ބަޖެޓު ފާސްވާއިރު ފަސް ޕަސެންޓް ބްލޮކް ގްރާންޓުގެ ގޮތުގައި ކައުންސިލްތަކަށް ލިބޭނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވަވައިފި އެވެ.

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ދައުލަތުގެ ބަޖެޓުގެ ޖުމްލަ އާމްދަނީގެ މަދުވެގެން ފަސް ޕަސެންޓް ކައުންސިލްތަކަށް ދޭންވާނެކަމަށް ބުނެފައި އޮތް ނަމަވެސް މި ފަހަރު ބެޖެޓު ހުށަހެޅިއިރު ކައުންސިލްތަަކަށް ލިބޭ ބަޖެޓު ކުޑައެވެ.

އެގޮތުން އަންނަ އަހަރަށް 1.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ކައުންސިލްތަަކަށް ކަނޑައަޅާފައިވާ އިރު މިއީ ލާމަރުކަޒީ ގާނޫނު ފުނޑާލުން ކަމަށް އިދިކޮޅުން ދަނީ ބުނަމުން ނެވެ.

ނަމަވެސް ހުޅުމާލޭގައި ގާއިމުކުރި ބުޅާ ފެސިލިޓީ ހުޅުވައިދެއްވުމަށް ފަހު ރައީސް މުއިއްޒު މިއަދު ވިދާޅުވީ ކައުންސިލްތަަކަށް އާމްދަނީ ހޯދޭނެ ގޮތްތައް މަގުފަހިކޮށްދީ ފަޅުރަށްތައް ވެސް ލިބޭނެ ގޮތްތައް މިހާރު އޮތީ މަގުފަހިކޮށްދީފައި ކަމަށެވެ.

ހަަމަ އެހެންމެ ލޯކަލް ޓޫރިޒަމްގެ ދަށުން ލިބޭ ޓެކްސްގެ ވަކި ޕަސެންޓެއް ވެސް ކައުންސިލްތަކަށް ޖަމާކޮށްދޭނެ އޮތީ ނިންމާފައި ކަމަށެވެ.

"ބްލޮކް ގަރާންޓުގެ އެ ފަސް ޕަސެންޓް އެ ގާނޫނުގަ އޮތް ގޮތަށް މި ފަހަރު ބަޖެޓު ފާސްވާއިރު ވެސް އެ ލިބޭނެ. އަދި އޭގެ އިތުރަށް ލޯކަލް ޓޫރިޒަމްގެ ތެރެއިން ވަކި އިންސައްތައެއް ހަވާލުކުރަން ގާނޫނު އިސްލާހުކުރަން އަޅުގަނޑުމެން ފޮނުވާނަން ކުރިއަށް އޮތް ދުވަސްތަކުގައި" ރައީސް ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން