ޑރ. އިރުތިޝާމް އާދަމް ސަފީރުކަމުގެ ފަތްކޮޅު ރަސްގެފާނު، ހިޒް މެޖަސްޓީ ކިންގް ޗާލްސް 3ވަނަ އަށް އެރުވުން
ޑރ. އިރުތިޝާމް އާދަމް ސަފީރުކަމުގެ ފަތްކޮޅު ރަސްގެފާނު، ހިޒް މެޖަސްޓީ ކިންގް ޗާލްސް 3ވަނަ އަށް އެރުވުން
ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. އިރުތިޝާމް އާދަމް، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އިނގިރޭސިވިލާތުގެ ރަސްގެފާނު، ހިޒް މެޖަސްޓީ ކިންގް ޗާލްސް 3ވަނަ އަށް އިއްޔެ އަރުވައިފިއެވެ.

ޚާރިޖީ ވުޒާރާއިން ބުނީ ޑރ. އިރުތިޝާމްގެ ސަފީރުކަމުގެ ފަތްކޮޅު ރަސްގެފާނަށް އެރުވުމުގެ ރަސްމިއްޔާތު އޮތީ ބަކިންގހަމް ޕެލަސްގައި ކަމަށެވެ.

މިރަސްމިއްޔާތުގައި ކިންގް ޗާލްސް ވަނީ ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަޤާމާ ޑޮކްޓަރ އިރުތިޝާމް އާދަމް ހަވާލުވެވަޑައިގަތުމުން އެ ކަމަނާއަށް މަރުޙަބާ ވިދާޅުވެފައި ކަމަށް ޚާރިޖީ ވުޒާރާއިން މަޢުލޫމާތު ދީފައިވެއެވެ.

“ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު ޒަމާނުއްސުރެ އޮތް އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުން އިތުރަށް ބަދަހި ކުރެއްވުމަށް ބޭނުންފުޅުވާ ކަމުގައި ރަސްގެފާނު ވިދާޅުވިއެވެ.” ޚާރިޖީ ވުޒާރާއިން ނެރެފައިވާ ބަޔާނުގައިވެއެވެ.

މި ރަސްމިއްޔާތުގައި ސަފީރު ޑރ. އިރުތިޝާމް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން އިނގިރޭސިިވިލާތުގެ ރަސްގެފާނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސް ކުރަށްވައި ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތާ ދެޤައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން ގާތުން މަސައްކަތް ކުރަށްވާނެކަމުގެ ޔަޤީންކަން ރަސްގެފާނަށް އަރުވާފައި ކަމަށް ޚާރިޖީ ވުޒާރާއިން ވަނީ ބުނެފައެވެ.

ޑރ. އިރުތިޝާމްގެ އަރިހުގައި އިނގިރޭސިވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ ސަފީރުގެ ނައިބު އަޙްމަދު މުޙައްްމަދާއި، ޑިފެންސް އެޓާޝޭ ކާނަލް ހުސެއިން ފައިރޫޝާއި، ފަސްޓް ސެކްރެޓަރީ މަރިޔަމް އާސިފް އާއި ތާރޑް ސެކްރެޓަރީ އާމިނަތު ސަމްރާ މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފައިވާ ކަމަށް ޚާރިޖީ ވުޒާރާއިން ހާމަކޮށްފައިވެއެވެ.

މި ރަސްމިއްޔާތަށްފަހު އާދަކާދައިގެ މަތިން އިނގިރޭސިވިލާތުގައި ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު އޮންނަ ޚާއްސަ ރިސެޕްޝަންގައި ޑރ. އިރުތިޝާމް ބައިވެރިވެ ވަޑައިގެންފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން