އަދާލަތު ޕާޓީގެ އިސް ލީޑަރޝިޕްގެ ވަފުދެއް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާ ބައްދަލުކުރުން
އަދާލަތު ޕާޓީގެ އިސް ލީޑަރޝިޕްގެ ވަފުދެއް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާ ބައްދަލުކުރުން
ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީން މަޝްވަރާތައް ފަށައިފިއެވެ.

މި މަޝްވަރާތައް ފަށާފައިވަނީ ޕީއެންސީގެ ފަރާތުން އެކަމަށް ދައުވަތު ދިނުމާ ގުޅިގެންނެވެ. އަދާލަތު ޕާޓީގެ ރައީސް މުޙައްމަދު ޝިފާން މި މައްސަލަ ހުށަހެޅުއްވީ ހުކުރު ދުވަހުގެ ރޭ ބޭއްވި އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ 4 ވަނަ ދައުރުގެ 9 ވަނަ ބައްދަލުވުމުގައެވެ.

އަދި ޕީއެންސީއާއެކު ކޯލިޝަން ހެދުމާމެދު ވަކި ގޮތެއް ނިންމުމަށް މިރޭވެސް މަޝްވަރާ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަދާލަތު ޕާޓީ ހިންގުމަށް ބޭނުންވާ މާލީ އެހީތެރިކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދަނީ ފޯރުކޮށްދެއްވަމުންނެވެ. އެހެންކަމުން، މާލީ އެހީތެރިކަން ލިބެމުންދާތީ އެ ޕާޓީގެ މިހާރުގެ ލީޑާޝިޕުން ބޭނުންވަނީ ޕީއެންސީއާއެކު ކުރިއަށް ދިއުމަށް ކަމަށް ޕާޓީގެ އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ.

މީގެ ކުރިން 2015 ވަނަ އަހަރުން ފެށިގެން އަދާލަތު ޕާޓީން މަސައްކަތްކުރީ ކުރީގެ ސަރުކާރު ހިންގި އެމްޑީޕީއާ ގުޅިގެންނެވެ. އެމްޑީޕީގެ ސަރުކާރުގައި ކޯލިޝަން އެއްބަސްވުމާ އެއްގޮތަށް އަދާލަތު ޕާޓީއަށް އިސް މަޤާމުތަކެއް ދީފައިވެއެވެ.

އޭގެ ތެރޭގައި އޭރުގެ ޕާޓީގެ ރައީސް އައްޝައިޚް އިމްރާން ޢަބްދުﷲ އަށް ހޯމް މިނިސްޓަރުކަން އަދި ޑރ. އަޙްމަދު ޒާހިރު ޢަލީއަށް އިސްލާމިކް މިނިސްޓަރުކަން ދެއްވުން ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު