އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ނާއިބު ވަޒީރު
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ނާއިބު ވަޒީރު
މިއަދު ދިވެހިރާއްޖޭގެ މިސްކިތްތަކުން އިވިގެންދިޔަ ހުކުރު ޚުޠުބާ އަކީ ދިވެހި ތާރީޚުގައި ފުރަތަަމަ ފަހަރަށް އަންހެން ދަންނަބޭކަނބަލަކު ލިޔުއްވި ޚުޠުބާއެވެ. އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ވަނީ އެ މަނިކުފާނުގެ އެކްސް (ކުރީގެ ޓްވިޓަރ) އެކައުންޓުގައި މިއަދު ކުރެއްވި ޕޯސްޓެއްގައި އެކަން ފާހަގަކުރައްވާފައެވެ.

މި ތާރީޚީ ޚުޠުބާ ލިޔުއްވާފައިވަނީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ނާއިބު ވަޒީރު، އަލްއުސްތާޛާ ޙައްވާ ލަޠީފެވެ. އަލްއުސްތާޛާ ޙައްވާ ލަޠީފަކީ މިޞްރުގެ އަޒްހަރު ޔުނިވަރސިޓީން ތަޢުލީމު ޙާޞިލުކުރައްވާފައިވާ ޢިލްމުވެރިއެކެވެ. ނާއިބު ވަޒީރުކަމަށް ޢައްޔަނުކުރެއްވުމުގެ ކުރިން، އޭނާ ވަނީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރުގެ މަޤާމު ފުރުއްވާފައެވެ.

މިއަދުގެ ޚުޠުބާގައި ޚާއްޞަ އަހައްމިއްޔަތުކަމެއް ދެވިފައިވަނީ ޢާއިލީ ގުޅުން ދެމެހެއްޓުމުގެ މުހިންމުކަމަށެވެ. މި ޚުޠުބާގައި ޢާއިލާގެ އެކި ފަންތީގެ ގުޅުންތަކާއި، އެ ގުޅުންތަކާ ގުޅިގެން އަދާކުރަންޖެހޭ ޙައްޤުތަކާއި ވާޖިބުތަކުގެ މައްޗަށް އަލިއަޅުވާލައްވާފައިވެއެވެ. އަދި މި ކަންކަމުގެ ސަބަބުން ޢާއިލީ ގުޅުން ދެމެހެއްޓުމުގެ މުހިންމުކަން ފާހަގަކުރައްވާފައިވެއެވެ.

ޢާއިލާގެ ފަރާތުން އަޅާލުމާއި ރައްކާތެރިކަމާއި ލޯބި ނުލިބުމުގެ ސަބަބުން ޢާއިލީ ވެއްޓެއްގައި ދިރިއުޅުމުގެ ނަސީބުން މަޙްރޫމުވެފައިވާ އެތައް ކުޑަކުދީންނާއި ދޮށީއުމުރުގެ މީހުން މި ދިވެހިރާއްޖޭގައި ތިބިކަން ޚުޠުބާގައި ފާހަގަކޮށް ޢާއިލީ ވެއްޓެއްގައި އުފާވެރިކަމާއެކު ދިރިއުޅުމަކީ ކޮންމެ މީހަކަށްވެސް ލިބިގެންވާ ޙައްޤެއް ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ދިރިއުޅޭނެ ޢާއިލީ ވެއްޓެއް ނެތި ސަރުކާރުގެ އެކިއެކި މަރުކަޒުތަކުގައި އުޅެން ޖެހުމަކީ އެބައެއްގެ ނަފްސާނީ ދުޅަހެޔޮކަމަށް ވެސް އަސަރުކުރާނެ ކަމެއް ކަމަށާއި އެކަންކަމާމެދު ވިސްނައި ޢާއިލީ ގުޅުންތައް ވަރުގަދަކުރުމަށްޓަކައި ޢާއިލާގެ އެފަދަ މެންބަރުންނަށް ޢާއިލީ ވެއްޓެއްގައި ދިރިއުޅުމުގެ ޙައްޤު ހޯދައިދިނުމަށް ޢާއިލާގެ ކޮންމެ ފަރުދަކު ވެސް މަސައްކަތްކުރަންޖެހޭނެ ކަމަށް ޚުޠުބާގައި ބަޔާންކޮށްފައިވެއެވެ.

މިއަދުގެ ޚުޠުބާއަކީ ފުރަތަަމަ ފަހަރަށް އަންހެން ޢިލްމުވެރިއަކު ލިޔުއްވި ޚުޠުބާކަން ފާހަގަކުރައްވައި ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ކުރެއްވި ޕޯސްޓުގައި މިއަދު ފުރަތަަމަ ފަހަރަށް އިސްލާމީ މަރުކަޒުގެ ޓިވީތަކުން ޚުޠުބާގެ ތަރުޖަމާގެ ސަބްޓައިޓަލްތައް އަރުވަން ފައްޓާފައިވާ ކަން ވެސް ބަޔާންކުރެއްވިއެވެ. އަދި އަންނަ ހަފުތާގައި ހުރިހާ ޓީވީތަކަށް ވެސް ތަރުޖަމާގެ ފީޑް ދެވޭނެކަމަށް ލިޔުއްވާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު


2

ފާތުން

09-Aug-2024

ވަރަށް ފުރިހަމަ އިބުރަތްތެރި ކުތުބާއެއް



ފަހުގެ ލިޔުންތައް

ޓްރެންޑިން