ރަށްރަށުގެ ކައުންސިލްތަކަށް ދިމާވާ އެކި ކަންކަމުގައި މައިސަރުކާރާއި އެކު ފަސޭހަކަމާއެކު މަސައްކަތް ކުރެވޭނެ އިންތިޒާމު މިހާރު އޮންނާނީ ހަމަޖެހިފައިކަމަށް ލޯކަލް ގަވަރނަންސް މިނިސްޓަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފު ރޭ ވިދާޅުވީ, ސަރުކާރުން މަސައްކަތް ކުރަމުންދަނީ ކައުންސިލްތަކާއި ގާތް ގުޅުމެއް ބާއްވައިގެން ކައުންސިލްތައް ބާރުވެރިވާނޭ ފަދަ ގޮތަކަށް ކަންކަން ބައްޓަންކުރުމަށް ކަމަށެވެ.

އެގޮތުން, ކައުންސިލްތަކުން ބޭނުންވާ ކަންކަމުގައި މިނިސްޓްރީތަކާއިއެކު މަޝްވަރާ ކުރުމަށް ފަސޭހަ ކުރުމަށްޓަކައި އެކަމަށް ހާއްސަކޮށް ކޮންމެ މިނިސްޓްރީއެއްގައި ވެސް ފޯކަލްޕޮއިންޓެއް މިހާރު ހުންނާނެ ކަމަށާއި, އެ ބޭފުޅުންގެ މައުލޫމާތު ލޯކަލް ގަވަރނަންސް މިނިސްޓްރީގެ ވެބްސައިޓުން ފެންނަން ހުންނާނެކަމަށެވެ.

އޭގެ އިތުރުން މިނިސްޓްރީގެ ތެރޭގައި ވެސް 7 ކްލަސްޓަރއެއް އެކުލަވާލެވިފައި އޮންނާނެ ކަމަށާއި އެގޮތުން މާލެ އަކީ އެއް ކްލަސްޓަރކަމަށް ބަލައިގެން މާލޭގެ ކަންކަން ބަލަހައްޓައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ކްލަސްޓަރ އިން މަސައްކަތް ކުރަމުން ގެންދާނެކަމަށް ވިދާޅުވިއެވެ. ހަމަ އެގޮތަށް ރަށްރަށަށް ހާއްސަކޮށްފައިވާ އިތުރު ކުލަސްޓަރ ތަކުން ވެސް ރަށްރަށުގެ ކައުންސިލްތަކަށް ދިމާވާ ދަތިތައް ދެނެގަނެ ކައުންސިލްތަކާއި ވަރަށް ގާތުން މަސައްކަތް ކުރަމުން ގެންދާނެކަމަށް ވިދާޅުވިއެވެ.

އާދަމް ޝަރީފް އިތުރަށް ވިދާޅުވީ ލާމަރުކަޒީ ނިޒާމު ރާއްޖެއަށް ތައާރަފުވެގެން އައީ ދެކޮޅުވެރިކަމުގެ ރޫހެއްގައި އޭރު ސަރުކާރު ބަދަލުކުރުމަށް ކުރިއަށް ދިޔަ މަސައްކަތްތަކުގެ ތެރެއިންކަމަށްވާތީ އޭރު ލާމަރުކަޒީ ނިޒާމު ބައްޓަންކުރަން ބޭނުންވި ގޮތާއި މިހާރު އެ ނިޒާމު ހިނގަން ޖެހޭ ގޮތާއި ތަފާތުތަކެއް ހުރިކަން ފާހަގަ ވާކަމަށެވެ.

އަދި އެގޮތަށް ފާހަގަ ކުރެވޭ ރަނގަޅު އިސްލާހުތައް މި ނިޒާމަށް ގެނައުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން