މަސްވެރިން މިފްކޯއަށް ކިރުވާފައިވާ މަހަށް މިހާތަނަށް ދައްކަންޖެހިފައިވާ ފައިސާ، ސަރުކާރާއި މިފްކޯއާއި ގުޅިގެން 1 ޖުލައިގައި ދޫކުރާނެކަމަށް މިފްކޯއިން ބުނެފިއެވެ.

މިފްކޯއިން މިކަން ހާމަކޮށްފައިވަނީ މިއަދު އެކުންފުނިން އާންމު ކުރި ނޫސް ބަޔާނެއްގައެވެ.

މިފްކޯއިން ބުނީ ބައިނަލްއަގްވާމީ ބާޒާރުގައި މަސްވިއްކުމަށްފަހު ލިބޭ އާމްދަނީއަށްވުރެ މަސްވެރިންގެ އަތުން ގަންނަ މަހަށް ދައްކަންޖެހޭ ފައިސާއާއި މަސް ގަނެ، ޕްރޮސެސްކޮށް، ވިއްކުމަށް ހިނގާ ޚަރަދު ބޮޑުތަނުން އިތުރުވާތީ ކުންފުންޏަށް އިތުރަށް ބޭނުންވާ ފައިސާ މިހާތަނަށް ހަމަޖައްސާފައިވަނީ ލޯނު ނަގައިގެންނާއި ސަރުކާރުގެ އެހީގައިކަމަށެވެ.

މީގެއިތުރުން 1 ޖުލައިގައި ދޫކުރާ ފައިސާ ހިމަނައިގެން މިއަހަރުގެ މިހާތަނަށް އައިއިރު ސަރުކާރުން 353 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާކަމަށް މިފްކޯއިން ބުނެއެވެ. އަދި، މިފްކޯއަށް ލިބިފައިވާ އާމްދަނީއިން މަސްވެރިން ކިރުވާފައިވާ މަހަށް އިތުރު 389 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށްވެސް އެކުންފުނިން ބުނެއެވެ. މިގޮތުން ތެލާއި އައިސްއަށް ދީފައިވާ ކުރެޑިޓު ހިމެނޭހެން 831 މިލިއަން ރުފިޔާ މިއަހަރު މަސް ދޯނިފަހަރަށް ދޫކުރެވިފައިވާކަމަށްވެސް އެކުންފުނިން ބުނެފައި ވެއެވެ.

މިފްކޯއިން ބުނީ މިހާރު މަސް ގަންނަމުންދާގޮތަށް މާކެޓު އަގަށް ރިއާޔަތްނުކޮށް މަސްވެރިންގެ އަތުން މަސްގަނެ ޕްރޮސެސްކޮށް އެކްސްޕޯޓުކުރަމުން ދިއުމަކީ މާލީގޮތުން ދެމެހެއްޓެނިވި ކަމެއްނޫންކަމަށެވެ. އެހެންކަމުން މިކަމަށް ދާއިމީ ހައްލެއް ހޯދުމުގެގޮތުންނާއި، މަސްވެރިންގެ އަތުން ގަންނަ މަހަށް ދޭންޖެހޭ ފައިސާ ގަވާއިދުން ދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި 1 ޖުލައިއިން ފެށިގެން މިފްކޯއިން މަސްވެރިން އަތުން މަސްގަންނަމުންދާނީ ބައިނަލްއަޤްވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަމަހުގެ އަގު ހުރި މިންވަރަށާއި މަސް ގަނެ އެކްސްޕޯޓުކުރުމަށް ހިނގާނޭ ޚަރަދުތަކަށް ބަލައި ކޮންމެ ހަފްތާއަކު ކަނޑައަޅާ އަގެއްގައިކަމަށް މިފްކޯގެ ބަޔާނުގައި ބުނެފައިވެއެވެ. މިފްކޯއިން ބުނީ ކޮންމެ ހަފްތާއަކު ކަނޑައަޅާ އަގު ކޮންމެ ހަފްތާއަކު އާންމުކޮށް މިފްކޯއިން އިޢުލާން ކުރަމުންގެންދާނެ ކަމަށެވެ.

މީގެ އިތުރުން، މިފްކޯގެ އެފިޝަންސީ އިތުރުކޮށް، އާމްދަނީ އިތުރުކުރެވޭނެ އިތުރުގޮތް ގޮތް ބަލައި، ޚަރަދުތައް ކުޑަކުރުމަށް ހަރުދަނާ ފިޔަވަޅުތައް ސަރުކާރުގެ ކަމާއި ގުޅޭ ވުޒާރާތަކާއި ގުޅިގެން އަޅަމުންދާނެ ކަމަށް މިފްކޯގެ ބަޔާނުގައި ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން