ގައުމީ ދާރުލްއާސާރުގެ ބޭރު ފެންޑާގެ އުތުރު ފަޅީގައި ހުރި އިސްކަންދަރު ރަސްގެފާނުގެ ނަންފުޅު ލިޔެފައިވާ ބޮޑުބަޑިއެއް
ގައުމީ ދާރުލްއާސާރުގެ ބޭރު ފެންޑާގެ އުތުރު ފަޅީގައި ހުރި އިސްކަންދަރު ރަސްގެފާނުގެ ނަންފުޅު ލިޔެފައިވާ ބޮޑުބަޑިއެއް
(މިއީ ހިޖުރައިން 1320 / މީލާދީން 1902 ވަނަ އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ ތާރީޚު ދިވެހި ބަހުން ލިޔުމަށްޓަކައި، އައްސުލްޠާން އަލްޙާއްޖު މުޙައްމަދު ޢިމާދުއްދީން އިސްކަންދަރުގެ އަމުރުފުޅަށް އެކުލަވާލެވުނު ކޮމިޓީން ލިޔުނު 'ދިވެހި ތާރީޚު' ފޮތުން ނަގައިގެން މިޒަމާނުގެ ބަހުރުވަޔަށް ބަދަލުކޮށްގެން ލިޔާ ސިލްސިލާ މަޒުމޫނުތަކެކެވެ.)

ހިޖުރައިން 1058 ވަނަ އަހަރުގެ ޝައްވާލު މަހުގެ 5 ވަނަ ދުވަހު (މީލާދީން 1648 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހު) ބޮޑުރަސްގެފާނު އަވަހާރަވުމުން އެ ރަދުންގެ އިބްރާހީމޭ ކިޔުނު ދަރިކަލުން ރަސްކަމަށް އިސްވެވަޑައިގެންނެވިއެވެ. މި ރަދުންގެ ރަސްމީ ނަންފުޅަކީ އައްސުލްޠާން އިބްރާހީމް އިސްކަންދަރެވެ. ދިވެހިބަހުން ކޮލީ ނަންފުޅަކީ ސިރީ ކުލަރަންމީބަ އިސްކަންދަރު ކައްތިރި ބަވަނަ މަހާރަދުންނެވެ.

ރަސްކަމަށް އިސްވެވަޑައިގެންނެވިއިރު އިސްކަންދަރު ރަސްގެފާނުގެ ޢުމުރުފުޅަކީ 28 އަހަރެވެ. މި ރަސްގެފާނަކީ ގައިކޮޅުގެ ކުލަ ދޮން، އިސްކޮޅުފުޅުން ދިގު ބޭފުޅެކެވެ. އެ ޒަމާނުގައި އެ ފަދަ ދެވަނަ މީހަކު ނެތްފަދަ ރީތި، އިއްޒަތްތެރި،ހިތްވަރުގަދަ ބޭފުޅެއް ވެސްމެއެވެ. އިސްކަންދަރު ރަސްގެފާނަކީ ދައުލަތް ހިންގެވުމުގެ އުސޫލުތަކާއި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓެވުމުގެ ހިކުމަތްތެރިކަން ފުރިހަމައަށް ދެނެވަޑައިގެން ހުންނެވި، ކަންކަމުގައި ކެތްތެރި ރަސްކަލެކެވެ. އަދި އެ ރަދުންނަކީ އެރަދުންނަށް އުރެދޭ މީހުންނަށް ޖަޒާދެއްވުމުގައި އަވަސްވެ ވަޑައި ނުގަންނަވާ، ކޯފާ މަޑު ރަސްކަލެކެވެ. އަދި ކުދިކުދި ކުށްތައް މާފުކުރައްވައި، ކަންކަމުގެ އެކޮޅުމިކޮޅު ބައްލަވާ ރަސްކަލެކެވެ.

އިސްކަންދަރު ރަސްގެފާނަކީ އެ ޒަމާނުގެ ހެވިކަމުގެ އެދުރުބޭކަލެއް ވެސް މެއެވެ. މީސްތަކުންނަށް ކަނޑީގެ ހެވިކަމާއި، ބަޑީގެ ހެވިކަމާއި، ދުނިދަނޑި އުކުމާއި، އޮޅުލުމާއި މިކަންކަން އުނގަންނަވައިދެއްވައެވެ. އެރަދުންނަކީ ދީނުގެ ދަންނަބޭކަލުންނަށް ހެޔޮކޮށް ހިތްތަވައި، ޢިލްމު އުނގަންނައިދިނުމަށް އަމުރުކުރެއްވި ރަސްކަލެކެވެ. އެހެނީ ރަށުން ޢިލްމު ހުސްވެއްޖެ ނަމަ މާތްރަސްކަލާނގެ ކޯފާ އަތުވެދާނެ ކަމަށް އެރަދުން ބިރުފުޅުގެން ވަޑައިގަންނަވާތީއެވެ. އެ ރަދުން ޢިލްމު އުނގެނޭ މީހުންނަށް ލޯބިކުރެއްވިއެވެ. އެމީހުންނަށް އަތްޕުޅުން އެއްޗެއް ހޭދަނުކުރެއްވިޔަސް، އެމީހުން ހިތްއުފާވާ ކަހަލަ ތައުރީފުތަައް ކުރައްވައި، އިއްޒަތް ދެއްވިއެވެ.

އިސްކަންދަރު ރަސްގެފާނުގެ ޒަމާނުގައި މާލޭގެ ބަނދަރަކީ ބަރަކާތްތެރި ބަނދަރަކަށް ވެގެންދިޔައެވެ. އަސޭކަރައިންނާއި، އުތުރުކަރައިންނާއި، ހިންދުކަރައިންނާއި، އެތަން މިތަނުން ތަފާތު އެކި ވައްތަރުގެ މުދާތައް ހިފައިގެން ވިޔަފާރިވެރިން، ނާފަހަރުގައި އައިސް ތިބެއެވެ. އެ ވިޔަފާރިވެރިންނަށް ދިވެހި ރައްޔިތުންނާއެކު މިނިވަންކަމާއެކު ވިޔަފާރިކުރުމުގެ ފުރިހަމަ އިޚްތިޔާރު ލިބިގެންވިއެވެ. ރަސްގެފާނު ވިޔަފާރީގެ ކަންކަމުގައި އެއްވެސް ވަރަކަށް ނުފޫޒު ފޯރުވަވައެއް ނޫޅުއްވައެވެ. ރައްޔިތުންގެ އަތުގައިވާ ކޮންމެ މުދަލެއް، އެމީހުން އެދޭ ގޮތަކަށް ވިއްކުމުގެ މިނިވަންކަން ލިބިގެންވިއެވެ. އެކަމުގައި އެއްވެސް ހުރަހެއް ނެތެވެ. ނާފަހަރުން ގެންނަ މުދާ ބަލައި ފާސްކޮށް، އަގު ކަނޑައަޅާނެ ފަރާތެއްވެސް ރަސްގެފާނު ޢައްޔަންކުރައްވާފައެއް ނުހުރެއެވެ. އެއީ ވިޔަފާރިވެރިން އެތެރެކުރާ މުދަލުން އެއްވެސް ޑިއުޓީއެއް ނުނަގާތީއެވެ. މި ރަދުންގެ ރަސްކަމުގައި ބޮޑުބަނޑޭރި ބޭކަލަކަށް ވެސް އަދި ވެލާނާ ބޭކަލަކަށް ވެސް ބޭރުން އަންނަ ވިޔަފާރިވެރިންގެ މުދަލާ ބެހޭ އެއްވެސް ކަމަކާ ބެހުމުގެ ބާރެއް ލިބިގެނެއް ނުވެއެވެ. އެ ދެ މަގާމުގެ ބޭކަލުންނެކޭ އެހެން ވެސް ބޮޑުންނެކޭ އެކަމުގައި ހަމަހަމަވެގެންވިއެވެ.

އިސްކަންދަރު ރަސްގެފާނުގެ ރަސްކަމުން ދެވަނަ މަހުގައި، ގޯވާއިން ދޮން ލަވީޒާއި ދޮން މަލަވީޒޭ ކިޔުނު ދެބެއިން ދިވެހިރާއްޖެއާ ދެކޮޅަށް ހަނގުރާމައަށް އައެވެ. އެ ދެބެއިންނަކީ ގޯވާއަށް ވަޑައިގެންނެވި ނުވަވަނަ ހަސަން ރަސްގެފާނުގެ އަންހެން ދަރިކަނބަލެއްގެ ދެ ދަރިކަލުން ކަމަށް ބުނެވެއެވެ. މި ޚަބަރު ލިބިވަޑައިގަތުމާ އެކު، އިސްކަންދަރު ރަސްގެފާނު އެރަދުންގެ އެއްބަނޑު ތިން ބޭފުޅުންނާއި، ވަޒީރުންނާއި އަމީރުން އެއްކުރައްވައި، ހަނގުރާމަކުރުމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. މި މަޝްވަރާގައި ހުރިހާ ބޭފުޅުން ވެސް ހަނގުރާމަކުރުމަށް އެއްބަސްވިއެވެ.

ހަނގުރާމައަށް ތައްޔާރުވަމުންދަނިކޮށް، ދުޝްމަނުންގެ ނާ މާލޭގެ ބަނދަރަށް އަތުވެއްޖެއެވެ. ދެން ދެފަރާތުން ބަޑިޖަހަން ފެށިއެވެ. މި ހަނގުރާމައިގައި މާތްރަސްކަލާނގެ މުސްލިމުންނަށް ނަޞްރު ދެއްވިއެވެ. އަދި ގޯވާއިން އައި ދެމީހުންގެ ތެރެއިން ދޮން މަލަވީޒުގެ ގަޔަށް އުންޑަ އެއް އަރައި އޭނާ މަރުވިއެވެ. ދޮން ލަވީޒުގެ ގަޔަށް ވެސް އުންޑައެއް އެރިއެވެ. އަދި އެހެން ވެސް ގިނަ ކާފަރުން ގަތުލުވިއެވެ. ދެން އެމީހުން ބަލިވެގެން ގޯވާއަށް ހިނގައްޖެއެވެ. މި ހަނގުރާމަ ހިނގީ ހިޖުރައިން 1059 (މީލާދީން 1649) ވަނަ އަހަރުގެ ތެރޭގައެވެ.

މި ތާރީޚީ ހާދިސާއާ ގުޅިގެން، ގޯވާ މީހުން (ޕޯޗުގީޒުން) ދިވެހިރާއްޖޭގެ ވެރިކަމަށް އެދުމުގެ އުންމީދު ދޫކޮށްލިއެވެ. އަދި މި ހަނގުރާމައިގައި ލިބުނު ނަޞްރާ ގުޅިގެން ދިވެހިރާއްޖެއިން ގޯވާ މީހުންނަށް (ޕޯޗުގީޒުންނަށް) ދީ އުޅުނު ތަކެއްޗާއި، ކަންނަންނޫރު އަލީރާޖާއަށް ދޭ ތަކެތި އެ ދެބައިމީހުންނަށް ދިނުން އިސްކަންދަރު ރަސްގެފާނު ހުއްޓަވާލެއްވިއެވެ. އެތަކެއްޗަކީ ގޯވާއަށް ވަޑައިގެންނެވި ޙަސަން ރަސްގެފާނުގެ ކާފާފުޅު، ކަޅު މުޙައްމަދު ރަސްގެފާނުގެ ޒަމާނުއްސުރެން ފަށައިގެން ދިވެހިރާއްޖެއިން ދެމުން އައި ތަކެއްޗެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން