(މިއީ ހިޖުރައިން 1320 / މީލާދީން 1902 ވަނަ އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ ތާރީޚު ދިވެހި ބަހުން ލިޔުމަށްޓަކައި، އައްސުލްޠާން އަލްޙާއްޖު މުޙައްމަދު ޢިމާދުއްދީން އިސްކަންދަރުގެ އަމުރުފުޅަށް އެކުލަވާލެވުނު ކޮމިޓީން ލިޔުނު 'ދިވެހި ތާރީޚު' ފޮތުން ނަގައިގެން މިޒަމާނުގެ ބަހުރުވަޔަށް ބަދަލުކޮށްގެން ލިޔާ ސިލްސިލާ މަޒުމޫނުތަކެކެވެ.)

ހިޖުރައިން 965 ވަނަ އަހަރު، ބޮޑުވަޒީރު އަބްދުއްރަޙްމާނުގެ ދަރިކަލުން އައްސުލްޠާން ޢަލީ ސިރީ އަދަ ސިޔާކަ ކައްތިރި ބަވަނަ މަހާރަދުން ދިވެހިރާއްޖޭގެ ރަސްކަމަށް އިސްވެވަޑައިގަތެވެ. އެމަނިކުފާނުގެ ކުރު މުއްދަތުގެ ވެރިކަން ދެމިގެން ދިޔައީ އެންމެ ދެ މަހާއި 15 ދުވަހަށެވެ. މި މުއްދަތުގެ ތެރޭގައި، ފަރަންޖީންނާ (ޔޫރަޕްގެ ޣައިރު މުސްލިމުންގެ ތެރެއިން ގޯވާގައި ޤާއިމުވެފައި ތިބި ޕޯޗުގީޒުންނާ) އެކު ހިނގި ހަނގުރާމައެއްގައި އެމަނިކުފާނު ޝަހީދުވިއެވެ.

އަލިރަސްގެފާނާއި ޕޯޗުގީޒުންނާ ދެމެދު ހަނގުރާމަ ހިނގުމުގެ މައިގަނޑު ސަބަބަކީ، ގޯވާއަށް ވަޑައިގެން ކްރިސްޓިއަން ދީނަށް ވަދެވަޑައިގެންނެވި ރަސްގެފާނު، މާލޭގައި ތިއްބެވި އެ ރަސްގެފާނުގެ ބޮޑުންނާއި ވަޒީރުންވެސް އެ ދީނަށް ވެއްދެވުމަށް މަސައްކަތް ކުރެއްވުމެވެ. މިކަމަށްޓަކައި، އެ ބޭފުޅުން ގޯވާއަށް ގެންދިއުމަށް ޕޯޗުގީޒުންގެ ނަވެއް މާލެއަށް ފޮނުއްވިއެވެ. މި ނާ މާލޭގެ ބަނދަރަށް އައިސް، މާލޭގެ ބޮޑުންނާއި ވަޒީރުން އެއްކޮށް ކޮޗިނަށް ވަޑައިގަތުމަށް ޙަސަން ރަސްގެފާނު އެދިވަޑައިގެންނެވި ކަމަށް ބުންޏެވެ. ނަމަވެސް، މާލޭގެ ބޮޑުން މިކަމާމެދު މަޝްވަރާކުރުމަށްފަހު، އިސްލާމްދީނުން ނުނިކުތުމަށާއި ގޯވާއަށް ނުދިއުމަށް އެއްބަސްވިއެވެ.

އޭގެ ފަހުން، ދިވެހިރާއްޖެއަށް އައި ޕޯޗުގީޒުންނާ ދެކޮޅަށް ދިވެހީން ހަނގުރާމަ ކުރިއެވެ. މި ހަނގުރާމައިގައި ދިވެހިން ޕޯޗުގީޒުން މައްޗަށް ނަޞްރު ހޯދައި، އެ ބައިގަނޑު ބަލިކޮށް، އެމީހުންގެ ހަތިޔާރުތަކާއި މުދާ އަތުލައިގަތެވެ. މި ހަނގުރާމައިގެ އިސް ވެރިންގެ ގޮތުގައި ތިއްބެވީ އަބޫބަކުރު ރަސްގެފާނާއި އަލިރަސްގެފާނެވެ. މި ހަނގުރާމަ ހިނގާފައިވަނީ މި ދެ ބޭފުޅުން ރަސްކަމަށް އިސްވެވަޑައިގަތުމުގެ ކުރީގައެވެ. އޭރު ގޯވާއަށް ވަޑައިގެންނެވި ޙަސަން ރަސްގެފާނު ހުންނެވީ ކޮޗިނުގައެވެ.

އޭގެ ފަހުން، ކޮޗިނުން ދެވަނަ ފަހަރަށް ކްރިސްޓިއަނުންގެ ހަނގުރާމަވެރި ތިން އުޅަނދު މާލެއާ ދެކޮޅަށް ފޮނުވިއެވެ. މި ފަހަރުވެސް ހިނގި ހަނގުރާމައިގައި ކްރިސްޓިއަނުން ބަލިވެ، މާލޭގެ ރައްޔިތުން އެ ތިން އުޅަނދާއި، އެ އުޅަނދުތަކުގައި ހުރި މުދަލާއި ހަތިޔާރުތައް އަތުލައިގަތެވެ. މި ހާދިސާގެ ފަހުން، ކޮޗިނުން އަނެއްކާވެސް ހަތިޔާރާއެކު ކްރިސްޓިއަނުންގެ ލަޝްކަރު އަރުވައި ބަރާކޮށްފައި އޮތް ތިން އުޅަނދު ފޮނުވިއެވެ. މި ލަޝްކަރުގެ އިސްވެރިއަކީ "އަނދިރި އަނދިރި" އޭ ކިޔުނު ކެޕްޓަނެކެވެ. މި ލަޝްކަރު މާލޭގެ ބަނދަރަށް އައީ އަލިރަސްގެފާނުގެ ވެރިކަމަށް ދެ މަހާއި ބައި ވުމަށްފަހުގައެވެ.

ފަތިސްވަގުތު އައިސް ޖެހުމާއެކު، ޕޯޗުގީޒުންގެ ގުރާބުތަކުން އައި މީހުން، ބަޑިތަކާއި ހަތިޔާރުތައް ހިފައިގެން މާލޭގެ ހުޅަނގު އަތިރިމައްޗަށް ފޭބިއެވެ. މި ޚަބަރު ލިބުމާއެކު، އަލިރަސްގެފާނު ލަޝްކަރާއެކު އެ މީހުންނާ ހަނގުރާމަކުރެއްވުމަށް ނުކުމެވަޑައިގަތެވެ. ރަސްގެފާނު ކަނޑިއާއި އައްޑަނަ ހިއްޕަވައިގެން ލަޝްކަރުގެ އިސްސަފުގައި ހުންނަވައި، ކުރިއަށް ވަޑައިގަތެވެ. ނަމަވެސް، ޢީދު މިސްކިތާ ހަމައަށް ވަޑައިގެން، ފަސް އެނބުރި ބައްލަވާލެއްވިއިރު، ބޮޑުވަޒީރާއި ޚާދިމުންގެ ތެރެއިން އެކަކު ފިޔަވައި އެހެން އެންމެން ފިލައިގެން ގޮސްފައިވާ މަންޒަރު ފެނިވަޑައިގަތެވެ.

ދެން ރަސްގެފާނު، އެ ދެ ބޭކަލުންނާއެކު، ޢަދުއްވުންގެ ކުރިމައްޗަށް ނުކުމެވަޑައިގަތެވެ. ތިން ބޭކަލުން ކަނޑިއާއި އައްޑަނަ ހިއްޕަވައި، ޢަދުއްވުންނަށް ހަމަލާދެއްވިއެވެ. ކާފަރުން، މި ތިން ބޭކަލުންގެ ހިތްވަރުގަދަކަމާއި ޝުޖާޢަތްތެރިކަން ދެކެ، ކައިރިވާން ނުކެރި ބަޑިޖަހަން ފެށިއެވެ. އެހިނދު، ޖެހުނު ބަޑިއެއްގެ ވަޒަނެއް އަލިރަސްގެފާނުގެ ހަށިކޮޅަށް އަރައި، އެ މަނިކުފާނު ޝަހީދުވިއެވެ. އަދި ރަސްގެފާނުގެ އަރިހުގައި ތިއްބެވި އަނެއް ދެ ބޭކަލުންވެސް ޝަހީދުވިއެވެ. މިއަށްފަހު، ކާފަރުން ރަށުތެރެއަށް އަރައި، ރަސްކަން ފޭރިގެންފިއެވެ.

އޭގެ ފަހުން، މުސްލިމުންގެ ބަޔަކު އަތިރިމައްޗަށް ނުކުތްއިރު، ރަސްގެފާނާއި އެމަނިކުފާނުގެ އަރިހުގައި ހަނގުރާމަކުރެއްވި ދެ ބޭކަލުން ޝަހީދުވެފައިވާ ތަން ފެނުނެވެ. އެއަށްފަހު، ރަށުގެ އަހުލުވެރިން އެ ތިން ބޭކަލުން ޝަހީދުވި ތަނުގައި ފަސްދާނުލިއެވެ. އަދި އެ މަޤްބަރާގެ ވަށައިގެން ގާ ޖައްސައި، ވަރުގަދަ ފާރެއް ފަދައިން ބިނާކުރިއެވެ. މޫދުގެ ފެންގަނޑު އެ ފާރުގެ ވަށައިގެން ހިނގަހިނގާ އޮވެއެވެ. މި ޒަމާނާ ހަމައަށްވެސް، ރަސްރަސްކަލުން އެ މަހާނަފުޅަށް ޒިޔާރަތްކުރައްވަމުން ގެންދަވައެވެ.

އެއަށްފަހު މުސްލިމުން، މާލެއަށް އަރައިތިބި ޣައިރު މުސްލިމުންގެ ކިބައިން ރައްކާތެރިކަމަށް އެދުނެވެ. އެހިނދު، ޣައިރު މުސްލިމުން މުސްލިމުންގެ މައްޗަށް ބާރުވެރިވެ، އެމީހުންގެ އިސްވެރިޔާ ކަމުގައިވާ އަނދިރި އަނދިރިން ރާއްޖޭގެ ވެރިކަމުގެ ތަޚުތުގައި އިށީނދެ، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކަށް އެމީހުންގެ ވެރިން ފޮނުވިއެވެ. އަލިރަސްގެފާނު ޝަހީދުވެ، އަނދިރި އަނދިރިން ވެރިކަން ފޭރުނު ތާރީޚަކީ ހިޖުރީ ސަނަތުން 965 ވަނަ އަހަރުގެ ޝަޢުބާން މަހުގެ 1 ވަނަ ދުވަހެވެ. (އެއީ މީލާދީ ގޮތުން 1558 ވަނަ އަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހެވެ.)


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން