ރާއްޖޭގެ ރަށްތަކެއް
ރާއްޖޭގެ ރަށްތަކެއް
ދިވެހިން ފިތުނައިގެ ކަނޑުން އަރައިގަންނަންވެއްޖެ ކަމަށާއި އެހެންނޫންނަމަ ރާއްޖޭގެ މައްޗަށް އެކި ޤައުމުތަކުގެ ނުފޫޒު ގަދަވެ ޤައުމު ބައިބައިވެގެން ހިނގައިދާނެ ކަމުގެ ކަންބޮޑުވުން ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މާލޭގެ މެންބަރުކަން މީގެކުރިން ކުރެއްވި އިބްރާހިމް އިސްމާޢީލް އިބްރާ ފާޅުކުރަށްވައިފިއެވެ.

މީސްމީޑިއާގައި ރޭ ޙިއްސާ ކުރެއްވި މެސެޖެއްގައި އިބްރާ ވިދާޅުވީ ދިވެހިން މިހާރު މާއްދިއްޔަތަށް މާބޮޑަށް އަޅުވެތިވެފައިވާ ކަމަށެވެ.

އަދި އެކަން އެގޮތަށް ދިގުދެމިގެން ދާނަމަ މިރާއްޖޭގެ އިސްތިޤްލާލް ނެތިގޮސް، ރާއްޖެ ދެތިން ހަތަރު ބަޔަކަށް ބަހާލެވި، އެކިބައިތަކުގެ މައްޗަށް އެކި ޤައުމު ގަދަވެގެން ތިބޭ މަންޒަރު ފެނުމަކީ ދުރުކަމެއް ނޫންކަމަށް އިބްރާ ވިދާޅުވިއެވެ.

“މިހެން މިދިމާވީ މި ރާއްޖޭގެ ރައްޔިތުންގެ ގިނަބަޔަކު، ކުރުރާސްތާގެ މާއްދީ ދަހިވެތިކަމެއްގައި އުޅެގަތުމުންނެވެ. ޣީރަތްތެރިކަމާ، ޙަސަދައާ، ފިތުނައިގެ ކަނޑަކަށް ޣަރަޤުވެދިޔުމުގެ ނަތީޖާއެވެ. ޢަދުލުވެރިކަން ދޫކޮށްލައި، އަނިޔާވެރިކަން އިސްކުރުމުގެ ފަސްމަގެވެ.” ފަހުގެ ތާރީޚުގައި ރާއްޖެއަށް ދިމާވެދާނެގޮތް އިބްރާ ސިފަކުރަށްވާފައިވެއެވެ.

ހަމައެއާއެކު އިބްރާ ވަނީ ރާއްޖޭގެ މިހާރުގެ ޙާލަތުގެ މައްޗަށް ކަންބޮޑުވުން ފާޅުކުރަށްވާފައެވެ. އެގޮތުން ފަހުގެ ޒަމާނެއްގައި ތާރީޚު ލިޔާ މީހުން ދިވެހިރާއްޖެއޭ ކިޔުނު ތަނެއްގެ ވާހަކަ ލިޔާނެކަމަށާއި ނަމަވެސް އެދުވަހަކުން މިހާރު ފެންނަން މިހުރި ކޮންކްރީޓް ތަރައްޤީގެ އަސަރެއް ނުފެންނާނެ ކަމަށް އިބްރާ ވިދާޅުވެފައިވެއެވެ.

“އޭރު، ހިޔާ ފްލެޓްތަކާ، އެނޫންވެސް ފްލެޓްތައް ވީރާނާވެ ހިނގައިދާނެއެވެ. 16 ޓަވަރުގައި 40،000 އިންސާނުން ދިރިއުޅުނުގޮތާމެދު ތަފާތު ތިޔަރީތައް އާކިއޮލޮޖޮސްޓުންގެ ޕީ.އެޗް.ޑީ ތީސިސްތަކުގައި ލިޔާނެއެވެ.“ އިބްރާ ވިދާޅުވިއެވެ.



ހަމައެހެންމެ އިބްރާ ވަނީ ސިޔާސީ ވާދަވެރިކަމުގައި ދިވެހިންގެ ކިބައިގައި އަށަގެންފައިވާ ނޭދެވޭ ސިފަތަކަށްވެސް އަލިއަޅުއްވާ ލައްވާފައެވެ. އެގޮތުން ސަރުކާރުތައް ހިންގަންތިބޭ މީހުން ބަދަލުވީ ނަމަވެސް ދަޢުލަތް އޭގެ ޒާތުގައި ދެމިގެންދާނެކަން އިބްރާ ފާހަގަ ކުރެއްވިއެވެ.

އަދި އަބަދުވެސް ފަހުން އަންނަ ސަރުކާރަކުން ކުރީގެ ސަރުކާރުތަކުގެ މަޝްރޫޢުތައް ނިންމަމުން ނުވަތަ އިތުރަށް ފުރިހަމަ ކުރަމުން ދާނެ ކަމަށާއި ނަމަވެސް އެކަންކަން ކުރަމުންދަނީ ރައްޔިތުންގެ ފައިސާއިންކަމީ އޮޅުވާނުލެވޭނޭ ޙަޤީޤަތެއް ކަމަށް އިބްރާ ވިދާޅުވެފައިވެއެވެ.

އޭގެ އިތުރުން އިބްރާ ވިދާޅުވީ މިއަދުގެ ހިތާމައަކީ މިހާރު ޤައުމީ ތަރައްޤީގެ މަސައްކަތްތައް ކުރަމުންދާއިރު ޤައުމު ދަރާފައި އޮތުންކަމަށެވެ. ނަމަވެސް ރާއްޖެ އަދިވެސް ދުވަނީ ރައީސް އިބްރާހިމް ނާޞިރު އެޅުއްވި ބިންގާތަކުގެ މަތީގައި ކަމަށާއި ދެމެހެއްޓެނިވި ގޮތަކަށް އާ ކަމެއް ކުރި ވެރިޔަކު އޭގެފަހުން ނާންނަ ކަމަށްވެސް އިބްރާ ވިދާޅުވިއެވެ.

އެހެން ނަމަވެސް ރައީސް ނާޞިރު ޤައުމު ހިންގެވީ ދަރަނިވެރިނުވެކަމަށް ވިދާޅުވެ އިބްރާވަނީ ސިޔާސީ ކަންކަމުގައި ދިވެހިންގެ ވިސްނުން ޤައުމަށް ގެއްލުން ނުލިބޭނެގޮތަށް ބައްޓަން ކުރުމަށް އިލްތިމާސް ކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން