ބިދޭސީ މަސައްކަތްތެރިންގެ ފީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ އަދިވެސް ނުލިބިވާ ކަމަށް ދާޚިލީ ވުޒާރާއިން ބުނެފިއެވެ.

ދާޚިލީ ވުޒާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަބްދުލް މަޖީދު އިބްރާހިމް ވިދާޅުވީ، ބިދޭސީ މަސައްކަތްތެރިންގެ ފީގެ ގޮތުގައި ލިބުނީ 74 މިލިއަން ރުފިޔާ ކަމަށާއި ނުލިިބި 1.6 ބިލިއަން ރުފިޔާ އަދިވެސް އެބަހުރި ކަމަށެވެ.

ބިދޭސީ މަސައްކަތްތެރިންގެ ފީއެއްގެ ގޮތުގައި ލިބެން ޖެހޭ ފައިސާއާއި އަދި ޖޫރިމަނާ ފައިސާ އެއްކޮށްލުމުން 1.7 ބިލިއަން ރުފިޔާއަށް އަރާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ތެރެއިން ފާއިތުވި މަހެއްހާ ދުވަހު 74 މިލިއަން ރުފިޔާ ލިބިފައިވި ނަމަވެސް 1.6 ބިލިއަން ރުފިޔާ އަދިވެސް ނުލިބި ވާ ކަމަށް މަޖީދު ވިދާޅުވިއެވެ.

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާއި ގުޅިގެން ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާތައް މި މަހުގެ ނިޔަލަށް ދެެއްކުމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން އަންގާފައި ވަނީ މިދިޔަ މަހުގެ ކުރީކޮޅުގައެވެ.

އެ ވުޒާރާއިން އޭރު ބުނެފައިވަނީ، ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާއި ގުޅިގެން ދޫކުރާ ހުއްދަތަކަށް ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާތައް ގިނަ އަދަދެއްގެ ވަޒީފާދޭ ފަރާތްތަކުން ނުދައްކާކަން އެ ވުޒާރާއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން ބިދޭސީ މަސައްކަތްތެރިންނާއި ގުޅޭ ވަޒީފާ ދޭ ފަރާތްތަކަށް ގާނޫނުން ލާޒިމްކޮށްފައިވާ ހުރިހާ ފީތަކާއި ޖޫރިމަނާތައް ޖުލައި 31ގެ ކުރިން ދައްކަން އެއިޢުލާންގައި ވަނީ އަންގާފައެވެ. އަދި އެ ދުވަހުގެ ނިޔަލަށް ފީތަކާއި ޖޫރިމަނާތައް ދައްކާ ހާލާސްނުކުރާ ފަރާތްތަކަށް، ގަވާއިދުގެ ދަށުން ފިޔަވަޅު އެޅޭނެ ކަމުގެ އިންޒާރު އެ ވުޒާރާއިން ވަނީ ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން