އެމްޑީޕީގެ އިސްލީޑަރ ރައީސް ޞާލިޙް (ވ) އާއި ޑިމޮކްރެޓްސްގެ ލީޑަރ ރައީސް ނަޝީދު (ކ)
އެމްޑީޕީގެ އިސްލީޑަރ ރައީސް ޞާލިޙް (ވ) އާއި ޑިމޮކްރެޓްސްގެ ލީޑަރ ރައީސް ނަޝީދު (ކ)
އެމްޑީޕީގެ ކުރީގެ ރައީސް އަދި އެޕާޓީގެ ޓިކެޓްގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމު އެންމެ ފުރަތަމަ އަދާކުރެއްވި ރައީސް މުޙައްމަދު ނަޝީދު އެމްޑީޕީއަށް އެނބުރި ގުޅިވަޑައިގަންނަވަން ނޫޅުއްވާ ކަމަށް ދަ ޑިމޮކްރެޓްސް އިން ބުނެފިއެވެ.

ޑިމޮކްރެޓުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާފަންނު އުތުރު ދާއިރާގެ ކުރީގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ ރައީސް ނަޝީދު އެމްޑީޕީއަށް އެނބުރި ވަޑައިނުގަންނަވާނެ ކަމަށާއި އެޕާޓީގެ އިތުރު މެންބަރަކު ވެސް ޕާޓީ ދޫކުރަށްވައި ވަޑައިގަންނަވަން އުޅުއްވާކަމުގެ މައުލޫމާތު ލިބިފައިނެތް ކަމަށެވެ.

“ރައީސް ނަޝީދު އެމްޑީޕީއާ ގުޅިވަޑައިގަންނަވާ ވާހަކައެއް ނެތް.” އިންތި މިއަދު ވިދާޅުވިއެވެ.

ހަމައެއާއެކު އިންތި ވިދާޅުވީ ރާއްޖޭގައި ހަރަކާތްތެރިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން ޑިމޮކްރެޓްސް އަކީ އެންމެ ސާފު މެމްބަރުންތިބި ޕާޓީކަމަށާއި، ކުރިއަށް އޮތްތަނުގައި ޑިމޮކްރެޓްސް ފެނިގެންދާނީ ރައްޔިތުންގެ އެންމެ އުއްމީދީ ޕާޓީގެ ގޮތުގައި ކަމަށެވެ.

އެގޮތުން ޑިމޮކްރެޓްސް ވެގެންދާނީ ރައްޔިތުން އިތުބާރުކުރާފަދަ ސިޔާސަތުތަކެއް އެކުލަވާލާނެ ޕާޓިއަކަށްކަމަށް އިންތި ވިދާޅުވިއެވެ.

އިންތި މިހެން ވިދާޅުވެފައިވާއިރު ޑިމޮކްރެޓްސްގެ ރައީސަކަށް ހުންނެވި ހަސަން ލަތީފާއި، އެޕާޓީގެ ނައިބުރައީސްއަކަށް ހުންނެވި ޝިފާޒް އިއްޔެ އެޕާޓީން ވަކިވެ ވަޑައިގެން، މިއަދު ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންނެވިކަން އިއުލާނުކުރައްވާފައެވެ. އަދި އެޕާޓީގެ ކުރީގެ ޕީޖީ ލީޑަރ ޢަލީ އާޒިމާއި ރިޔާސީ އިންތިޚާބުގައި އެޕާޓީގެ ރަނިންމޭޓެއްގެ ގޮތުގައި ވާދަކުރެއްވި ޙުސެއިން ޢަމްރުވެސް ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.

އޭގެ އިތުރުން ރައީސް ނަޝީދު އެމްޑީޕީއާ ގުޅިވަޑައިނުގަންނަވާނެ ކަމަށް އިންތި ވިދާޅުވެފައިވާއިރު އެމަނިކުފާނު މިވަގުތު ހުންނެވީ ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގައެވެ. އަދި އެމަނިކުފާނު ވަނީ ސިޔާސީ ކަންކަމުން ދުވަސްކޮޅަކަށް ދުރަށް ޖެހިވަޑައިގަތްކަން އިޢުލާނު ކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން