އިގުތިސާދަށް އަންނަމުންދާ ހެޔޮ ބަދަލުތައް ރާއްޖެއަށް މުދާ އެތެރެކުރާ އަދަދުތަކުން އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު ދައްކާލައިފި އެވެ.

ސީއީއޯ ވަޖީހު ފޭސްބުކްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ އިގުތިސާދަށް އަންނަމުންދާ ބަދަލުތައް އެންމެ ރަނގަޅަށް ވަޒަން ކޮށްލެވޭނެ އެއް ކަމަކީ، ރާއްޖެއަށް އެތެރެ ވަމުންދާ މުދަލުގެ އަދަދަށް އަންނަމުންދާ އުނި އިތުރު ވުމަށް ކަމަށެވެ.

އެގޮތުން ކޮންމެ އަހަރެއްގެ ވެސް އެވްރެޖް ކޮށް މަހެއްގެ މައްޗަަށް ރާއްޖެއަށް ކާގޯ އެތެރެކުރެވިފައިވާ މިންވަރު ދައްކައިދިނުމަށް ދެ ގްރާފެއް އޭނާ ހިއްސާކުރެއްވި އެވެ.

މީގެ ކުރިން، 20 ފޫޓުގެ ކޮންޓެއިނަރު ކާގޯ އެންމެ ގިނައިން ރާއްޖެއަށް އެތެރެ ކޮށްފައި ވަނީ 2018 ވަނަ އަހަރުއެވެ. އެހެން ނަމަވެސް ފާއިތުވި ހަ އަހަރާއި އަޅާބަލާއިރު މި އަހަރު އެތެރެކުރި ކާގޯ ކޮންޓޭނަރު އިތުރުވެފައިވާތަން ވަޖީހު ހިއްސާކުރެއްވި ގްރާފުން ފެނެއެވެ.

އެގޮތުން މި އަހަރު އެވްރެޖްކޮށް އޮގަސްޓުމަހާ ހަމައަށް މަހަކު މިހާތަނަށް 20 ފޫޓުގެ 5375 ކޮންޓޭނަރުގެ ކާގޯ އެތެރެކޮށްފައި ވެއެވެ.

ވަޖީހު ހިއްސާކުރެއްވި ގްރާފުން ފެންނަ ގޮތުން ރާއްޖެ އެތެރެކޮށްފައިވާ ޖެނެރަލް ކާގޯވެސް ވަނީ އިތުރުވެފަ އެވެ. އެގޮތުން ފާއިތުވި ހަ އަހަރާ އަޅާބަލާއިރު މި އަހަރުގެ މިހާތަނަށް އެތެރެކޮށްފައިވާ ޖެެނެރަލް ކާގޯ ވެސް އިތުރެވެ. އެގޮތުން މި އަހަރުގެ އޮގަސްޓު މަހާ ހަމައަށް 12625 ޓަނުގެ ޖެެނެރަލް ކާގޯ އެތެރެކޮށްފައި ވެއެވެ.

"ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ، ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ވެރިކަން ފެށިގެން މިވީ ކުޑަ ދުވަސް ކޮޅުގެ ތެރޭގައި ރާއްޖެއަށް އެތެރެކޮށްފައިވާ މުދަލުގެ އަދަދު ރާއްޖޭގެ ތާރީޚްގައި ދުވަހަކުވެސް އިތުރު ނުވާ މިންވަރަށް އިތުރު ވެފައިވާ ކަމެވެ. މިއިން ދައްކައި ދެނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ފެށުމާއިއެކު ރާއްޖޭގެ އިގުތިސާދަށް ހެޔޮ ބަދަލު އަންނަން ފަށައި، އިގުތިސާދު ކުރިއަރަން ފަށާފައިވާ ކަމެވެ. އަދި މިހާރު ފެށުމަށް ތައްޔާރު ވަމުންދާ، މިސަރުކާރުގެ މުހިއްމު ޕްރޮޖެކްޓްތައް ފެށުމުން، ރާއްޖޭގެ އިގުތިސާދު ދުވަހަކުވެސް ކުރިއަރާފައި ނުވާ މިންވަރަށް ކުރިއަރައި، ރާއްޖޭގެ ރައްޔިތުންގެ ފުދުންތެރިކަން ވަރަށް ބޮޑަށް އިތުރުވެގެން ދާނެކަމެވެ." ވަޖީހު ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން