އަދާލަތު ޕާޓީގެ އިސް ލީޑަރޝިޕްގެ ވަފުދެއް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާ ބައްދަލުކުރުން
އަދާލަތު ޕާޓީގެ އިސް ލީޑަރޝިޕްގެ ވަފުދެއް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާ ބައްދަލުކުރުން
މި ހިނގާ ރިޔާސީ ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރު ކޯލިޝަނާ ގުޅިގެން ކުރިއަށްދިއުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ތާއީދުކުރުމަށް ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ނިންމައިފިއެވެ.

މި ނިންމުން ނިންމާފައިވަނީ އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 47 މެންބަރުންގެ ތެރެއިން 41 މެންބަރުންގެ ބޮޑު އަޣުލަބިއްޔަތަކުންނެވެ.

ޢަދާލަތު ޕާޓީން ފާސްކުރި ޤަރާރުގައި މައިގަނޑު ތިން ކަމެއް ވަނީ ކަނޑައަޅާފައެވެ. އެއީ ރައީސް ޑރ. މުޢިއްޒުގެ ދަޢުވަތު ޤަބޫލުފުޅުކުރައްވައި ސަރުކާރާއެކު މަސައްކަތްކުރުމާއި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޕީއެންސީއަށް ފުރިހަމަ ތާއީދު ދިނުމުގެ އިތުރުން، ކޯލިޝަންގެ އެއްބަސްވުމުގެ ކަންކަން ނިންމަވައި އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ އެންމެހައި ބާރުތައް ޕާޓީގެ ރައީސަށް އެރުވުމެވެ. މި ނިންމުމާ ގުޅިގެން ސަރުކާރުގެ މުހިންމު މަޤާމުތަކެއް އެ ޕާޓީގެ މެންބަރުންނަށް ހަމަޖެހިގެންދާނެ ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

ރަސްމާލެ މަޝްރޫޢާ ގުޅޭގޮތުން ސިޔާސީ މަސްރަޙުގައި އެކި ބަހުސްތައް ހިނގަމުންދާ ދަނޑިވަޅެއްގައި ޢަދާލަތު ޕާޓީން ސަރުކާރާއެކު މިފަދަ ނިންމުމެއް ނިންމުމަކީ، ސަރުކާރުގެ ހިންގުން އިތުރަށް ހަރުދަނާވެގެންދާނެ ކަމެއް ކަމަށް ބެލެވެއެވެ. ސަރުކާރުން އަބަދުވެސް ބުރަވަނީ މިފަދަ ބިޔަ މަޝްރޫޢުތަކުގެ ސަބަބުން ޤައުމުގެ އިޤްތިޞާދަށް އިންޤިލާބީ ކުރިއެރުމެއް އައިސް، ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބިގެންދާނެ ކަމަށެވެ.

ޢަދާލަތު ޕާޓީ ފަދަ ދީނީ އަދި އިޖުތިމާޢީ ކަންކަމުގައި އިސްނަގާ ޕާޓީއަކުން ސަރުކާރާ ގުޅިގެން މަސައްކަތްކުރުމަކީ، ޤައުމުގައި ސިޔާސީ ހަމަޖެހުން ޤާއިމުވެ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ތަރައްޤީގެ ތަޞައްވުރު ހަލުވިކަމާއެކު ޙަޤީޤަތަކަށް ހެދުމަށް ލިބިގެންދިޔަ ވަރަށް މުހިންމު ބާރެކެވެ.



ކިޔުންތެރިންގެ ހިޔާލު