ކާމިޔާބު މީހެއްގެ ގައިގައި ތަފާތު ސިފަތައް ހުންނަން ޖެހޭ.
ކާމިޔާބު މީހެއްގެ ގައިގައި ތަފާތު ސިފަތައް ހުންނަން ޖެހޭ.
ދަރިންނަކީ މައިންބަފައިންގެ ދެލޮލުގެ ނޫރެވެ. ދަރިން ބޮޑުވެ މުޖުތަމައަށް ނިކުންނައިރު ކާމިޔާބު، އެހެންމީހުން ބަލައިގަންނަފަދަ މީހަކަށް ވުމަށް ކޮންމެ ބެލެނިވެރިއަކުވެސް އުންމީދު ކުރެއެވެ.

ދަރިން މުސްތަގުބަލުގައި ކުރިއަރައި ކާމިޔާބު މީހަކަށް ވާނެކަން ލަފާކުރުމުގެ ވަކި ހާއްސަ ފޯމިއުލާއެއް ނެތް ކަމުގައި ވީނަމަވެސް އެކުދިން ބޮޑުވަމުން އަންނައިރު އެކުދިންގެ ކިބައިން ފެނިގެންދާ ކަންތައްތަކަށް ބަލައި މިކަން ލަފާ ކުރެވިދާނެއެވެ.

ރެޒިލިއެންސް ނުވަތަ ހާލަތްތަކަށް ފެތެން އެނގުން

ރެޒިލިއެންސް ނުވަތަ ތިމާގެ ވަށައިގެންވާ ހުރިހާ ހާލަތްތަކަށް ފެތެން އެނގުމަކީ މީހާ ކާމިޔާބު މީހަކަށް ވާނެކަން އަންގައިދޭ ސިފައެކެވެ. މި ސިފަ ހުންނަ ނަމަ ތިމާއަށް ދިމާވާ ކަންކަމުގައި މާޔޫސް ނުވެ، ނާކާމިޔާބީއާއި ހުރަސްތަކާ ކެތްތެރިކަމާއެކު ކުރިމަތިލާނެއެވެ. މި ސިފައަކީ ދިރިއުޅުމުގައި ދިމާވާ އެކި ކަހަލަ އުސްމިންތަކާއި އަދި އަޑިގުޑަންތަކާ ކުރިމަތި ލުމުގައި ކޮންމެހެންވެސް ބޭނުންތެރި ސިފައެކެވެ.

މި ސިފަ ދަރިންގެ ކިބައިގައި ހުރިތޯ ދެނެގަނެވޭނެ ގޮތްތަކެއް ވެއެވެ. އެއީ:



⁃ ނާކާމިޔާބީތަކުން ނުވަތަ މާޔޫސްވާ ކަންތައް ތަކުން އަރައިގަންނަން އެނގުން.

⁃ ހުރަސްތައް ކުރިމަތިވުމުން އެކަންތަކާ ކެރިގެން ކުރިމަތިލައި އެކަންތައް ރަނގަޅު ކުރުމަށް މަސައްކަތް ކުރުން.

⁃ ދަތި އުނދަގޫ ވަގުތުތަކުގައިވެސް އުންމީދު ގެއްލުވާނުލުން.

މި ސިފަ ދަރިންގެ ގައިގައި އަށަގެނެވުމަށް މައިންބަފައިންނަށް ކަންތައްތަކެއް ކުރެވިދާނެއެވެ. އެގޮތުން ދަރިންނަށް މައްސަލަތަކާ ކުރިމަތިލައި ހައްލުކުރުމަށް ހިއްވަރުދީ، ދަރިންނަށް ބޭނުންވާ އިމޯޝަނަލް ސަަޕޯޓު ފޯރުކޮށްދީ، އަދި މީގެ އިތުރުން ކަންތަކާ ކުރިމަތިލާން ދަސްކޮށްދިނުމަކީ ބެލެނިވެރިންނަށް ކުރެވޭނެ ކަންތައްތަކެވެ.

ކިއުރިއޮސިޓީ ނުވަތަ ކަންތައް ހޯދުމަށް ޝައުގުވެރިވުން

ކަންތައްތައް ހޯދުމަށް ޝައުގުވެރިކަން ހުރުމަކީވެސް ކާމިޔާބު މީހެއްގެ ގައިގައި ހުންނާނެ ސިފައެކެވެ. ކަންކަމަށް ޝައުގުވެރިކަން ހުންނަ ނަމަ އެއީ އާ ކަންތައްތައް ހޯދައި، އެކަންކަމާމެދު ވިސްނައި އެކަންތައް ދަސްކުރުމަށް ލިބޭ ވަރަށް ބޮޑު ބާރެކެވެ. މިއީ ވަޒީފާގެ މައިދާނުގައި މީހާ ކުރިއަރާ ދިއުމަށް ވަރަށްވެސް ބޭނުންތެރި ސިފައެކެވެ.

މި ސިފަތައް ދަޜިންގެ ކިބައިގައި ހުރިތޯ ދެނަގަނެވޭނެ ގޮތްތަކެއް ވެއެވެ. އެއީ:

⁃ ކަންކަމާ ގުޅޭ ގޮތުން ގިނަގިނައިން ސުވާލު ކުރުން.

⁃ އާ ކަންތައްތަަކާއި އައިޑިއާތައް ދެނެގަތުމަށް ބޭނުންވުން.

⁃ އާ ކަންތައްތައް ދަސްކުރުމަށް ޝައުގުވެރިކަން ހުރުން.

މި ސިފަ ދަރިންގެ ގައިގައި އަށަގެނެވުމަށް މައިންބަފައިންނަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި ކަންކަން އެކްސްޕްލޯ ކޮށް ދެނެގަތުމަށް ކުއްޖާއަށް ފުރުސަތުދިނުމާއި އަދި ކަންކަމުގައި ސުވާލު އުފެއްދުމަށް ބާރު އެޅުން ހިމެނެއެވެ.

އަމިއްްލަ ނަފްސު ޑިސިޕްލިން ކުރަން އެނގުން

އަމިއްލަ ނަފްސު ޑިސިޕްލިން ކުރަން އެނގުމަކީވެސް މީހާ ކާމިޔާބު ވާނެކަން އަންގައިދޭ ސިފައެކެވެ. ތިމާގެ ޖަޒުބާތުތަކާއި ސުލޫކުތައް ކޮންޓްރޯލު ކުރަން އެނގުމަކީ ދިރިއުޅުމުގެ މައިދާނުގައި ކުރިއަރައިގެން ދިއުމަށް ވަރަށް ބޭނުންތެރި ކަމެކެވެ. މިއީ ތިމާގެ ލަނޑުދަނޑިތަކަށް ހާސިލް ވުމަށްވެސް ވަރަށް ބޭނުންތެރި ސިފައެކެވެ.

މި ސިފަތައް ދަޜިންގެ ކިބައިގައި ހުރިތޯ ދެނަގަނެވޭނެ ގޮތްތަކެއް ވެއެވެ. އެއީ:

⁃ ވަގުތު ރަނގަޅު ގޮތުގައި މެނޭޖު ކުރަން އެނގުން.

⁃ ޒިންމާތަކާއި ކޮމިޓްމެންޓްތައް ފުރިހަމަ ކުރަން އެނގުން.

⁃ ހިތްހަމަ ނުޖެހޭ ވަގުތުތަކުގައި އެކަން ފާޅުނުކުރުން.

މި ސިފަ ދަރިންގެ ގައިގައި އަށަގެނެވުމަށް މައިންބަފައިންނަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި ދަރިންނަށް ލަނޑުދަނޑިތައް ކަނޑައެޅުމަށް ދަސްކޮށްދިނުމާއި، ރޫޓިންތަކެއް ކަނޑައެޅުމާއި އަދި ނަފްސު ކޮންޓްރޯލު ކުރަން ދަސްކޮށްދިނުން ހިމެނެއެވެ.

އެންޕަތީ ނުވަތަ އަނެކާގެ އިހުސާސްތައް ދެނެގަންނަން އެނގުން

އެންޕަތީ ނުވަތަ އަނެކާގެ އިހުސާސްތައް ދެނެގަންނަން އެނގުމަކީ ކާމިޔާބު މީގެއްގެ ގައިގައި ހުންނަންޖެހޭ ސިފައެކެވެ. މިއީ މީހުންނާ ގުޅުން ބަދަހިކޮށް މުއާމަލާތު ކުރުމުގައި ވަރަށް ބޭނުންތެރި ސިފައެކެވެ.

މި ސިފަތައް ދޜިންގެ ކިބައިގައި ހުރިތޯ ދެނަގަނެވޭނެ ގޮތްތަކެއް ވެއެވެ. އެއީ:

⁃ އަނެކާގެ ޖަޒުބާތުތައް ދެނެގަނެ އަނެކާގެ ޖަޒުބާތުތަކަށް އިހްތިރާމް ކުރުން.

⁃ މީހުންނަށް ކަންކަމުގައި ފަސްނުޖެހި އެހީތެރިވުން.

⁃ އެކި މީހުންގެ ނަޒަރިއްޔާތު ތަފާތުވާނެކަން ދެނެގަތުން.

މި ސިފަ ދަރިންގެ ގައިގައި އަށަގެނެވުމަށް މައިންބަފައިންނަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި އޯގާތެރި ސުލޫކު ގެންގުޅުމުގައި ނަމޫނާއަކަށް ވުމާއި، އިހްސާސްތަކާ ބެހޭ ގޮތުން ދަރިފުޅާ ވާހަކަ ދެއްކުމާއި އެހެން މީހުންނަށް އެހީތެރިވުމަށް ބާރުއެޅުން ހިމެނެއެވެ.

މި ދެންނެވުނު ސިފަތަކަކީ ކާމިޔާބު މީހެއްގެ ކިބައިގައި ހުންނާނެ ބައެއް ސިފަތަކެވެ. ވީމާ ދަރިން ޔަރުބިއްޔަތު ކުރާއިރު މި ސިފަތައް އެކުދިންގެ ގައިގައި އަށަގެނެވުމަށް މައިންބަފައިން މަސައްކަތް ކުރަން ޖެހެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން