ޑިމޮކްރެޓްސްގެ ނައިބު ރައީސް ހުސެއިން ފިރުޝާން (ކ)
ޑިމޮކްރެޓްސްގެ ނައިބު ރައީސް ހުސެއިން ފިރުޝާން (ކ)
ޑިމޮކްރެޓްސް ދޫކޮށް އެމްޑީޕީއާ ގުޅިވަޑައިގެންފައި ވަނީ ވަރަށް ޚިދުމަތްތެރި ބޭފުޅުން ކަމަށް ޑިމޮކްރެޓްސްގެ ނައިބު ރައީސް ހުސެއިން ފިރުޝާން މިއަދު ވިދާޅުވިއެވެ.

ޑިމޮކްރެޓުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިރުޝާން ވިދާޅުވީ ޑިމޮކްރެޓްސްގެ ލީޑަރޝިޕްގައި ތިއްބެވި ބައެއް ބޭފުޅުން ޕާޓީ ދޫކޮށްލެއްވީ އެއްވެސް ކަހަލަ މައްސަލައެއް ޖެހިގެން ނޫންކަމަށާއި އެބޭފުޅުން ފާޓީން ވަކިވެ ވަޑައިގެންނެވިޔަސް ޕާޓީއަށް ހީނަރުކަމެއް ނާންނާނެ ކަމަށެވެ.

ފިރުޝާން ވިދާޅުވީ މިއީ ސިޔާސީ ޕާޓީގެ ހަޔާތުގައި އަންނާނޭ ދުވަސްތައް ކަމަށާއި، އެޕާޓީން ކުރިއަށްދާނީ އެކަންކަމާ ކުރިމަތިލައިގެން ކަމަށެވެ. އަދި ޕާޓީ ދާނީ ސިޔާސީ ހަރަކާތް ހިންގުމައިގެން ކުރިއަށް ކަމަށްވެސް ފިރުޝާން ވިދާޅުވިއެވެ.

ޑިމޮކްރެޓްސްގެ ޖެނެރަލް އެސެމްބްލީ މާދަމާރޭ ބާއްވާނެކަން ފާހަގަ ކުރަށްވަމުން ފިރުޝާން ވިދާޅުވީ، އެއަށްފަހު ޕާޓީގެ މުސްތަގްބަލުގެ ލީޑަރޝިޕް ކަނޑައެޅޭނެ ކަމަށެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ ލީޑަރޝިޕްގެ ބޭފުޅުންތަކެއް ޕާޓީން ވަކިވި ނަމަވެސް ޑިމޮކްރެޓްސް ފެއިލްވާނެ ކަމަށް ގަބޫލު ނުކުރަށްވާ ކަމަށެވެ. އަދި އެޕާޓީގެ ކުރީސަފުގައި ޒުވާނުން ތިބުމާއެކު ޑިމޮކްރެޓްސްގެ މުސްތަގުބަލް ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށް ވައްޑެ ވިދާޅުވިއެވެ.

އޭގެ އިތުރުން ރާއްޖޭގެ ވެރިކަމުގެ އޮނިގަނޑު ވަނީ ޚަރާބުވެފައި ކަމަށާއި އެކަން ބަދަލުކުރުމަށް ކުރަން ޖެހުނު ކޮންމެ މަސައްކަތެއްގައި އެޕާޓީން ދެމި އޮންނާނެ ކަމުގެ ޔަޤީންކަންވެސް ވައްޑެ ވަނީ ދެއްވާފައެވެ.

ޑިމޮކްރެޓްސް ދޫކޮށް އެމްޑީޕީއާ ގުޅިވަޑައިގެންފައި ވަނީ ވަރަށް ޚިދުމަތްތެރި ބޭފުޅުން ކަމަށް ޑިމޮކްރެޓުން ހާމަކޮށްފައިވާއިރު ޑިމޮކްރެޓްސްގެ ރައީސަކަށް ހުންނެވި ހަސަން ލަތީފާއި، އެޕާޓީގެ ނައިބުރައީސްއަކަށް ހުންނެވި ޝިފާޒް އިއްޔެ އެޕާޓީން ވަކިވެ ވަޑައިގެން، މިއަދު ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންނެވިކަން އިއުލާނުކުރައްވާފައެވެ. އަދި އެޕާޓީގެ ކުރީގެ ޕީޖީ ލީޑަރ ޢަލީ އާޒިމާއި ރިޔާސީ އިންތިޚާބުގައި އެޕާޓީގެ ރަނިންމޭޓެއްގެ ގޮތުގައި ވާދަކުރެއްވި ޙުސެއިން ޢަމްރުވެސް ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.

އަދި މާދަމާ ރޭ ޑިމޮކްރެޓްސްގެ ނޭޝަނަލް އެސެމްބްލީގެ ބައްދަލުވުމެއް ބޭއްވުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން