މުދައްރިސުން ތަމްރީނުކުރުމުގެ ގައުމީ ޕްރޮގްރާމް އޮކްޓޯބަރުގައި ފަށަން އަމާޒު ހިފައިފި އެވެ.

ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދޭ މުދައްރިސުންނަކީ ދޭސީ މުދައްރިސުންނަށް ހެދުމަށްޓަކައި ގައުމީ ފެންވަރުގެ މުދައްރިސުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް އިފުތިތާހު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

މަތީ އަރުތަވެރީންގެ އިނާމު ދިނުމަށް ރޭ ބޭއްވި ޖަލްސާގައި އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީއު ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާ އެއްގޮތަށް މުދައްރިސުން ތަމްރީނުކުރުމުގެ ޕްރޮގްރާމް ފެށުމަށްޓަކައި، އެ މަސައްކަތް އޭގެ ތެރޭގައި ހިމެނޭ ގޮތަށް ގްލޯބަލް ޕާޓްނަޝިޕް ފޮރ އެޑިޔުކޭޝަންގެ ގްރާންޓަކަށް މިއަހަރުގެ މާޗްމަހުގެ ތެރޭގައި ޕްރޮޕޯސަލްއެއް ހުށަހެޅިކަމަށެވެ.

އަދި މޭ މަހުގެ ތެރޭގައި މިނިސްޓްރީގެ އެ ޕްރޮޕޯސަލް އަށް ޖީޕީއީގެ އެޕްރޫވަލް ލިބިފައިވާ ކަމަށާއި އުއްމީދަކީ އަންނަ މަހުގެ ތެރޭގައި މުދައްރިސުން ތަމްރީނުކުރުމުގެ ގައުމީ ޕްރޮގްރާމް ފެށުން ކަމަށެވެ.

މުދައްރިސުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ކުރިއަށްގެންދާނީ މުދައްރިސުން ލިބުން ދަތިވާ މާއްދާތަކާއި، ރަށްތައް ފާހަގަކޮށް، އެ ކަންކަމަށް ޚާއްޞަ އިސްކަމެއް ދީގެން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރައީސް މުޢިއްޒުގެ މެނިފެސްޓޯގައި ބަޔާންކޮށްފައިވާ ގޮތަށް މުދައްރިސުންނަށް ދުޅަހެޔޮ، 'ވޯކްލޯޑް' ވަކި ހަމައެއްގައި ހިފެހެއްޓިފައި އޮތް ނިޒާމެއް ގެނެސްދެއްވުމަށް ކުރައްވާ މަސައްކަތުގެ ތެރެއިން ހުކުރު ދުވަހަކީ މުދައްރިސުން މަސައްކަތަށް ނުކުންނަން ނުޖެހޭ ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށާއި، މީގެ ބޭނުމަކީ މުދައްރިސުންނަށް އާއިލާއާއެކު ވަގުތު ހޭދަކުރުމަށް ފުރުސަތު ދިނުމާއި، އެ ބޭފުޅުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ރިއާޔަތް ކުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކުރީގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ވެސް ދިވެހިރާއްޖޭގައި ކިޔަވައިދޭ ބިދޭސީ ޓީޗަރުން މަދުކޮށް ދޭސީ ޓީޗަރުން އިތުރުކުރުމުގެ ސިޔާސަތެއް ގެންގުޅުއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން