އުމުރުން 15 އަހަރުގެ އަންހެން ކުއްޖާ
އުމުރުން 15 އަހަރުގެ އަންހެން ކުއްޖާ
ގެއްލިގެން ހޯދަމުންދިޔަ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކު، އޭނާގެ ދެ މަހުގެ ތުއްތު ދަރިފުޅާއެކު ފަރުބަދަމަތީގެ އެކަހެރި ހޮހަޅައެއްގައި ދިރިއުޅެމުން ދަނިކޮށް ފަސް މަސްދުވަސް ފަހުން ފެނިއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މި ކުއްޖާ ފެނިފައިވަނީ، އުދުދުމްބަރާ ފުލުހުން ކުރިއަށްގެންދިޔަ ހާއްސަ ތަހުގީގީ އޮޕަރޭޝަނެއްގެ ތެރެއިން، ނަކްލްސް މައުންޓަން ރޭންޖުގެ މީމުރޭ ކައިރީގައިވާ ޖަންގަލީ ސަރަހައްދެއްގެ ހޮހަޅައަކުންނެވެ. އެ ކުއްޖާ ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މީގެ ފަސް މަސްދުވަސް ކުރިންނެވެ.

މި ތަހުގީގުގައި ފުލުހުންގެ ސަމާލުކަން ހުއްޓުނީ، އެ ސަރަހައްދުގެ ފިހާރައަކުން އާދަޔާ ހިލާފަށް ގިނަ އަދަދަކަށް ހަނޑުލާއި ކާބޯތަކެތި ގަންނަމުންދިޔަ 23 އަހަރުގެ ޒުވާނަކަށެވެ. އެ މީހާއަށް ފާރަލަމުން ގޮސް، ޖަންގަލީގެ ފުން ހިސާބެއްގައި ޕްލާސްޓިކް ޝީޓުތަކުން ނިވާކޮށްފައި ހުރި ހޮހަޅައެއް ބަލައިފާސްކުރިއިރު، ގެއްލިގެން ހޯދަމުންދިޔަ ކުއްޖާއާއި އޭނާގެ ދެ މަހުގެ ތުއްތު އަންހެން ދަރިފުޅު ވަނީ އެތަނުން ފެނިފައެވެ.

ފުލުހުންގެ ތަހުގީގުން ހާމަވި ގޮތުގައި، އެ ކުއްޖާ ވިހާފައިވަނީ އެއްވެސް ސިއްހީ އެހީތެރިކަމެއް ނެތި، އެ ހޮހަޅައިގެ ތެރޭގައެވެ. އަދި ތުއްތު ދަރިފުޅުގެ ފޫޅުދަނޑި ބުރިކޮށްފައިވަނީ ކިތުލް ރާވެރިކަމުގައި ބޭނުންކުރާ ޒާތުގެ ތޫނު ހަތިޔާރަކުންނެވެ. ވިހެއުމަށްފަހު މައު އަދި ދަރިފުޅަށް ފަރުވާ ދިނުމަށް ބޭނުންކޮށްފައިވަނީ ޖަންގަލީގެ ގަސްގަހާގެހިން ތައްޔާރުކުރި ފަތްޕިލާވެލީގެ ބޭހެވެ. މީގެ އިތުރުން، ކުއްޖާގެ ބައްޕަ ކަމަށް ބެލެވޭ އެ ޒުވާނާ ބުނެފައިވާ ގޮތުގައި، ތުއްތު ކުއްޖާ ފެންވަރުވަން ބޭނުންކުރީ ކިތުލް ހަކުރު ކެއްކުމަށް ބޭނުންކުރާ ބޮޑު ތަވާއެކެވެ.

މި މައްސަލައާ ގުޅިގެން އެ ޒުވާނާގެ އިތުރުން، އޭނާއަށް ވާގިވެރިވި ކަމުގެ ތުހުމަތުގައި އޭނާގެ އާއިލީ މީހަކު ވެސް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ދެ މީހުން ތެލްދެނިޔާ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، ނޮވެމްބަރު 20 ގެ ނިޔަލަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އަންހެން ކުއްޖާއާއި ތުއްތު ދަރިފުޅު މިހާރު ވަނީ ފުލުހުންގެ ހިމާޔަތުގެ ދަށަށް ގެންގޮސް، ސިއްހީ އަވަސް ފަރުވާއާއި މެޑިކަލް ތަހުލީލުތަކަށްޓަކައި ކެންޑީގެ ނޭޝަނަލް ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ. އުދުދުމްބަރާ ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު