ޢުމަރު އިބްނު ސަޢީދު އާއި އޭނާގެ ލިޔުމެއް
ޢުމަރު އިބްނު ސަޢީދު އާއި އޭނާގެ ލިޔުމެއް
19 ވަނަ ޤަރުނުގެ ކުރީކޮޅު، އަޅެއްގެ ގޮތުގައި އެމެރިކާގެ ނޯތު ކެރޮލައިނާއަށް ގެންގޮސް ވިއްކާލެވުނު ހުޅަނގު އެފްރިކާގެ މި މީހާ ވަނީ އެމެރިކާގައި ބޮޑު ސަމާލުކަމެއް ހޯދާފައެވެ. އެމެރިކާއަށް ގެންދެވުނު އެހެން އަޅުންނާ ޚިލާފަށް، ޢުމަރު އިބްނު ސަޢީދަކީ ލިޔަންކިޔަން ދަންނަ، އަދި އެމެރިކާގެ އޭރުގެ މުޖުތަމަޢުއަށް ބީރައްޓެހި ޢަރަބި ބަހުން ލިޔެކިޔައި އުޅޭ މުސްލިމް ޢިލްމުވެރިއެކެވެ. މި ސަބަބާހުރެ، އޭނާ ވަނީ އެ އެމެރިކާގައި ޚާއްޞަ މަޤާމެއް ހޯދާފައެވެ.

ޢުމަރު އިބްނު ސަޢީދު އުފަންވެ ބޮޑުވީ ހުޅަނގު އެފްރިކާގެ ޢިލްމީ މުސްލިމް ސަރަހައްދެއްގައެވެ. އޭނާ އަޅުވެތިކަމަށް ގެންދެވުނީ އޭނާގެ ޢުމުރުން ތިރީސް އަހަރަށްވުރެ މަތިވެފައި ވަނިކޮށެވެ. 1807 ވަނަ އަހަރު، އެޓްލާންޓިކް ކަނޑު ހުރަސްކޮށް، އޭނާގެ ވަޒަނުން އެތައް ހާސް މޭލެއްގެ ދުރަށް ގެންދެވުނެވެ. މިއީ އެމެރިކާގެ ކޮންގްރެސްއިން ބައިނަލްއަޤްވާމީ އަޅު ވިޔަފާރި ހުއްޓުވުމަށް ފިޔަވަޅުތަކެއް އަޅަން ފެށި ދުވަސްވަރެވެ. އެމެރިކާއަށް ގެންދިޔުމަށްފަހު، ޢުމަރު އިބްނު ސަޢީދު ވެގެންދިޔައީ އަޅުންގެ ތެރެއިން އެންމެ މަޝްހޫރު އަދި ޢިލްމީ ގޮތުން ފާހަގަކޮށްލެވޭ އެއް ޝަޚްޞިއްޔަތަކަށެވެ.

ޢުމަރު އިބްނު ސަޢީދުގެ ދިރިއުޅުމާއި އަޅުވެތިކަން:



ޢުމަރު އިބްނު ސަޢީދު އުފަންވެފައިވަނީ 1770 ވަނަ އަހަރު ހިސާބުގައި ކަމަށް ލަފާކުރެވެއެވެ. އޭނާގެ އުފަން ރަށަކީ މިހާރުގެ ސެނެގާލްގެ އުތުރުބިތުގައި އޮންނަ ފުތާ ތޯރޯއެވެ. ޒުވާން އުމުރުގައި، ޢުމަރު ކީރިތި ޤުރުއާނާއި އިސްލާމީ ތަޢުލީމު އުނގެނުމަށް ޚާއްޞަ ސަމާލުކަމެއް ދިނެވެ. އޭނާ 25 އަހަރު ވަންދެން އެކި ޢިލްމުވެރިންގެ އަރިހުން ދީނީ ތަޢުލީމު ހާސިލުކުރިއެވެ. ޢުމަރަކީ މުއްސަނދި ޢާއިލާއަކުން އައި މީހެއް ކަމަށް ޤަބޫލުކުރެވެއެވެ. އޭނާގެ ނަސްލު ކަމުގައިވާ ފުލާނީންނަކީ އެމީހުންގެ އަވަށްޓެރިންނަށްވުރެ ކުރިން އިސްލާމްވި، އަދި އެމީހުންގެ ދީނާމެދު ވަރަށް ބޮޑަށް ފަޚުރުވެރިވާ ބައެކެވެ. ގަރުނުތަކެއް ވަންދެން، ފުލާނީން އިސްލާމްދީނުގެ ނަމުގައި ކުރެވުނު އެކި ހަނގުރާމަތަކުގައި ބައިވެރިވިއެވެ.

ޢުމަރުގެ ދިރިއުޅުމަށް އެންމެ ބޮޑު ބަދަލެއް އައީ އޭނާ އަޅުވެތިކަމަށް ވިއްކާލެވުމާ ގުޅިގެންނެވެ. ފުރަތަމަ އަޅުވެތިކުރި މީހާގެ ކިބައިން ފިލައިގެން ދިޔުމަށްފަހު، އަނެއްކާވެސް ދެވަނަ ފަހަރަށް އޭނާ އަޅުވެތިކަމަށް ގެންދެވުނެވެ. އަޅުވެތިކަމުގައި ހޭދަކުރި މުއްދަތުގައި، ޢުމަރު އޭނާގެ ޢިލްމީ ޤާބިލުކަން ބޭނުންކޮށްގެން އެކި ބާވަތުގެ ލިޔުންތައް ލިޔެއުޅުނެވެ. 1863 ވަނަ އަހަރު އޭނާ މަރުވިއިރު، އޭނާ ވަނީ ޢަރަބި ބަހުން 14 ވަރަކަށް ލިޔުން ލިޔެފައެވެ. މީގެ ތެރޭގައި އެމެރިކާގައި ޢަރަބި ބަހުން އަޅުވެތިކަމުގައި ހުރި މީހަކު ލިޔުނު ހަމައެކަނި އޮޓޯބަޔޮގްރަފީ ހިމެނޭކަން ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވެއެވެ.



ޢުމަރުގެ ޙަޔާތުގައި ދިމާވި އެންމެ ނުރައްކާތެރި ހާދިސާއަކީ ފުލާނީންނާއި މުސްލިމުން ނޫން އެހެން ނަސްލުތަކާ ދެމެދު ހިނގި ހަނގުރާމައެކެވެ. މި ހަނގުރާމައިގެ ސަބަބުން ދެފަރާތުން އެތައް ބަޔަކު ހައްޔަރުކޮށް، އަޅުންގެ ގޮތުގައި ވިއްކާލެވުނެވެ. ޢުމަރުގެ ޢިލްމީ ފެންވަރާއި ޢާއިލީ ގުޅުންތަކުގެ ބާރުވެރިކަމުންވެސް އޭނާއަކަށް މި ހާދިސާއިން ސަލާމަތެއް ނުވެވުނެވެ. އެޓްލާންޓިކް ކަނޑު ހުރަސްކޮށް، އަޅުން އުފުލާ އުޅަނދެއްގައި މަޖުބޫރުން ގެންދެވުނު ޢުމަރު ވަޒަންވެރިކުރެވުނީ އެމެރިކާގެ ސައުތު ކެރޮލައިނާގެ ޗާލްސްޓަންގައެވެ.

ޢުމަރު އިބްނު ސަޢީދަކީ އެމެރިކާއަށް ގެންގޮސް އަޅުވެތިކުރެވުނު ހަމައެކަނި މުސްލިމް މީހާއެއް ނޫނެވެ. މުއައްރިޚު މައިކަލް ގޮމެޒްގެ ދިރާސާތަކުން ދައްކާގޮތުގައި، 18 އަދި 19 ވަނަ ޤަރުނުގައި އެފްރިކާގެ ގިނަ އަދަދެއްގެ މީހުން، ޚާއްޞަކޮށް ޢުމަރު ނިސްބަތްވާ ސެނެގާލް އަދި ގެމްބިއާ ސަރަޙައްދުގެ ގިނަ އަދަދެއްގެ މުސްލިމުން އަޅުންގެ ގޮތުގައި އެމެރިކާއަށް ގެންދެވުނެވެ. މިގޮތުން އެމެރިކާގައި އަޅުވެތިކުރެވުނު މަޝްހޫރު އެހެނިހެން މުސްލިމުންގެ ތެރޭގައި އައްޔޫބާ ސުލައިމާން ދިއައްލޯއާއި ޔަރޯ މަމޫތު ހިމެނެއެވެ. މި ދެމީހުންނަކީވެސް ޢުމަރު ފަދައިން ފުލާނީ ނަސްލަށް ނިސްބަތްވާ މުސްލިމުންނެވެ.



ޢުމަރު އިބްނު ސަޢީދުގެ އެމެރިކާގެ ދިރިއުޅުން ފެށުނީ، އަޅުވެތިކަމަށް ގެނެވުނު ގިނަ އެފްރިކާ މީހުންނެކޭ އެއްފަދައިންނެވެ. ސައުތު ކެރޮލައިނާގެ ދަނޑުބިމެއްގައި މަޖުބޫރުން މަސައްކަތްކުރުވައި، ހަރުކަށި އަދަބުދެމުން ގެންދިޔައެވެ. ޢުމަރު އޭނާގެ އަޅުވެތިކަމުގެ ފުރަތަމަ އަހަރުތަކުގައި ތަޙައްމަލުކުރަން ޖެހުނު އަނިޔާތަކުގެ ތަފްސީލެއް ދީފައެއް ނުވެއެވެ. ނަމަވެސް އެއީ އުފާވެރި ތަޖުރިބާއެއް ނޫންކަން ޔަޤީނެވެ. އޭނާގެ ފުރަތަމަ ސާހިބަކީ ޖޮންސަން ނަމަކަށް ކިޔާ މީހެކެވެ. ޢުމަރުގެ ބަހުން ބުނާނަމަ، "އެއީ އެއްގޮތަކަށްވެސް މާތްﷲއަށް ބިރުވެތިނުވާ ކާފަރެކެވެ." ޖޮންސަންގެ އަނިޔާވެރިކަމުގެ ސަބަބުން ޢުމަރު އެތަނުން ފިލައިގެން ދިޔައެވެ.

ނަމަވެސް، ފިލައިގެން ގޮސް ކްރިސްޓިއަން ދީނުގެ ފައްޅިއެއްގައި އުޅެނިކޮށް، ނޯތު ކެރޮލައިނާގެ ސަރުކާރުން އޭނާ ހައްޔަރުކޮށް ޖަލަށް ލިއެވެ. ޖަލުގައި ހޭދަކުރި ދެ ހަފްތާގެ މުއްދަތުގައި، ޢުމަރު އޭނާގެ ޖަލު ގޮޅީގެ ފާރުގައި ޢަރަބި ބަހުން ލިޔެފައިވާ ލިޔުންތަކުގެ ސަބަބުން، އެ ސަރަހައްދުގެ އަޅުން ގެންގުޅޭ މީހުންގެ ސަމާލުކަމަށް އޭނާ އައެވެ. ޢުމަރުގެ ލިޔުންތަކުގައިވާ ގޮތުން، އޭނާ ޖަލުން ނުކުތީ ބޮބް މަމްފޯޑް ނަމަކަށް ކިޔާ މީހަކާ އެކުގައެވެ. އަދި އޭނާއާއެކު ހަތަރު ދުވަސް ހޭދަކުރި ކަމަށްވެސް ބަޔާންކޮށްފައިވެއެވެ. ފަހުން އޭނާ ގަތީ ބޮބް މަމްފޯޑްގެ ދަނބިދަރި އަދި ނޯތު ކެރޮލައިނާގެ އޭރުގެ ގަވަރުނަރު ޖޯން އޯވެންގެ ކޮއްކޮ ޖިމް އޯވެންއެވެ. ޢުމަރުގެ އަމިއްލަ ވަނަވަރުގައި، ޖިމް އޯވެންއާއި އޭނާގެ ބޭބެއަކީ "ހެޔޮލަފާ ބައެއް" ކަމަށާއި އަދި އޭނާއަށް ބައިބަލްގައި ހުންނަ ވާހަކަތައް ކިޔައިދޭ ކަމަށް ބަޔާންކޮށްފައިވެއެވެ.

އަރަބި ބަހުން ލިޔުން: ޢުމަރުގެ އަޓޯބަޔޮގްރަފީ



ޢުމަރު އިބްނު ސަޢީދުގެ އަމިއްލަ ވަނަވަރު ނުވަތަ އޮޓޯބަޔޮގްރަފީއަކީ އޭނާގެ އެންމެ ފާހަގަކޮށްލެވޭ ޚާއްޞަ މަސައްކަތެވެ. އޭނާ މި ވަނަވަރު ފުރަތަމަ ލިޔުނީ 1831 ވަނަ އަހަރު، އޯވެންގެ އަޅުވެތިކަމުގައި ދެ އަހަރު ހޭދަކުރުމަށްފަހުގައެވެ. މިއީ އެހާ ދިގު ލިޔުމެއް ނޫނެވެ. އަރަބި ބަހުން ލިޔެފައިވާ މި ވަނަވަރު އެކުލެވިގެންވަނީ އެންމެ 16 ޞަފްޙާގެ މައްޗަށެވެ. އޭނާގެ އެހެނިހެން ލިޔުންތައް މިއަށްވުރެވެސް ކުރު ކަމުގައި ފާހަގަކުރެވެއެވެ.

1816 ވަނަ އަހަރަށްފަހު، ޖޯން އަދި ޖިމް އޯވެން އެމެރިކަން ކޮލޮނައިޒޭޝަން ސޮސައިޓީގެ މަސައްކަތުގައި ޝާމިލުވިއެވެ. މި ޖަމްޢިއްޔާގެ މައިގަނޑު މަޤްޞަދަކީ މިނިވަންކުރެވުނު އަޅުން ހުޅަނގު އެފްރިކާގައި އަލުން ވަޒަންވެރިކުރުމެވެ. އަދި ދެވަނަ މަޤްޞަދަކީ ބައިބަލް ފަތުރައި، ކްރިސްޓިއަން ދީނަށް ގޮވާލުމެވެ. މި ޖަމްޢިއްޔާގެ އިސްވެރިން ޤަބޫލުކުރި ގޮތުގައި އެފްރިކާގެ ބޯދާ ދީންތަކުގެ އަހުލުވެރިންނާއި މުސްލިމުން ކްރިސްޓިއަން ދީނަށް ވެއްދުމަށްޓަކައި އެމެރިކާގެ އެފްރިކާ ދަރިކޮޅުގެ ކްރިސްޓިއަނުން ލައްވައި މަސައްކަތްކުރުމަކީ އެންމެ އެކަށީގެންވާ ގޮތެވެ. އޯވެންމެން ދުށްގޮތުގައި މި މަސައްކަތް ފެށުމަށް އެންމެ އެކަށޭނަ ފަރާތަކީ ޢުމަރު އިބްނު ސަޢީދެވެ.



1819 ވަނަ އަހަރު، ޢުމަރު ޖޯން އޯވެންއަށް ސިޓީއެއް ފޮނުވިއެވެ. މި ސިޓީގައި ހިމެނޭ މަޢުލޫމާތުތަކަކީ ވަރަށް ޝައުޤުވެރި އަދި މުހިންމު މަޢުލޫމާތުތަކެކެވެ. ޤުރުއާނުގެ އާޔަތްތަކުގެ އިތުރުން، ޢުމަރު މި ލިޔުމުގެ މެދުތެރޭގައި ތަވީދެއްގެ ކުރެހުމެއް ހިމަނާފައިވެއެވެ. އެންމެ ފާހަގަކޮށްލެވޭ ކަމަކީ، އޭނާ އެނބުރި އޭނާގެ ވަޒަނަށް، ފުތާ ތޯރޯއަށް ދިއުމަށް އެދޭކަން ބަޔާންކޮށްފައިވުމެވެ. މި ހުރިހާ މަޢުލޫމާތެއް ލިޔެފައިވަނީ ޢަރަބި ބަހުންނެވެ. ޢުމަރު އޭނާގެ އެންމެ މުހިންމު އެދުންތައް ފާޅުކުރަމުން، އެކަން އޭނާ އަޅުވެތިކުރި ފަރާތްތަކަށް ސިއްރުކުރަން ބޭނުންވި ކަހަލައެވެ.

ކޮންމެއަކަސް އޯވެންއަށް ޢުމަރުގެ ސިޓީ ކިޔައި ދެނެގަތުމަށް ނޭނގުނެވެ. އެހެންކަމުން، ޖޯން އޯވެން އެ ލިޔުން ނޯތު ކެރޮލައިނާ ސްޓޭޓްގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޖޯން ލުއިސް ޓޭލަރަށް ދިނެވެ. ޓޭލަރަކީވެސް އެމެރިކަން ކޮލޮނައިޒޭޝަން ސޮސައިޓީގެ މެންބަރެކެވެ. ޓޭލަރަށް ޢުމަރަކީ އެފްރިކާގެ އޭނާގެ ޤައުމުގައި ގަދަރުކުރެވޭ މަޤާމެއްގައި ހުރި މީހެއްކަން ރަނގަޅަށް ދެނެގަނެވުނެވެ. ނަމަވެސް އޭނާއަށްވެސް ޢަރަބި ބަހެއް ނޭނގެއެވެ. އެކަމަކު އެ ސިޓީން ޢުމަރު އޭނާގެ އަމިއްލަ ޤައުމަށް އެނބުރި ދާން ބޭނުން ނުވާކަމަށް ދޭހަވާ ކަމަށް ޓޭލަރ ބުންޏެވެ. އޭނާއަށް ދޭހަވީ ޢުމަރު ލިޔުނު ވާހަކައާ މުޅިން އިދިކޮޅަށެވެ.

އެންމެ ފަހުން، އޯވެން ޢުމަރަށް ޢަރަބި ބަހުން ލިޔެފައިވާ ވަރަށް ބޮޑު ބައިބަލްއެއް ހަދިޔާ ކުރިއެވެ. އަދި އެމެރިކަން ކޮލޮނައިޒޭޝަން ސޮސައިޓީން އަމިއްލަ މަޞްލަޙަތަށްޓަކައި ޢުމަރު އެމީހުންގެ ދީނަށް ބަދަލުކުރުމަށް މަސައްކަތްތަކެއް ކުރިއެވެ.

"ޢުމަރު އިބްނު ސަޢީދު ކްރިސްޓިއަން ދީން އިޚްތިޔާރުކުރުން: ޙަޤީޤަތެއްތޯ ނުވަތަ އޮޅުވާލުމެއްތޯ؟



ރަސްމީ ގޮތުން، ޢުމަރު އިބްނު ސަޢީދު ކްރިސްޓިއަން ދީން އިޚްތިޔާރުކުރީ ޖިމް އޯވެންގެ އިރުޝާދުގެ ދަށުންނެވެ. ނަމަވެސް، މި ނިންމުމަކީ އޭނާގެ ހިތުގެ އަޑިން ނިންމި ނިންމުމެއްތޯ ޔަޤީންކަމާއެކު ދަންނަވަން ދައްޗެވެ. އެހެނީ، ޢުމަރުގެ ލިޔުންތަކުން އިސްލާމްދީނާ އޭނާ އޮތް ގުޅުން މުޅިން ކަނޑާނުލާކަން ހާމަވެއެވެ. އަދި ހަމަ އެހެންމެ ސަލާމާއި ޞަލަވާތްލެއްވި އިތުރު ރަސޫލުﷲގެފާނަށް މަދަޙަ ކިޔައި އޭނާ ލިޔެފައި ވާ ލިޔުންތަކުން ވެސް އެގޮތަށް ދޭހަވާތީއެވެ.

ޢުމަރުގެ އަމިއްލަ ވަނަވަރު ފަށާފައިވަނީ ޤުރުއާނުގެ 67 ވަނަ ސޫރަތް ކަމަށްވާ ސޫރަތުލްމުލްކުގެ ފުރަތަމަ އާޔަތުންނެވެ. އެ އާޔަތުގައި މާތްރަސްކަލާނގެ ވަޙީކުރައްވާފައިވަނީ "އެކަލާނގެ އަތްޕުޅުގައި ވެރިކަންވާ ރަސްކަލާނގެ މަތިވެރިވެ ވޮޑިގެންވެއެވެ. އަދި އެކަލާނގެއީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަވެވޮޑިގެންވާ ރަސްކަލާނގެއެވެ." ފަހަރެއްގައި މިއީ ހަމައެކަނި އާދައިގެ އާޔަތެއް ކަމަށް ޤަބޫލުކުރެވިދާނެއެވެ. އެހެނަސް، ޢުމަރު ދިރިއުޅުނު ދުވަސްވަރުގެ އިޖްތިމާޢީ ހާލަތަށް ރިޢާޔަތްކޮށް ބަލާއިރު، މި އާޔަތް އިޚްތިޔާރުކުރުމުގެ ފަހަތުގައިވާ މަޤްޞަދަކީ ކޮބައިތޯ ވިސްނާލަން ޖެހެއެވެ. އެކަލާނގެއަށް އެކަނި ދުނިޔޭގެ ބާރުވެރިކަން ލިބިގެންވާކަމަށް ބަޔާންކުރުމުން، ޢުމަރު ނުސީދާކޮށް އަޅުވެތިކަމުގެ ނިޒާމާމެދު ސުވާލު އުފައްދަނީ ބާވައެވެ؟

އިސްލާމީ ލިޔެކިޔުންތަކުގައި އަޅުވެތިކަމާ ގުޅޭގޮތުން އެކި ގޮތްގޮތަށް ބަޔާންކޮށްފައިވެއެވެ. އިސްލާމްދީނުގެ ފުރަތަމަ ޖީލުތަކުގެ މުސްލިމުން އަޅުވެތިކަމުގެ ނިޒާމު ޤަބޫލުކުރި އިރު، އޭގެ ތެރެއިން ބައެއް މީހުން އަމިއްލައަށްވެސް އަޅުން ގެންގުޅުނެވެ. ނަމަވެސް، ޤުރުއާނަކީ އަޅުވެތިކަމަށް ތާއީދުކުރާ މަޞްދަރެއް ކަމުގައި ނުބެލެވެއެވެ. ޤުރުއާނުގައި އަޅުން މިނިވަންކުރުމަށް ހިތްވަރުދީ، އެކަމަށް ހުއްދަ ދީފައިވެއެވެ. މިސާލަކަށް، ސޫރަތުއްތައުބާގެ 60 ވަނަ އާޔަތުގައި، މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. "ހަމަކަށަވަރުން، ޞަދަޤާތުގެ ތަކެތި ވަނީ ފަޤީރުންނަށާއި، މިސްކީނުންނަށާއި، އެކަމުގެ ޢާމިލުންނަށާއި، އެއުރެންގެ ހިތްތައް އެކުވެރިކުރައްވާ މީހުންނަށާއި، (އެބަހީ: އަލަށް އިސްލާމް ވީ މީހުންނަށާއި) އަޅުން މިނިވަންކުރުމުގައްޔާއި، ދަރަނިވެރިންނަށާއި، ﷲގެ މަގުގައްޔާއި (ޙާލުގައި ޖެހިފައިވާ) ދަތުރުވެރިންނަށެވެ. ﷲގެ ޙަޟްރަތުން ކަނޑައަޅުއްވާފައިވާ ފަރުޟެއްގެ ގޮތުގައެވެ. ﷲއީ، މޮޅަށް ދެނެވޮޑިގެންވާ، ޙަކީމްވަންތަ ރަސްކަލާނގެއެވެ." އިސްލާމީ ތާރީޚުގައި އެކިއެކި ފަރުދުންނާއި ވެރިކަންތަކުން އަޅުންގެ ވިޔަފާރީގައި ބައިވެރިވެފައިވީ ނަމަވެސް، އިސްލާމްދީނުގައި އަޅުވެތިކުރުމަށް ހިތްވަރުދީފައެއް ނުވެއެވެ.



ޢުމަރު އިބްނު ސަޢީދުގެ ދީނީ ޢަޤީދާއާ ބެހޭގޮތުން ބަލާއިރު، އޭނާ ޙަޤީޤަތުގައި ކްރިސްޓިއަން ދީނަށް ބަދަލުވިކަމަށް ބެލެވޭކަށް ނެތެވެ. އޭނާގެ އަމިއްލަ ވަނަވަރާއި އެހެނިހެން ލިޔުންތަކުގައިވެސް، އޭނާ ޤުރުއާނުގެ އާޔަތްތައް ލިޔެފައިވެއެވެ. އޭނާގެ ލިޔުންތަކުގައި އެއްކައުވަންތަ "ﷲ" އިސްމުފުޅު ޢާންމުކޮށް ބޭނުންކޮށްފައިވުމަކީ އޭނާއަކީ މުސްލިމެއްކަމުގެ ހެތްކެކެވެ. ބައިބަލްއަށް އިޙްތިރާމްކުރި ކަމުގައިވިޔަސް، އޭނާ ޙަޤީޤަތުގައި ކްރިސްޓިއަން ދީން ޤަބޫލުކުރިކަމަކަށް ނުބެލެވެއެވެ. ޢުމަރުގެ ދީނީ ޢަޤީދާ ބަދަލުވިކަމަށް ދެކެވޭ ވާހަކައަކީ ޙަޤީޤަތެއް ނޫނެވެ. އަދި އެއީ މަކަރެއްވެސް ނޫނެވެ. އެއީ އަޅުވެތިކަމުގެ ދަށުގައި ދިރިހުރުމަށާއި އަމިއްލަ ނަފްސު ސަލާމަތްކުރުމަށް ޓަކައި އޭނާ އިޚްތިޔާރުކުރި ގޮތެއް ކަމުގައި ބެލެވެއެވެ.

ޢުމަރު އިބްނު ސަޢީދު: ޒަމާނީ ދުނިޔޭގައި އޭނާގެ އަސަރު

ޢުމަރު އިބްނު ސަޢީދަކީ އެމެރިކާގެ އަޅުވެތިކަމާ ގުޅޭގޮތުން އާންމުކޮށް ޤަބޫލުކުރެވޭ ގިނަ ކަންތައްތަކާ ތަފާތު ޝަޚްޞިއްޔަތެކެވެ. އޭނާއަކީ ތަޢުލީމީ ގޮތުން ފުދުންތެރި މީހެކެވެ. އަދި އޭނާ، އޭނާ އަޅުވެތިކުރި ސާހިބުންގެ ޢާއިލީ ނަން އެއްގޮތަކަށް ވެސް ބޭނުމެއްނުކުރެއެވެ. އޭނާ ބޭނުންކުރީ އޭނާގެ އަމިއްލަ އާއިލީ ނަމެވެ. އޭނާގެ ލިޔުންތައް ހުންނަނީ އަރަބި ބަހުންނެވެ. އަދި އެއީ ގިނަ މީހުންނަށް އެ ބަސް ނޭނގޭ މާޙައުލެއްގައި އޭނާއަށް ޚާއްޞަ މަޤާމެއް ހޯދައިދިން ކަމެކެވެ. 19 ވަނަ ޤަރުނުގެ އެމެރިކާގައި އަޅުވެތިކަމުގެ ދަށަށް ގެނެވުނު ފާހަގަކޮށްލެވޭ ހަމައެކަނި މުސްލިމް މީހަކީ އޭނާ ނޫންކަމަށް ވިޔަސް، އޭނާއަކީ ޝައްކެއްނެތް ގޮތުގައި ވަރަށް ތަފާތު އަދި ޚާއްޞަ ޝަޚްޞިއްޔަތެކެވެ.



2019 ވަނަ އަހަރު، ލައިބްރަރީ އޮފް ކޮންގްރެސްއިން އޭނާގެ ލިޔެކިޔުންތައް ޑިޖިޓަލް ވަސީލަތްތަކަށް ބަދަލުކުރިއެވެ. މީގެ ތެރޭގައި އޭނާގެ އޮޓޯބަޔޮގްރަފީ އާއި އެކިއެކި ސިޓީތަކާއި، ޤުރުއާނުގެ އާޔަތްތައް ލިޔެފައިވާ ލިޔުންތައް ހިމެނެއެވެ. 2022 ވަނަ އަހަރުގެ މެއި މަހުގައި، މިއުޒިކް ކުޅުންތެރިޔާ ރިއާނަން ގިޑެންސްއާއި ރާގު އުފައްދާ މައިކަލް އޭބަލްސް ޢުމަރުގެ ޙަޔާތުގެ މައްޗަށް އެކުލަވާލި "ޢުމަރު" ނަމަކަށް ކިޔާ އޮޕެރާއެއް ޗާލްސްޓަންގެ ސްޕޮލީޓޯ ފެސްޓިވަލްގައި ދެއްކިއެވެ. މީގެ އިތުރުން، 1991 ވަނަ އަހަރު ނޯތު ކެރޮލައިނާގެ ފެއެޓްވިލްގައި ހުރި މިސްކިތެއްގެ ނަން "މަސްޖިދު ޢުމަރު އިބްނު ސަޢީދު" އަށް ބަދަލުކުރެވުނެވެ. މިއަދު އޭނާގެ ނަން ފުޅާ ދާއިރާއެއްގައި މަޝްހޫރު ނުވިކަމުގައި ވިޔަސް، ޢުމަރު އިބްނު ސަޢީދު ވަނީ އެމެރިކާގެ ތާރީޚުގައި ފާހަގަކޮށްލެވޭ އަސަރެއް ދޫކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން