އެމްޓީޑީސީން މީގެ ކުރިން ބޭއްވި އަހަރީ ޢާއްމު ޖަލްސާއެއް
އެމްޓީޑީސީން މީގެ ކުރިން ބޭއްވި އަހަރީ ޢާއްމު ޖަލްސާއެއް
ހިއްސާދާރުންނަށް ފައިދާ ނުބަހާތާ 11 އަހަރު ފަހުން ފުރަތަމަ ފަހަރަށް މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން ހިއްސާގެ ފައިދާ ބަހަން ނިންމައިފި އެވެ.

އެމްޓީޑީސީން މިގޮތަށް ނިންމާފައި ވަނީ، މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގެ "ފަހި ވޯޓު" ޕޯޓަލް މެދުވެރިކޮށް ރޭ ބޭއްވި އެކުންފުނީގެ 2019 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގަ އެވެ. އެގޮތުން، މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާއަކަށް ބެހުމަށް ނިންމާފައިވަނީ 50 ލާރި އެވެ.

އެމްޓީޑީސީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި އެކުންފުންޏަށް 1.2 މިލިއަން ޑޮލަރު (19.1 މިލިއަން ރުފިޔާ) ވަނީ ލިބިފައެވެ.

ރޭގެ ޖަލްސާގައި އެމްޓީޑީސީން ވަނީ، އެ ކުންފުނީގެ ބޯޑުގެ ކުރިއަށް އޮތް ދައުރަށް އާންމު ހިއްސާދާރުންގެ ތެރެއިން 5 ޑިރެކްޓަރުން ވެސް އިންތިހާބުކޮށްފަ އެވެ. މީގެ އިތުރުން، ކުރިއަށް އޮތް އަހަރަށް އެ ކުންފުނީގެ އޮޑިޓަރެއްގެ ގޮތުގައި ކޭޕީއެމްޖީ ހަމަޖެއްސުމަށް ވެސް ރޭގެ ޖަލްސާގައި ފާސްކޮށްފައި ވެއެވެ.

ޓޫރިޒަމްގެ މަންފާ ދިވެހި ރައްޔިތުންނަށް ސީދާގޮތެއްގައި ހޯދައިދިނުމަށް 2006 ވަނަ އަހަރު ސަރުކާރުން އުފެއްދި އެމްޓީޑީސީ އުފެއްދިތާ 14 އަހަރުވިއިރު، ގިނަދުވަސްތަކެއްގައި އެ ކުންފުނި ހިންގާފައިވަނީ ގެއްލުމުގައެވެ.

އެހެން ނަމަވެސް، އެމްޓީޑީސީއަކީ ފައިދާވާ ކުންފުންޏަކަށް ބަދަލު ކުރުމަށް ސަރުކާރުން ވަނީ، ހދ. ނާގޯށި ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް އެމްޓީޑީސީއާ ހަވާލުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން