ސައިންސްގެ މާއްދާތަކުން ނަތީޖާ ދަށްކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.

މުދައްރިސުން ތަމްރީންކުރުމުގެ ގައުމީ ޕްރޮގްރާމް އިފްތިތާހުކުރުމަށް މިއަދު ބޭއްވި ހާއްސަ ރަަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ އަދިވެސް އަތޮޅުތެރޭގެ ވަރަށް ގިނަ ރަށްރަށުގައި ސައިންސްގެ މާއްދާތަކުން ކިޔަވައިދިނުމުގެ ފުރުސަތު ބިޒްނަސް ސްޓްރީމްގެ މާއްދާތަކާ އެއްވަރަށް ފަހިކުރެވިފައި ނުވާ ކަމަށެވެ. އެހެންވެ ސައިންސްގެ މާއްދާތައް ހަދާ މިންވަރުވެސް މަދުކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ 6000 ކުދިން އޯ ލެވެލް ހަދާނަމަ ސައިންސްގެ މާއްދާތައް ހަދަނީ 2000 އާއި 2500 އާ ދެމެދުގެ މިންވަރެއްގެ ކުދިން ކަމަށެވެ. އަދި އެއާއެކު ސައިންސްގެ މާއްދާތަކުން ގްރެޖުއޭޓްވާ ކުދިންގެ އަދަދު ދަށްވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ އިތުރުން ސައިންސްގެ މާއްދާތަކުން ދަރިވަރުންގެ ނަތީޖާވެސް ދަށްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އަދި އޯ ލެވެލްގައިވެސް ގައުމީ ފެންވަރުގައި ހިސާބުން ފާސްވަނީ 50 އިންސައްތައިން ދަށުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަދި ސައިންސްގެ މުޅި އެވްރެޖް، ކެމިސްޓްރީ، ބައިލޮޖީ އަދި ފިޒިކްސްގެ އެވްރެޖަށް ބަލާލާއިރު ވެސް ގާތްގަނޑަކަށް %40އާ ގާތްކުރާ މިންވަރަކަށް ފާސްވަމުން ދަނީ." މިނިސްޓަރު ވިދާޅުވި އެވެ.

އެކަން ހައްލުކުރުމުގެ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅާއެކު އެޑިއުކޭޝަން މިނިސްޓްރީގެ ތެރެއިން މަސައްކަތް ކުރަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން