ޝަންގްރިއްލާ ކުންފުނިން އައްޑޫގައި ހިންގާ، ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ މޯލްޑިވްސް
ޝަންގްރިއްލާ ކުންފުނިން އައްޑޫގައި ހިންގާ، ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ މޯލްޑިވްސް
ޝަންގްރިއްލާ ކުންފުނިން އައްޑޫގައި ހިންގާ، ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ މޯލްޑިވްސް މުއްދަތެއް ނެތްގޮތަށް ބަންދުކުރުމުން އައްޑޫގެ ގިނަ ޢަދަދެއްގެ ރައްޔިތުންގެ ދިރިއުޅުމަށް އޭގެ ސީދާ އަސަރު ކޮށްފައިވާ ކަމަށް އެ ރިސޯޓުގެ ވަޒީފާއިން ވަކި ކުރި ބައެއް މުވައްޒަފުން ބުނެފިއެވެ.

ޝަންގްރިއްލާ ރިސޯޓުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރަމުންދިޔަ ބައެއް މުވައްޒަފުން "ރަސްއޮންލައިން" އަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ ރިސޯޓު ބަންދުކުރުމުގައި މެނޭޖްމަންޓުން އެއްބަސްވުމާ އެއްގޮތަށް މުވައްޒަފުންނަށް ފޯރުކޮށްދޭން ޖެހޭ އެންމެހާ ޙައްޤުތައް ފޯރުކޮށްދީފައިވާ ކަމަށެވެ. އެހެން ނަމަވެސް މިފަދަ ރޯގާ ބަލިމަޑުކަމެއް ގެ ތެރޭގައި އެޅި ފިޔަވަޅާއެކު މުވައްޒަފުންނަށް ވަރަށްބޮޑު ނިކަމެތިކަމެއް ލިބިފައިވާ ކަމަށް އެ މުވައްޒަފުން ވަނީ ބުނެފައެވެ.

"ޝަންގްރިއްލާގައި 450 މުވައްޒަފުންވަރު މި އުޅެނީ. އޭގެ ތެރެއިން 56 އިންސައްތަ އަކީ ދިވެހިން. މީގެ ހިތާމަ އަކީ މުވައްޒަފުން ޓަރމިނޭޓް ކުރިއިރު، ރިސޯޓު ބަލަހައްޓަން މިވަގުތު ބައިތިއްބާފައި ތިބީ ގާތްގަނޑަކަށް މުޅިންހެން ބިދޭސީން. 12 އިންސައްތަ ދިވެހިންވަރު މިހާރު ތިބީ." މި ނޫހަށް މަޢުލޫމާތު ދިން މުވައްޒަފަކު ބުނެފައިވެއެވެ.

ޝަންގްރިއްލާ ރިސޯޓަކީ ސަރުކާރުގެ 30 އިންސައްތަ ޙިއްސާ އޮންނަ ރިސޯޓަކަށް ވުމާއެކު، މިފަދަ ވަގުތެއްގައި ދިވެހިންނަށް އިސްކަންދެވެން ޖެހޭނެކަމަށް ޤަބޫލުކުރާ މުވައްޒަފުންވެސް މަދެއްނޫނެވެ. "ރަސް އޮންލައިނަށް" މަޢުލޫމާތު ދެމުން އިތުރު މުވައްޒަފަކު ބުނީ، މުވައްޒަފުންނަށް ނޯޓިސް ދިނުމަށްފަހު ކޮންޓްރެކްޓާ އެއްގޮތަށް މުސާރަދީ ވަކި ކުރި ނަމަވެސް، ރިސޯޓު ބެލެހެއްޓުމަށް ޓަރމިނޭޓް ނުކޮށް ބައިތިއްބާފައި ތިބި މީހުންގެ ގޮތުގައި ގިނައިން ދިވެހިން ކަނޑައެޅުނުނަމަ އެއީ ވަރަށް ރަނގަޅު ފިޔަވަޅަކަށް ވާނެ ކަމަށެވެ.

"އަޅުގަނޑުމެން މިއުޅެނީ ލޯނުތަކާ އެއްޗެހި ނަގައިގެން ގެދޮރު ޢިމާރާތް ކުރުމާއި އެހެނިހެން މަސައްކަތްތައް ފަށައިގެން. ދެން މިހާރު މި ދިމާވިގޮތުން ބޭންކަށް ލޯނު ދެއްކޭނެ ގޮތެއްވެސް ނެތް. މި ދަނޑިވަޅުގައި އިތުރު ވަޒީފާއެއް ހޯދަން ދެވޭނެ ތަނެއްވެސް ނެތް. އަޅުގަނޑުމެންނަށް ވަރަށް ދެރަ ގޮތަކަށް ކަންތައް މި ދިމާވީ." އިތުރު މުވައްޒަފެއް އޭނާގެ އިޙްސާސްތައް ޙިއްސާކޮށްފައިވެއެވެ.

އައްޑު އަތޮޅުގައި ތަރައްގީ ކޮށްފައިވާ ދެ ރިސޯޓް ބަންދު ކުރުމުން އަތޮޅުގައި ފަތުރުވެރި ކަމުގެ ދާއިރާގައި ވަޒީފާ އަދާކުރާ އައްޑޫ ސިޓީގެ ހުރިހާ ރައްޔިތުންގެ ވަޒީފާ ގެއްލި އައްޑޫ ސިޓީގެ އެތަކެއް އާއިލާތަކަށް މި ކަމުގެ އަސަރު ފޯރާނެއެވެ. މިފަދަ ދަތި ދަނދިވަޅެއްގައި ވަޒީފާ ގެއްލުނު މުވައްޒަފުންނާއި އާއިލާތަކުގެ މިހާރުގެ އެންމެ ބޮޑު އުއްމީދަކީ މި ހާލަތުން އަރައިގަތުމަށް ސަރުކާރުން އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ އުއްމީދެވެ.

ޝަންގްރިއްލާގެ ޖެނެރަލް މެނޭޖަރު ރަހީމް ފްލީން ސޮއެކޮށް އެ ރިސޯޓުގެ މުވައްޒަފުންނަށް ފޮނުވި ލިޔުމެއްގައި ބުނެފައިވަނީ، ކޯވިޑް-19 ގެ ސަބަބުން ރިސޯޓުގެ ވިޔަފާރި ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ. އެހެންކަމުން، ރިސޯޓް އަލުން އޮޕަރޭޝަނަށް ގެންނަން ގޮތްތަކެއް ބެލި ނަމަވެސް ހިންގޭނެ އެއްވެސް ގޮތެއް ނުފެނުމުން ބަންދު ކުރަން ނިންމާފައިވާ ކަމަށް އެ ލިޔުމުގައިވެ އެވެ.

އައްޑޫ ޝަންގްރިއްލާ ރިސޯޓު ބަންދު ކުރުމާއެކު އެ ރިސޯޓުގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ މުވައްޒަފުންގެ ވަޒީފާ ވަނީ ގެއްލިފައެވެ. ހުޅުވިފަހުން އަދި މިހާތަނަށް މަރާމާތެއްވެސް ކޮށްފައިނުވާ ރިސޯޓް ދެން ހުޅުވާނީ މެއިންޓެނަންސް އަށް ފަހުގައި ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ. އަައްޑޫގައި ހިންގާ ހެރެތެރެ ރިސޯޓްވެސް ވަނީ މީގެ ކުރިން މުއްދަތެއް ނެތްގޮތަށް ބަންދުކޮށްފަ އެވެ.

އައްޑޫގައި ފަތުރުވެރިކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނަމުންދަނީ އައްޑޫގައި ފަތުރުވެރިކަން ކުރިނާރަނީ އައްޑޫ ގަން އެއަޕޯޓަށް ސީދާ ފްލައިޓްތައް ނާންނާތީއެވެ. އައްޑޫ ސިޓީގައި ބައިނަލްއަޤްވާމީ ވައިގެ ބަނދަރެއް އޮތް ނަމަވެސް އެއީ ހަމައެކަނި ނަމުން ބައިނަލްއަޤްވާމީ ބަނދަރެއް ކަމަށާއި އެބަނދަރަކީ ހަގީގީ ނޫނީ ކަމުންވެސް ބައިނަލްއަޤްވާމީ ވައިގެ ބަނދަރަކަށް ވެގެން ނޫނީ އައްޑޫއާއި އަދި އެސަރަހައްދުގެ ފަތުރުވެރިކަން ކުރި ނާރާނެ ކަމަށް އެފަދަ ފަރާތްތަކުން ބުނެއެވެ.

ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގެ ގިނަ ރިސޯޓުތަކެއްގައި މުވައްޒަފުންނަށް މުސާރަ ކުޑަކުރުމަށްފަހު ނުވަތަ މުސާރަ ނުލިބޭ ގޮތަށް ޗުއްޓީ ދިނުމަށްފަހު ރިސޯޓު ވަނީ ބަންދުކޮށްފައެވެ. ނަަމަވެސް، ރާއްޖޭގެ ބޯޑަރު އަލުން ހުޅުވުމާއިއެކު، ގިނަ ރިސޯޓްތައް އަންނަނީ ހުޅުވަމުންނެވެ. ރާއްޖޭގެ ބޯޑަރު ހުޅުވި ނަމަވެސް އުއްމީދު ކުރިވަރަށް ރާއްޖެއަށް ފަތުރުވެރިން އައިސްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު


26

ހިނބޫ

28-Aug-2020

ރަނގަޅަ. އައްޑޫ އެއްތާމެންބަށް ރާކަނިމަސް ކިޔޭއް ޖެހޭހެއް. ހަމަ ހެއުކޮށް ވެނީ. ހެއު ސަރުކާރު މައްތައް ސަނގަލާ ޖެހިގެން އެތިބެއު ގޫބައްޑާމްން.


8

މުހައްމަދު ފަހުމީ ދީދީ

28-Aug-2020

ސަރުކާރުގެ %30 ދަމައިގަތުމުމަށް ބުލެކު މެއިލް އެއްބާ. ގެއްލުންވާއިރު އިތުރު ހިއްސާ ބޮލުއަޅަން ހުށަހަޅަނީ ކޮން ނިޔަތެއްގާ



ޓްރެންޑިން