ރާޖްޕަލް ޔާދަވް އާއި ކަޕިލް ޝަރްމާ- ގޫގުލް އިމޭޖެސް
ރާޖްޕަލް ޔާދަވް އާއި ކަޕިލް ޝަރްމާ- ގޫގުލް އިމޭޖެސް
ބޮލީވުޑްގެ މަޝްހޫރު ތަރި ރާޖްޕަލް ޔާދަވް އަދި މަޝްހޫރު ހޯސްޓު ކަޕިލް ޝަރްމާއަށް މަރުގެ އިންޒާރުތަކެއް ދީފައިވާކަން އިންޑިއާގެ ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

ރާޖްޕަލް އަދި ކަޕިލް އަށް މަރުގެ އިންޒާރުތަކެއް ދީ އީމެއިލްތަކެއް ފޮނުވި މައްސަލަ ފެންމަތިވުމުން މުޅި ބޮލީވުޑަށް ބޮޑު ސިހުމެއް ލިބުނެވެ. އަދި މިމައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި އިންޑިއާގެ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ނިއުސް 18 އަށް ދިން އިންޓަވިއުއެއްގައި ފުލުހުން ބުނެފައިވަނީ މި ދެ ތަރިންނަށް މަރުގެ އިންޒާރުތަކެއް ލިބިފައިވާކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ ހަގީގަތެއް ކަމަށާއި، އެ އިންޒާރު ދިން މީހާގެ މެއިލުގެ އައިޕީ އެޑްރެސް ޓްރޭސް ކުރުމުން އެނާ އެ މެސެޖު ފޮނުވާފައިވަނީ ޕާކިސްތާނުން ކަން އެނގިފައިވާ ކަމަށެވެ. އަދި މިހާރު ސީބީއައި އާވެސް މިމައްސަލައާ ގުޅިގެން މުއާމަލާތު ކުރަމުންދާ ކަމަށް ރިޕޯޓުގައި ވެއެވެ.

"އިންޓަނޭޝަނަލް ކޭސް އެއް ކަމުން މި ކޭސްގެ މައުލޫމާތު ސީބީއައި އާވެސް ހިއްސާ ކުރެވެމުން ދަނީ. އެމީހާގެ ވަނަވަރު ހޯދަން އަދި ވަގުތު ނަގާނެ." ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ މި އެކައުންޓުގެ ފަހަތުގައި ވަނީ އަސްލު މީހެއްތޯ ނުވަތަ ނޫންތޯ އަދި ދެނެގަނެވިފައި ނުވާ ކަމަށެވެ. އަދި މިއީ ބަޔަކު މީހުން މަޖަލަކަށް ކުރަމުންދާ ކަމެއްތޯވެސް ހޯދިފައި ނުވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މި މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ މިދިޔަ އަހަރު ޑިސެމްބަރު މަހު 17 ގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން