ސަރުކާރުން ލާމަރުކަޒީ ނިޒާމުގެ ބާރު ކަނޑުވާލައިފައިވާ ކަމަށް ބުނެ ޑިމޮކްރެޓްސް ޕާޓީން ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ލޯކަލް ކައުންސިލްތަކަށް ދޭ ބްލޮކް ގްރާންޓްގެ ގޮތުގައި ދޭން ކަނޑައަޅާފައިވަނީ 1.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއީ މި އަަހަރުގެ ކައުންސިލްތަކުގެ ބަޖެޓާ އަޅާބަލާއިރު 700 މިލިއަން ރުފިޔާގެ މަދުވުމެކެވެ.

އެހެންވެ ސަރުކާރުން ބަޖެޓް ކަނޑައެޅުމުގައި ގާނޫނާ ހިލާފުވާކަމަށް ބުނެ ޑިމޮކްޓްރެޓްސްއިން މިއަދު ވަނީ ބަޔާނެއް ނެރެފަ އެވެ.

އެ ބަޔާނުގައި ބުނިގޮތުގައި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ދައުލަތުގެ ބަޖެޓުގެ ޖުމްލަ އާމްދަނީގެ މަދުވެގެން ފަސް ޕަސެންޓް ކައުންސިލްތަކަށް ދޭންވާނެކަމަށް ކަނޑައަޅާފައި ވަނިކޮށް ސަރުކާރުން އަމަލުކުރީ ކަނޑައެޅިގެން ލާމަރުކާޒީ ގާނޫނާ ހިލާފަށް ކަމަށެވެ.

އަދި ފިނޭންސް މިނިސްޓަރު ގާނޫނާ ހިލާފުވެފައިވާާތީ ކަންބޮޑުވާ ކަމަށް ވެސް ބުނެފައި ވެއެވެ. އަދި ލާމަރުކަޒީ އުސޫލު ކުރިއަރުވައި ބާރުވެރިކުރުމުގެ ޒިންމާއަކީ ވަޒީރަކަށް ނުވަތަ ވެރިޔަކަށް ނުވަތަ މުއައްސަސާއަކަށް ވިޔަސް އޮތް އިހުތިޔާރީ ކަމެއް ނޫން ކަން ޑިމޮކްޜެޓްސްއިން ފާހަގަކޮށްފައި ވެއެވެ.

"އެއީ ދުސްތޫރީ އަދި ގާނޫނީ ވާޖިބެކެވެ. ގާނޫނުގައި ވަކި މުއައްސަސާއަކަށް ވަކި ނިސްބަތަކުން ފައިސާ ދިނުމަށް ލާޒިމުކުރުމުން އެ ނޫން ގޮތަކަށް ދައުލަތުގެ ބަޖެޓު އެކުލަވާލުމަކީ ސަރުކާރަށްވެސް އަދި ރައްޔިތުންގެ މަޖިލީހަށްވެސް އޮތް ބާރެއް ނޫނެވެ. އަދި އެއީ ކަނޑައެޅިގެން ގާނޫނާ ހިލާފުވުމުގެ އަމަލެކެވެ. އެހެންކަމުން، އެފަދައިން އަމަލު ނުކުރެއްވުމަށާއި، ގާނޫނީ އިމުގެ ތެރެއަށް ރުޖޫއަވެވަޑައިގަތުމަށް މާލީ ވަޒީރަށާއި ސަރުކާރަށް މި ޕާޓީން އިލްތިމާސްކޮށް ގޮވާލަމެވެ." ޑިމޮކްރެޓްސްގެ ބަޔާނުގައި ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން