އާދަރްޝް ހިރެމަތު އަދި ސޫރްޔާ
އާދަރްޝް ހިރެމަތު އަދި ސޫރްޔާ
އިންޑިއާ ދަރިކޮޅަށް ނިސްބަތްވާ އުމުރުން 23 އަހަރުގެ ދެ ޒުވާނުން ކަމަށްވާ އަދާރްޝް ހީރަމަތް އަދި ސޫރްޔާ މިދާ އުފެއްދި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ސްޓާޓްއަޕް "މާކޯ" އަށް 750 މިލިއަން ޑޮލަރުގެ އައު އިންވެސްޓްމަންޓެއް ލިބިއްޖެއެވެ. ސީރީޒް-ޑީ ފަންޑިންގް ރައުންޑުގެ ދަށުން ލިބުނު މި ބޮޑު އިންވެސްޓްމަންޓާއެކު، އެ ދެ ޒުވާނުންގެ ޒާތީ މިލްކިއްޔާތު ދެގުނަވެ، ކޮންމެ މީހެއްގެ މިލްކިއްޔާތު މިހާރު ވަނީ 4.2 ބިލިއަން އެމެރިކާ ޑޮލަރަށް އަރާފައެވެ.

މި އައު ފަންޑިންގާއެކު އެމެރިކާގައި ހިންގަމުން އަންނަ މި ކުންފުނީގެ ޖުމްލަ އަގު ވަނީ 20 ބިލިއަން ޑޮލަރަށް އުފުލިފައެވެ. މި އިންވެސްޓްމަންޓް ރައުންޑުގައި ޓެކްނޮލޮޖީ ދާއިރާގެ މަޝްހޫރު ކުންފުނިތައް ކަމަށްވާ ބެންޗްމާކް، ޖެނެރަލް ކެޓަލިސްޓް، އެންވީޑިއާ އަދި ސޭލްސްފޯސް ފަދަ ނުފޫޒުގަދަ ކުންފުނިތަކުން ވަނީ ބައިވެރިވެފައެވެ.

މާކޯ އަކީ 2023 ވަނަ އަހަރު މި ދެ ޒުވާނުންނާއި، މިހާރުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ބްރެންޑަން ފޫޑީ ގުޅިގެން ވުޖޫދަށް ގެނައި ކުންފުންޏެކެވެ. ފޯބްސް މަޖައްލާއިން އަންދާޒާކުރާ ގޮތުގައި މި ތިން ބާނީންގެ ތެރެއިން ކޮންމެ މީހެއްގެ އަތުގައިވެސް ކުންފުނީގެ 21 އިންސައްތަ ހިއްސާ އޮވެއެވެ.

މިދިޔަ އަހަރު، އުމުރުން އެންމެ 22 އަހަރުގައި، އަމިއްލަ މަސައްކަތުން ދުނިޔޭގެ އެންމެ ހަގު ބިލިއަނަރުންގެ ދަރަޖަ ހޯދައިގެން ތާރީޚީ ރެކޯޑެއް ހެދި މި ޒުވާނުން ވަނީ، މިހާރު އުމުރުން 23 އަހަރުގައިވެސް އެ ޝަރަފުވެރި ރެކޯޑު ދަމަހައްޓާފައެވެ.

މާކޯ ކުންފުނީގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ އިންޑިއާގެ ފްރީލާންސް ކޯޑަރުން އެމެރިކާގެ ކުންފުނިތަކާ ގުޅުވައިދޭ ޕްލެޓްފޯމެއްގެ ގޮތުގައެވެ. ނަމަވެސް، ފަހުން އެ ކުންފުނީގެ ޚިދުމަތްތައް ފުޅާކޮށް، ޑޭޓާ ލޭބަލްކުރުމާއި، އެކި ދާއިރާތަކުގެ ފަންނީ މާހިރުން މެދުވެރިކޮށް އޭއައި މޮޑެލްތައް ތަމްރީނުކުރުމުގެ ދާއިރާއަށް ވަނީ ބަދަލުކޮށްފައެވެ.

އަލަށް ލިބުނު ފަންޑިންގްގެ އެހީގައި، އޭއައި މޮޑެލްތައް އިވެލުއޭޓްކުރުމާއި ޓެސްޓުކުރުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ވަނީ ނިންމާފައެވެ. ކުންފުނީގެ ސީއީއޯ ހާމަކޮށްފައިވާ ގޮތުގައި، ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ކުންފުނީގެ އަހަރީ އާމްދަނީ ވަނީ 1 މިލިއަން ޑޮލަރުން 3 ބިލިއަން ޑޮލަރަށް އިތުރުވެ، ބޮޑު ކުރިއެރުމެއް ހޯދާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް