އަނިޔާވެރިކޮށް މަރާލާފައިވާ ރ. މީދޫއަށް ނިސްބަތްވާ މުޙައްމަދު އަނަސްގެ މަރަށް އިންސާފު ހޯދައިދިނުން ލަސްވަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރުމަށް އެރަށުގެ މަގު ބައްތިތައް 15 މިނެޓަށް މިރޭ ނިއްވާލައިފިއެވެ.

އެ ރަށު ކައުންސިލުން ބުނެފައިވަނީ އަނަސްގެ އަނިޔާވެރި މަރަށް މިއަދު ހަތް އަހަރުފުރޭއިރު މިއީ މުޅި މީދޫއަށް ކަޅު ދުވަހެއް ކަމަށެވެ. އަދި މީދޫ ރައްޔިތުން ތިބީ އެ އަނިޔާވެރި މަރަށް އިންސާފަށް އެދިއެދި ކަމަށާއި އެހެންކަމުން މިރޭގެ 9:00 އިން 9:15 އަށް ރަށުގެ މަގުބައްތިތައް ނިއްވާލާ އަނދިރިކޮށްލާފައިވާ ކަމަށް ކައުންސިލުންް ބުނެއެވެ.

މީގެ ހަތް އަހަރު ކުރިން، 2017 ވަނަ އަހަރު އަނަސް މަރައިލީ މާސްކް އަޅައިގެން ތިބި ބަޔަކު އޭނާ ފަހާ ދުވެ، އޭނާ ލިޓަސް ސާވިސް ސެންޓަރަށް ވަނުމާއެކު ހަށިގަނޑުގެ އެތަން މިތަނަށް ވަޅި ހަރައިގެންނެވެ.

މި މައްސަލައިގައި ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ އުފުލި ކުޑަ ކުއްޖާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހައިކޯޓުން ނިންމައި، 2022 ވަނަ އަހަރު ވަނީ 18 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފައެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ބާރުގެ ދަށުން އެކުއްޖާގެ މައްޗަށް އިއްވި ހުކުމް މިދިޔަ އަހަރު ވަނީ 10 އަހަރަށް ލުއިކޮށްފައެވެ.

އަނަސް މަރާލި މައްސަލައިގައި ކްރިމިނަލް ކޯޓުގައި ހަތް މީހެއްގެ މައްޗަށް ދައުވާ އުފުލިއެވެ. މި އެންމެންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން