ސީރީސްގެ ޕޯސްޓަރު
ސީރީސްގެ ޕޯސްޓަރު
ޕާކިސްތާނުގެ ޓީވީ ޑްރާމާއެއް ކަމަށްވާ "ދާރު އެ ނިޖާތު" އަންނަނީ ދެކުނު އޭޝިއާގެ ސަރަޙައްދުގައި ބޮޑު މަޤްބޫލުކަމެއް ހޯދައި، ސަގާފީ ގޮތުން ބޮޑު އިންގިލާބެއް ގެންނަމުންނެވެ.

އަދި އިންތިޒާމުކޮށްގެން ބާއްވާ ޚާއްޞަ ސްކްރީނިންގތަކާއި "ވޮޗް ޕާޓީ" ތަކުގެ ޒަރީއާއިން، އިންޑިއާއާއި ބަންގްލަދޭޝްގެ ގިނަ އަދަދެއްގެ ބެލުންތެރިން އެއްތަނަކަށް ޖަމާކުރަމުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މީސްމީޑިއާގައި 1.7 ބިލިއަނަށް ވުރެ ގިނަ ފަހަރު މި ޑްރާމާ ބަލާފައިވާއިރު، އިންޑިއާގެ ދިއްލީ، ބެންގަލޫރު، ހައިދަރުއާބާދުގެ އިތުރުން ބަންގްލަދޭޝްގެ ވެރިރަށް ޑާކާ، ސިލްހެޓް އަދި ޗިޓަގޮންގް ފަދަ އެތައް ސިޓީއެއްގައި މި ޑްރާމާ އެކުގައި ބެލުމުގެ ހަރަކާތްތައް ވަނީ ބާއްވާފައެވެ.

މިގޮތުން ދިއްލީގައި އެންމެ 15 މީހުންނަށް އަމާޒުކޮށްގެން ރޭވި ބައްދަލުވުމަކަށް 45 އެއްހާ ސަޕޯޓަރުން ހާޒިރުވިއެވެ. އަދި މި ހަފުލާގައި، ޑްރާމާގެ ޑައިރެކްޓަރު ސާޤިބު ޚާން ވަނީ އޮންލައިންކޮށް ބައިވެރިވެ، ބެލުންތެރިންނާ ވާހަކަދައްކައި ޚިޔާލު ބަދަލުކޮށްފައެވެ.

އުމައިރާ އަޙްމަދު ލިޔުއްވާފައިވާ މި ޑްރާމާއަކީ އީމާންތެރިކަމާއި، ގުޅުންތަކާއި، މަޢާފުކުރުމާއި، ކުލުނާއި އޯގާތެރިކަމުގެ މައްޗަށް ބިނާކޮށްފައިވާ ފުން އަސަރުތަކެއް އެކުލެވޭ ވާހަކައެކެވެ.

ޚާއްޞަކޮށް "އަބޫބަކުރު" ގެ ކެރެކްޓަރާއި، ވާހަކަ ހުށަހަޅައިދީފައިވާ އަސަރުގަދަ ގޮތުގެ ސަބަބުން ތަފާތު ސަގާފަތްތަކުގެ މީހުންގެ މެދުގައި މި ޑްރާމާއަށް ވަނީ ވަރަށް ބޮޑު ތަރުޙީބެއް ލިބިފައެވެ.

މި ޑްރާމާއަށް ލިބުނު ކާމިޔާބީން ހާމަވެގެންދަނީ އިންޑިއާ، ޕާކިސްތާން އަދި ބަންގްލަދޭޝްގެ ދެމެދުގައިވާ ބަހުގެ އަދި ސަގާފީ ވަރުގަދަ ގުޅުމެވެ. ސިޔާސީ ގޮތުން ޚިޔާލުތަފާތުވުންތައް ހުރި ނަމަވެސް، ފަންނުވެރިކަމާއި، ޙިއްޞާކުރެވޭ އާދަކާދަތަކާއި، އިންސާނީ އިޙްސާސްތަކުގެ ތެރެއިން މި ޤައުމުތަކުގެ އާންމުން ދަނީ އެއްބައިވަންތަކަމުގެ ރޫޙެއް ޤާއިމުކުރަމުންނެވެ.

"ދާރު އެ ނިޖާތު" ވެގެން ގޮސްފައިވަނީ ސިޔާސީ ގޮތުން ނުގުޅުވައިދެވުނު ސަރަޙައްދުތަކާއި މީސްތަކުން، ފަންނުވެރި ވާހަކަތަކުގެ ޒަރީއާއިން ސަރަޙައްދީ އިމުގެ ހުރަސްތައް ގިރާކޮށް އެކަތިގަނޑަކަށް ހެދިދާނެކަން ސާބިތުކޮށްދިން ފުރިހަމަ މިސާލަކަށެވެ.





ކިޔުންތެރިންގެ ހިޔާލު