ބަންޑާރަނާއިބު އަހުމަދު އުޝާމް - މިއީ އޭއައި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއެއް | ރަސް އޮންލައިން
ބަންޑާރަނާއިބު އަހުމަދު އުޝާމް - މިއީ އޭއައި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއެއް | ރަސް އޮންލައިން
ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން އަމަލުކުރަމުން އަންނަ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު (އާރުޓީއައި) ބައެއް ފަރާތްތަކުން "އެބިއުސް" ކުރަމުންދާ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ.

ބަންޑާރަނައިބު މިހެން ވިދާޅުވީ، ގާނޫނުގައި ބަޔާންކުރާ މުއްދަތުތަކުގެ ތެރޭގައި އާރުޓީއައި ހުށަހެޅުންތަކަށް ރައީސް އޮފީހުން ޖަވާބު ނުދޭ މައްސަލައިގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން އުޝާމް ވިދާޅުވީ އާރުޓީއައި ގާނޫނަކީ ވަރަށް މުހިންމު މަގުސަދެއްގައި އެކުލަވާލާފައިވާ ގާނޫނެއް ކަމަށާއި، އެ ގާނޫނުގެ ބޭނުން "ހެޔޮ ގޮތުގައި" ކުރާ މީހުންނަށް މައުލޫމާތު ދިނުމަކީ ކޮންމެހެން ކުރަންޖެހޭ މުހިންމު ކަމެއް ކަމަށެވެ.

"އެހެން ނަމަވެސް އަޅުގަނޑުމެންނަށް ވަރަށް ގިނަ ފަހަރަށް ފެނިގެން މިދަނީ މިހާރަކަށް އައިސް އަމުދުން، ގިނަ ފަހަރު އަޅުގަނޑުމެންނަށް ފެނިގެން މިދަނީ އާރުޓީއައި ގާނޫނު ވަރަށް ބޮޑަށް އެބިއުސްކުރާތަން ވެސް އަޅުގަނޑަށް އެބަ ފެނޭ،" އުޝާމް ވިދާޅުވިއެވެ.

އުޝާމް އިތުރަށް ވިދާޅުވީ، އާރުޓީއައި ގާނޫނުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފަމުންދާތީ، އެފަދަ ހުށަހެޅުންތަކަށް ޖަވާބު ދިނުމުގައި ސަރުކާރުގެ އިދާރާތަކުން ހޭދަކުރަންޖެހޭ ވަގުތު ވަރަށް ގިނަ ކަމަށެވެ. ނަމަވެސް އެއީ އެ ޤާނޫނު އެކުލަވާލާފައިވާ ގޮތުން ދިމާވެފައިވާ ކަމެއް ކަމަށް އުޝާމް ވިދާޅުވިއެވެ.

އުޝާމް މިހެން ވިދާޅުވެފައިވާއިރު، ސަރުކާރުގެ އޮފީސްތަކުން އާރުޓީއައިތަކަށް ޖަވާބު ނުދިނުމާއި، ގާނޫނުގައި މައުލޫމާތު ހިފަހައްޓަން ލިބިދޭ ދާއިރާގެ ބޭރުން ގިނަ މައުލޫމާތުތައް ހިފަހައްޓާ ކަމުގެ ޝަކުވާ ބޮޑު ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވަނީ ފާހަގަ ކޮށްފައެވެ. އެކޮމިޝަނުގެ މިދިޔަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން އެ އޮފީހަށް ހުށަހެޅި 712 ޝަކުވާގެ ތެރޭގައި އެއްވެސް ޖަވާބެއް ނުލިބިގެން ހުށަހަޅާފައިވާ 487 ޝަކުވާ ހިމެނެއެވެ. އެގޮތުން އެންމެ ގިނަ މައްސަލަތައް ރައްދުވާ އެއް އިދާރާއަކީ ރައީސް އޮފީހެވެ.



ކިޔުންތެރިންގެ ހިޔާލު