ކަސްޓަމްސް ބިލްޑިންގ
ކަސްޓަމްސް ބިލްޑިންގ
މޯލްޑިވްސް ކަސްޓަމްސް ސަރވިސް މެދުވެރިކޮށް ދައުލަތަށް ލިބޭ އެންމެހައި ފައިސާ ބަލައިގަތުމުގެ ނިޒާމު ހަރުދަނާކޮށް، އެ މަސައްކަތްތައް މާލީ ވުޒާރާގެ ބެލުމުގެ ދަށަށް ބަދަލުކުރުމަށްޓަކައި ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނަށް މުހިންމު އިސްލާޙުތަކެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހެޅުއްވީ ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ، މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރެވެ.

މި އިސްލާޙު ހުށަހެޅުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ، ކަސްޓަމްސް މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާ ބަލައިގަތުމާއި، އެ ފައިސާގެ ހިސާބުތައް ބެލެހެއްޓުމާއި ރިޕޯޓުކުރުމުގެ އެންމެހައި ކަންކަން ހިނގަމުންދަނީ ދައުލަތުގެ ފިސްކަލް ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަން ކަށަވަރުކުރުމެވެ. މީގެ އިތުރުން ކަސްޓަމްސްގެ ގަވާއިދުތައް ހެދުމުގައްޔާއި، ކަމާގުޅޭ އެކި އުސޫލުތަކާއި ސަރކިއުލާތައް ނެރުމުގައި މާލީ ވުޒާރާއަށް މިހާރަށްވުރެ ފުޅާ އަދި ސާފު ދައުރެއް ކަނޑައެޅުންވެސް މި ބިލުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.

ބިލުގައި ބަޔާންކޮށްފައިވާ މުހިންމު ނުކުތާތަކަށް ބަލާއިރު، ކަސްޓަމްސްގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ ފައިސާ ދައުލަތުގެ އަހަރީ ބަޖެޓުގައި ހިމަނަންވާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި އެ ބަޖެޓު މަޖިލީހަށް ހުށަހަޅަންވާނީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ ލަފަޔާއެކުގައެވެ.

ހަމައެއާއެކު، ރާއްޖެއަށް އެތެރެކުރެވޭ މުދަލުގެ އަގު ކަނޑައެޅުމުގެ ގަވާއިދުތައް އެކުލަވާލުމުގައްޔާއި، އިމްޕޯޓް ޑިއުޓީ އާއި އެހެނިހެން ފީތައް ދެއްކުމުގައި ލުއި ދިނުމާއި އިސްތިސްނާ ކުރުމުގެ އުސޫލުތައް އެކަށައެޅުމުގައި ފިނޭންސް މިނިސްޓަރުގެ ލަފާ ހޯދަންޖެހޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. އަދި ދައުލަތަށް ލިބެންޖެހި ނުލިބި ހުރި ފައިސާތައް ދެނެގަނެ، އެ ފައިސާ އަނބުރާ ހޯދުމުގެ ކަންކަމުގައިވެސް މާލީ ވުޒާރާގެ އިރުޝާދު ހޯދަންވާނެ ކަމަށް މި އިސްލާޙުގައިވެއެވެ.

މާލީ ވުޒާރާއިން ދެކޭގޮތުގައި، ކަސްޓަމްސްގެ އާމްދަނީއާ ގުޅޭ ކަންކަން އެ ވުޒާރާގެ ބެލުމުގެ ދަށަށް ގެނައުމަކީ ދައުލަތުގެ އާމްދަނީ އިތުރުކުރުމަށާއި، ތަންފީޒީ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެ މުހިންމު ފިޔަވަޅެކެވެ.

ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައިވެސް އާމްދަނީގެ ސިޔާސަތުތައް އިސްލާޙުކުރުމަށް ރާވާފައިވާ ކަންކަމުގެ ތެރޭގައި ޤާނޫނަށް މި ބަދަލު ގެނައުން ހިމަނާފައިވެއެވެ. އަދި މަޖިލީހަށް ބަޖެޓު ހުށަހަޅުއްވަމުން ދެއްވި ބަޔާނުގައި، މިފަދަ އިސްލާޙެއް ގެންނަވާނެކަން މާލީ ވަޒީރު ވަނީ ކުރިންވެސް އިޢުލާނު ކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް