އެސްޓީއޯގެ ކުރީގެ އެމްޑީ ޙުސައިން އަމްރު
އެސްޓީއޯގެ ކުރީގެ އެމްޑީ ޙުސައިން އަމްރު
ޑިމޮކްރެޓްސްގައި ތިބީ ޤާބިލް ހިތްވަރުގަދަ ސިޔާސީ ކުރިމަގު އުޖާލާ ޒުވާން ލީޑަރުން ކަމަށް ދާދިފަހުން ޑިމޮކްރެޓްސް ދޫކުރަށްވައި އެމްޑީޕީއަށް ސޮއިކުރެއްވި އެސްޓީއޯގެ ކުރީގެ އެމްޑީ ޙުސައިން އަމްރު ވިދާޅުވެއްޖެއެވެ.

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓްސްގެ ރަނިންމޭޓެއްގެ ގޮތުގައިވެސް މަސައްކަތް ކުރެއްވި އަމްރު މިހެން ވިދާޅުވެފައިމިވަނީ ޑިމޮކްރެޓްސް ދޫކޮށް އެމްޑީޕީއާ ގުޅިވަޑައިގެންފައި ވަނީ ވަރަށް ޚިދުމަތްތެރި ބޭފުޅުން ކަމަށާއި އެބޭފުޅުންނާ އެއްވެސް މައްސަލައެއް ޖެހިފައިނުވާކަމަށް ޑިމޮކްރެޓްސްގެ ވަގުތީ ރައީސް ހުސެއިން ފިރުޝާން ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

ފިރުޝާންގެ ވާހަކަފުޅާ ގުޅިގެން އަމްރު ވިދާޅުވެފައިވަނީ އެމްޑީޕީ އާއި ޑިމޮކްރެޓްސް ވެސް ފުރިހަމައަށް ހިންގުމަކީ ރާއްޖޭގެ ސިޔާސީ މަޝްރަހަށް ނުހަނު މުހިއްމު ކަމެއް ކަމަށެވެ.

ހަމައެއާއެކު ޑިމޮކްރެޓްސްގައި ވެސް ތިބީ އެކުގައި ގިނަ ސިޔާސީ މަސައްކަތް ކުރެވިފައިވާ ރަޙުމަތްތެރިން ކަމަށާއި އެމްޑީޕީގައި ވެސް ތިބީ ފާއިތުވި ވިއްސަކަށް އަހަރު އެކި ގޮތްގޮތުން އެކީގަ މަސައްކަތް ކުރެވިފައިވާ ރަޙުމަތްތެރިން ކަމުން އެއްވެސް ފަރާތަކަށް ބަދުބަހެއް ރައްދު ކުރުމަށް ބޭނުން ނުވާކަމަށް އަމްރު ވިދާޅުވިއެވެ.

“ދަ ޑިމޮކްރެޓްސްގަ ތިބީ ޤާބިލް ހިތްވަރުގަދަ ސިޔާސީ ކުރިމަގު އުޖާލާ ޒުވާން ލީޑަރުން. އެބޭފުޅުންނަށް އަޅުގަނޑު އެދެނީ ކުރިއެރުމާ ކާމިޔާބީ. އެމީހެއްގެ ވިސްނުން ހުރި ގޮތަކަށް ކުރިޔަށް ދިޔުމަކީ އެންމެނަށް ވެސް އެންމެ ރަނގަޅު ގޮތް ކަމުގަ ދެކެން.” އަމްރު ވިދާޅުވެފައިވެއެވެ.



އަމްރު މިހެން ވިދާޅުވެފައިވާއިރު އަމްރުގެ އިތުރުން ޑިމޮކްރެޓްސްގެ ރައީސަކަށް ހުންނެވި ހަސަން ލަތީފާއި، އެޕާޓީގެ ނައިބުރައީސަކަށް ހުންނެވި މުޙައްމަދު ޝިފާޒް ވަނީ އެޕާޓީން ވަކިވެވަޑައިގެން، އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ. އަދި އެޕާޓީގެ ކުރީގެ ޕީޖީ ލީޑަރ ޢަލީ އާޒިމް ވެސް ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.

އޭގެއިތުރުން ޑިމޮކްރެޓްސްގެ ލީޑަރ ރައީސް ނަޝީދުވެސް ވަނީ މިވަގުތު ރާއްޖޭގެ އެއްވެސް ސިޔާސީ ޕާޓީއެއްގައި ޢަމަލީގޮތުން ސިޔާސީ މަސައްކަތްޕުޅު ކުރެއްވުމުގެ ޝައުޤެއް ނެތް ކަމަށް ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން