އޮޑިޓަރ ޖެނެރަލް ޙުސައިން ނިޔާޒީ
އޮޑިޓަރ ޖެނެރަލް ޙުސައިން ނިޔާޒީ
ކުރީ ސަރުކާރުން ބަދަލުގެ ގޮތުގައި ދީބާޖާއަށް ދިނީ ދޭން ނުޖެހޭ ފައިސާ ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ.

ރައީސް ނަޝީދުގެ ސަރުކާރުން އުތުރު ޕްރޮވިންސްގައި ދަތުރުފަތުރުގެ ޚިދުމަތް ދިނުމަށް 2010 ގައި ހަވާލުކުރި ދީބާޖާ ކުންފުނީގެ އެގްރީމެންޓް ބާޠިލު ކުރީ ރައީސް ވަޙީދުގެ ވެރިކަމުގައި 2013 ވަނަ އަހަރުގައެވެ. އޭރު ސަރުކާރުން އެގްރީމެންޓް ބާޠިލު ކުރީ އެއްބަސްވުމާއި އެއްގޮތަށް މަސައްކަތް ކުރިއަށް ނުގެންދާތީ ކަމަށް ބުނެއެވެ.

ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ބަދަލު ދިނުމަށް ރައީސް ޞާލިޙްގެ ސަރުކާރުން ހަދާފައިވާ ސެޓްލްމަންޓް އެއްބަސްވުމާގުޅޭ ހާއްސަ އޮޑިޓް ރިޕޯޓް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ޢާއްމު ކޮށްފައިވާއިރު އެ ރިޕޯޓްގައި ބުނެފައިވަނީ ދީބާޖާ އެއްބަސްވުން އުވާލުމުން ގެއްލުމުގެ ބަދަލުގެ ގޮތުގައި، ކުރީ ސަރުކާރުން އެކުންފުންޏަށް ދޭން ނުޖެހޭ ފައިސާ ދީފައިވާ ކަމަށާއި އެކަމުގައި ޒިންމާވާ ފަރާތްތަކާމެދު ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.

ދީބާޖާ އާއި ޓްރާންސްޕޯޓް މިނިސްޓްރީއާ ދެމެދު ސެޓްލްމަންޓް އެއްބަސްވުމުގައި 13 އޮގަސްޓް 2023ގައި ސޮއި ކޮށްފައިވަނީ ކުރީ ސަރުކާރުގައި ރައީސް އޮފީހުން އުފެއްދި "މައްސަލަ ހައްލުކުރުމަށް ލަފާދޭ ކޮމިީޓީން" އެގޮތަށް ނިންމާ އިކޮނޮމިކް ކައުންސިލުން އެގޮތަށް ފާސްކުރުމުންނެވެ.

މި އެއްބަސްވުމުގެ ދަށުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ސަރުކާރުން ދީބާޖާއަށް ދޭން ކަނޑައެޅީ 64 މިލިއަން ރުފިޔާ އެވެ. އަދި އެފައިސާގެ ތެރެއިން 12.8 މިލިއަން ރުފިޔާ 19 ސެޕްޓެންބަރު 2023 ގައި ދީބާޖާއަށް ވަނީ ދީފައެވެ.

އަދި 64 މިލިއަން ރުފިޔާގެ ބާކީ 51.2 މިލިއަން ރުފިޔާ އެއްބަސްވުމުގައި ސޮއި ކުރާތާ 30 ދުވަހުގެ ތެރޭގައި ދީބާޖާއަށް ދައްކައި ހަލާސްކުރަންވާނެ ކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވެ އެވެ.

މައްސަލައިގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ، ދީބާޖާއަށް ބަދަލުގެ ގޮތުގައި 64 މިލިއަން ރުފިޔާ ދިނުމަށް ނިންމާފައިވަނީ އެއްބަސްވުން ދެމިއޮތް މުއްދަތުގެ ތެރޭގައި އެ ކުންފުނިން ކޮށްފައިވާ ހަރަދުތަކާއި ވިޔަފާރީގެ މާލީ ހިސާބުތަކަށާއި ދަތުރުފަތުރުގެ އެއްބަސްވުމުގެ ދަށުން އެ ކުންފުންޏަށް ލިބުނު އެހެނިހެން މަންފާތަކުގެ އަގުތަކަށް ރިއާޔަތް ނުކޮށް ކަމަށެވެ.

އެގޮތުން ކެޕިޓަލް އިންވެސްޓްމެންޓްގެ ގޮތުގައި ދޭން ނިންމި 14.7 މިލިއަން ރުފިޔާގެ ތެރެއިން 11.9 މިލިއަން ރުފިޔާއަކީ ދީބާޖާއާއި އަމިއްލަ އެހެން ކުންފުންޏަކާ ދެމެދު ފެރީ އުޅަނދުތައް ބަނުމަށް ހަދާފައިވާ އެއްބަސްވުމެއްގެ ޖުމުލަ އަގުކަމަށް އޮޑިޓް ރިޕޯޓްގައިވެއެވެ. އަދި ރާއްޖޭން ބޭރުން ގެނެސްފައިވާ ތަކެތީގެ އަގަށް 2.7 މިލިއަން ރުފިޔާ ނަގައިދިނުމަށް ކަނޑައެޅިއިރު އެތަކެއްޗާމެދު އަމަލުކުރިގޮތެއް އެނގެން ނެތްކަމަށްވެސް ރިޕޯޓުގައިވެއެވެ.

ހަމައެއާއެކު އެއްބަސްވުން ދެމިއޮތް 3 އަހަރުގެ ތެރޭގައި ހިދުމަތް ފޯރުކޮށްދީގެން ދީބާޖާއަށް ލިބުނު ގެއްލުމުގެ ބަދަލަށް 49.5 މިލިއަން ރުފިޔާ ކަނޑައަޅާފައިވަނީ ރިއަލިސްޓިކް ޢަދަދަކަށް ބިނާކޮށް ނޫންކަން އޮޑިޓް ރިޕޯޓްގައި ފާހަގަ ކޮށްފައިވެއެވެ.

އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ ދީބާޖާއަށް އެންމެ ގިނަވެގެންވެސް ލިބޭނެ މާލީ ގެއްލުމުގެ އަގަކީ ގާތްގަނޑަކަށް 48 މިލިއަން ރުފިޔާ ކަމަށެވެ. އަދި ދަތުރުފަތުރު ކުރުމުގެ ޚިދުމަތް ދިނުމަށް ސަބްސިޑީގެ ގޮތުން ދައުލަތުން ދީބާޖާއަށް ދޫކުރި ރ. ކުޑަކުރަތު، ޓޫރިސްޓް ރިސޯޓެއް ތަރައްގީކޮށް ހިންގުމަށް ސަބްލީސް އެގްރިމެންޓްގެ ދަށުން 65.5 މިލިއަން ރުފިޔާއަށް ދީބާޖާއިން ވިއްކާލުމުން އެ ކުންފުންޏަށް މާލީގޮތުން ލިބިފައިވަނީ ފައިދާ ކަމަށް ރިޕޯޓްގައިވެއެވެ.

އެހެންކަމުން އެއްބަސްވުން އުވާލުމުގެ ބަދަލެއްގެ ގޮތުގައި 64 މިލިއަން ރުފިޔާގެ މާލީ ބަދަލެއް ދީބާޖާއަށް ދޭން ނުޖެހޭ ކަމަށާއި ދީބާޖާއަށް ދީފައިވާ ފައިސާ އަނބުރާ ހޯދައި އެ ކުންފުންޏަށް ދޭންނުޖެހޭ ފައިސާ ދިނުމުގައި ޒިންމާވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށްޓަކައި ތަހުގީގު ކުރުމަށް އޮޑިޓް އޮފީހުން ވަނީ އަންގާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން