ރައީސް ޑރ. މުހައްމަދު މުޢިއްޒުއަށް އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު އެރުވުން، ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުހައްމަދު މުޢިއްޒުއަށް އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު އެރުވުން، ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ވެރިކަމާ ޙަވާލުވެވަޑައިގެން، ޤައުމުގެ ކުރިއެރުމަށާއި ތަރައްޤީއަށް ކުރައްވަމުން ގެންދަވާ އިޚްލާޞްތެރި މަސައްކަތްޕުޅުތައް ބައިނަލްއަޤުވާމީ މުޖުތަމަޢުން ބަލައިގެންފިކަން އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޢިލްމީ މަތީ ޝަރަފުން ހާމަވެގެން ގޮސްފައިވާ ކަމަށް ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބުނެފިއެވެ.

ޕީއެންސީން މިހެން ބުނެފައިވަނީ، ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދަޢުވަތަކަށް ރައީސުލްޖުމްހޫރިއްޔާ މިހާރު އެ ޤައުމަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، އެ ޤައުމުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން އެމަނިކުފާނަށް އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު އެރުވުމާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

އެ ޔުނިވަރސިޓީގެ ބޯޑް އޮފް ޓްރަސްޓީސްގެ ޗެއާމަން އަދި ޗާންސެލަރގެ ހައިސިއްޔަތުން، ލިބިވަޑައިގަންނަވާ އިޚްތިޔާރާއި ބާރުގެ ދަށުން މި ޝަރަފު ރައީސް ޑރ. މުޢިއްޒަށް އަރުވާފައިވަނީ ޕާކިސްތާނުގެ ރައީސް ޢާޞިފް ޢަލީ ޒަރުދާރީގެ ފަރާތްޕުޅުންނެވެ. މި ޝަރަފު އެމަނިކުފާނަށް އަރުވާފައިވަނީ ރާއްޖޭގެ އާންމު ޚިދުމަތް ކުރިއެރުވުމަށާއި، ދައުލަތުގެ އިދާރާތައް ތަރައްޤީކޮށް ހިންގުމުގެ ދާއިރާއިން ހޯއްދަވާފައިވާ ފާހަގަކޮށްލެވޭ ކުރިއެރުންތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.

ޕީއެންސީގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، އިސްލާމީ އުއްމަތުގެ މުހިންމު ބާރެއް ކަމަށްވާ ޕާކިސްތާނަށް ރާއްޖޭގެ އެންމެ މަތީ ވެރިޔަކު ޒިޔާރަތް ނުކުރައްވާތާ 11 އަހަރު ވެފައިވަނިކޮށް، ރައީސް ޑރ. މުޢިއްޒު ކުރެއްވި މި ދަތުރުފުޅަކީ އިސްލާމީ ޤައުމުތަކާއެކު އޮންނަ ގުޅުން ހަރުދަނާކުރެއްވުމަށް އެމަނިކުފާނު ކުރައްވާ މަސައްކަތްޕުޅުގެ އަލިގަދަ ހެއްކެކެވެ. މީގެއިތުރުން، މި ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން 20 އެއްބަސްވުމެއްގައި ސޮއިކުރެވިގެން ދިޔުމަކީ ރާއްޖެއަށް ހޯދުނު ވަރަށް މުހިންމު އަދި ތާރީޚީ ކާމިޔާބީއެއް ކަމަށްވެސް އެ ޕާޓީން ބުނެފައިވެއެވެ.

ރައީސް ޑރ. މުޢިއްޒަށް މަރުޙަބާ ދަންނަވައި ނެރުނު އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، މި ޝަރަފަކީ ރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ޙާލަތު ރަނގަޅުކުރެއްވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ބައިނަލްއަޤުވާމީ ފެންވަރުގައި ލިބުނު އިތުބާރެއް ކަމަށެވެ. އަދި ދިވެހި ޤައުމު އިސްކުރައްވައިގެން، ބޭރުގެ ހުރިހާ ޤައުމުތަކާއެކު ހަމަހަމަ އަދި ވަރުގަދަ ޚާރިޖީ ގުޅުމެއް ޤާއިމުކުރެއްވުމުގެ ސިޔާސަތުގެ ދަށުން، ދިވެހިރާއްޖެއަށާއި ރައްޔިތުންނަށް މުޅި ދުނިޔޭގެ ކުރިމަތީގައި ލިބެމުންދަނީ ބޮޑު ޝަރަފަކާއި ފަޚުރެއް ކަމަށްވެސް ޕީއެންސީން ވަނީ ފާހަގަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް