަންބޮޑުވުން ފާޅުކުރަށްވާފައެވެ. އެގޮތުން، ސައިބަރ ބުލީންގ އަދި އޮންލައިން ގްރޫމިންގ ފަދަ ގެއްލުންހުރި ނޭދެވޭ ކަންކަމުގެ ޝިކާރައަކަށް ޒުވާނުންނާއި ކުޑަކުދިން ވެގެންދިޔުމަކީ މިއަދު މުޅި ދުނިޔެއަށް ވެސް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށާއި، އެހެންކަމުން އެފަދަ ނުރައްކާތަކުން ޅަދަރިން ހިމާޔަތް ކުރުމަކީ މުޅި މުޖުތަމަޢާއި ދައުލަތުގެ ބޮޑު މަސްއޫލިއްޔަތެއް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް