އަމާން ޢުައްލާ މަޙްމޫދީ
އަމާން ޢުައްލާ މަޙްމޫދީ
ބަންގްލަދޭޝްގެ ނެތްރަކޯނާގެ މަދާން އަވަށުގައި 11 އަހަރުގެ ކުޑަކުއްޖަކު ރޭޕްކޮށް ބަނޑުބޮޑުކުރި މައްސަލައެއް ސާބިތުވެ، ސްކޫލް ޓީޗަރަކު މެރުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ.

މި ޙުކުމް އިއްވެވީ ނެތްރަކޯނާ އަވަށުގެ އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާތައް ހުއްޓުވުމަށް އުފައްދާފައިވާ ޚާއްޞަ ޓްރައިބިއުނަލްގެ ފަނޑިޔާރު، މުޙައްމަދު ޢަބްދުއްސަލާމެވެ. މި ޙުކުމް އިއްވާފައިވަނީ ހެކިވެރިންގެ ބަޔާންތަކާއި، ޑީ.އެން.އޭ ރިޕޯޓްގެ އިތުރުން ސައިންޓިފިކް އެހެނިހެން ހެކިތަކަށް ބެލުމަށްފަހު، ދަޢުވާލިބޭ މީހުންގެ ޙާޟިރުގައެވެ.

މި މައްސަލާގައި ދެން ދަޢުވާ ލިބުނު އެ ޓީޗަރުގެ ކޮއްކޮ، މައިމޫން ޢަލީ (މާމޫން މިޔާ) ގެ މައްޗަށް ކުށް ސާބިތުވެފައެއް ނުވެއެވެ. ސަބަބަކީ، އަނިޔާ ލިބުނު ކުއްޖާގެ ޢާއިލާއަށް އޭނާ ބިރުދައްކައި އިންޒާރުދިން ކަމަށް ބުނާ ބުނުން ޝަރީޢަތަށް ސާބިތުކޮށްދެވިފައި ނުވާތީއެވެ.

އެ ޓްރައިބިއުނަލްގެ ޕަބްލިކް ޕްރޮސެކިއުޓަރ ނޫރުލް ކަބީރު ރޫބެލް މި ޙުކުމް ކަށަވަރުކޮށްދެއްވާފައިވާއިރު، ކުށް ސާބިތުވި ޓީޗަރު އެއްލައްކަ ޓަކައިން ޖޫރިމަނާ ކުރުމަށްވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މީގެއިތުރުން، މި ޖަރީމާގެ ސަބަބުން އެ ކުއްޖާއަށް ލިބުނު ދަރިފުޅަކީ ކުށްވެރިވި އަމާން އުއްލާ މަޙްމޫދީގެ ދަރިއެއްގެ ގޮތުގައި ބަލައިގަނެ، އެގޮތަށް ރަޖިސްޓްރީ ކުރުމަށްވެސް ކޯޓުން ވަނީ ނިންމާފައެވެ.

ހަމައެއާއެކު، އެ ދަރިފުޅު ބޮޑުކުރުމާއި، ތަޢުލީމާއި އަދި ދުޅަހެޔޮކަމުގެ ހުރިހާ ޚަރަދެއް ދައުލަތުން ބެލެހެއްޓުމަށްފަހު، އެ ޚަރަދުތައް ކުށްވެރިޔާގެ އަތުން އަނބުރާ ހޯދުމުގެ ފުރިހަމަ ޙައްޤު ސަރުކާރަށް ލިބިގެންވާ ކަމަށްވެސް ކޯޓުގެ ޙުކުމުގައި ވަނީ ބަޔާންކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު