ބަންޑާރަނާއިބު އަޙްމަދު އުޝާމް
ބަންޑާރަނާއިބު އަޙްމަދު އުޝާމް
ކުރީ ސަރުކާރުން 9 ސެޓްލްމަންޓް އެއްބަސްވުމެއް ހަދާފައިވަނީ ވަކިބަޔަކަށް ނުޙައްޤު މުއްސަނދިކަން ހޯދައިދިނުމަށް ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ހާމަކޮށްފިއެވެ.

ބަންޑާރަ ނާއިބުގެ އޮފީހުން މިރޭ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ޙައްލުކުރުމަށް ކުރީ ސަރުކާރުން 28 ނޮވެންބަރު 2022 ގައި ބަދަލުދިނުމުގެ އުސޫލެއް އެކުލަވާލާފައިވާ ކަމަށެވެ.

އަަދި އެއުސޫލުގެ ދަށުން ނިންމާފައިވާ ނިންމުންތަކާއި ސޮއިކޮށްފައިވާ ސެޓްލްމަންޓް އެއްބަސްވުންތަކަކީ، ދައުލަތުގެ އޮޑިޓަރ ޖެނެރަލްގެ ބަހެއް ނެތި، ތަޢައްޞުފީ ގޮތެއްގައި، ވަކި ފަރާތްތަކަކަށް ނުޙައްޤު މުއްސަނދިކަމެއް ލިބޭގޮތަށް ނިންމާފައިވާ ނިންމުންތަކެއްކަން އޭޖީ އޮފީހުން ފާހަގަ ކޮށްފައިވެއެވެ.

އެގޮތުން ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ޙައްލުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލަކީ ޤާނޫނީ ހައިސިއްޔަތާއި ބާރު ލިބިގެންނުވާ އުސޫލެއް ކަމަށާއި، އެ އުސޫލަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ޤާނޫނާ ޚިލާފަށް އެކުލަވާލާފައިވާ އުސޫލެއްކަމަށް ބަންޑާރަނާއިބުގެ އޮފީހުން ބުނެފައިވެއެވެ.

އަދި އެއުސޫލުގެ ދަށުން ސޮއިކޮށްފައިވާ 9 ސެޓްލްމަންޓް އެއްބަސްވުމަކީ ބާޠިލް އެއްބަސްވުންތަކެއް ކަމަށްވެސް ބަންޑާރަނާއިބުގެ އޮފީހުން ވަނީ ބުނެފައެވެ.

“އެ އުސޫލުގެ ދަށުން، ނިމިދިޔަ ރިޔާސީ ދައުރުގެ ތެރޭގައި ސޮއިކޮށްފައިވާ 9 (ނުވައެއް) ސެޓްލްމަންޓް އެއްބަސްވުމަކީ، ޤާނޫނީ ގޮތުން ބަނދެވޭ އެއްބަސްވުންތަކެއް ނޫންކަމާއި، އެއީ ބާޠިލް އެއްބަސްވުންތަކެއް ކަމާއި، އެ އެއްބަސްވުންތަކަކީ ޢަމަލުކުރަންނުޖެހޭ އެއްބަސްވުންތަކެއް ކަން ކަމާބެހޭ ދައުލަތުގެ އިދާރާތަކަށް ބަންޑާރަނައިބު ވަނީ މިއަދު އަންގަވާފައެވެ.” ބަންޑާރަނާއިބުގެ އޮފީހުގެ ބަޔާނުގައިވެއެވެ.

ބަންޑާރަނާއިބުގެ އޮފީހުން ބުނީ ރައީސް ޑރ. މުޢިއްޒު ވަނީ ބަދަލު ދިނުމުގެ އުސޫލުގެ ދަށުން ސެޓްލްމަންޓް އެއްބަސްވުމުގައި ސޮއިކޮށްފައިވާ މައްސަލަތައް ދިރާސާކުރުމަށް އެއޮފީހަށް ފޮނުއްވާފައި ކަމަށެވެ.

އޭގެއިތުރުން އެއުސޫލުގެ ދަށުން ސޮއިކޮށްފައިވާ އެއްބަސްވުންތަކާ ގުޅޭ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާ ކޮށްފައިވާ ކަމަށާއި، އެ އެއްބަސްވުންތަކަކީ އުފެދުމުގައިވެސް ބާޠިލް އެއްބަސްވުންތަކެއް ކަމަށް އެކޮމިޓީންވެސް ދެކޭކަމަށް ބަންޑާރަނާއިބުގެ އޮފީހުން ވަނީ ބުނެފައެވެ.

“އެ އެއްބަސްވުންތައް ބާޠިލްކުރުމަށް ޤާނޫނީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށާއި، އެ އުސޫލާއި އެއްބަސްވުންތަކުގެ ދަށުން އެއްވެސް ބަދަލެއް ދީފައިވާނަމަ، އެ ބަދަލެއް އަނބުރާ ހޯދުމުގެ ކަންކަން ކުރުމަށާއި، މިކަމުގައި ހިމެނޭ ފަރާތްތަކުގެ މައްޗަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ބަންޑާރަނައިބަށާއި ކަމާ ގުޅުންހުރި އިދާރާތަކަށް ދެންނެވުމަށް ފެންނަކަމަށް އެ ކޮމިޓީން ނިންމަވައި، ރައްޔިތުންގެ މަޖިލީހުން މި އޮފީހަށް އަންގަވާފައިވެއެވެ.” ބަންޑާރަނާއިބުގެ އޮފީހުން ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން