އަހުމަދު ޝާހް   26 ނޮވެމްބަރު 2026 - 14:57
ޔާމީން އިދުރީސް އާއި ފާތިމަތު މުނާ
ޔާމީން އިދުރީސް އާއި ފާތިމަތު މުނާ
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން ބޯޑުގައި އަމިއްލަ ދާއިރާތައް ތަމްސީލު ކުރަށްވާ ދެ މެންބަރުން ކަމަށްވާ ޔާމީން އިދުރީސް އާއި ފާތިމަތު މުނާ އެ ބޯޑުގެ މެންބަރުކަމުން ވަކިކޮށްފިއެވެ.

ޕެންޝަން އޮފީހުގެ ރަސްމީ ވެބްސައިޓުގައިވާ މަޢުލޫމާތުތަކަށް ބަލާއިރު، މި އަހަރުގެ މެއި މަހުގެ 21 ވަނަ ދުވަހު ބޯޑަށް އައްޔަނުކުރި ޔާމީން އިދުރީސްގެ ދައުރު ވަނީ ނިމިދިޔަ އޮކްޓޫބަރު 7 ގެ ނިޔަލަށް ނިމުމަކަށް ގެނެސްފައެވެ. އަދި މި އަހަރުގެ ޖުލައި 21 ގައި ބޯޑަށް ހަމަޖެއްސި މުނާގެ ދައުރު ނިމުމަކަށް ގެނެސްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

އާންމު އުސޫލުން ތިން އަހަރު ދުވަހުގެ މުއްދަތަކަށް އައްޔަނުކުރާ މި ދެ މެންބަރުންގެ ތެރެއިން ޔާމީން އާއި މުނާ ވެސް ބޯޑުގައި މަސައްކަތް ކުރެއްވީ ގާތްގަނޑަކަށް އެންމެ ހަތަރު މަސް ދުވަހުއެވެ. މީގެއިތުރުން، އެ އޮފީހުގެ ޗީފް އޮޕަރޭޓިންގ އޮފިސަރު (ސީއޯއޯ) ގެ މަގާމުގައި ހުންނެވި މަރިޔަމް ޝިއުނާ ވެސް މިދިޔަ ހަފުތާގެ ތެރޭގައި ވަނީ މަގާމުން ވަކިކޮށްފައެވެ.

މި ބަދަލުތައް މިގޮތަށް އައިސްފައިވާއިރު، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ހިންގުން އިތުރަށް ހަރުދަނާކޮށް، އަމިއްލަ ދާއިރާގެ ބައިވެރިވުން އިތުރުކުރުމުގެ މަގުސަދުގައި އެ އޮފީހުގެ ބޯޑު މެންބަރުންގެ އަދަދު ނުވަޔަކަށް އިތުރުކޮށް، ހިންގާ ގަވާއިދަށް ވަނީ މުހިންމު އިސްލާހުތަކެއް ގެނެސްފައެވެ.

ޕެންޝަނާ ބެހޭ ގާނޫނާ އެއްގޮތަށް އެ އޮފީހުގެ މަސައްކަތްތައް ބަލަހައްޓަމުން ގެންދަނީ އެގްޒެކެޓިވް ބޯޑަކުންނެވެ. ކުރިން އަމަލުކުރަމުން އައި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން ބޯޑުގައި ތިއްބަވަނީ ޖުމްލަ އަށް މެންބަރުންނެވެ. ނަމަވެސް، ޕެންޝަނާ ބެހޭ ގާނޫނުގެ 8 ވަނަ މާއްދާގެ (ހ) ގެ ދަށުން އަލަށް ގެނައި މި ބަދަލާއެކު، ދެން އެ ބޯޑުގައި ތިއްބަވާނީ ނޮން-އެގްޒެކެޓިވް ނުވަ މެންބަރުންނެވެ.

މި އިސްލާހުގެ ދަށުން އެންމެ ބޮޑު ބަދަލެއް އައިސްފައިވަނީ އަމިއްލަ ދާއިރާ (ޕްރައިވެޓް ސެކްޓާ) ތަމްސީލުކުރާ މެންބަރުންގެ އަދަދަށެވެ. މީގެ ކުރިން އަމިއްލަ ދާއިރާއިން ހަތަރު މެންބަރުން ބޯޑުގައި ތިއްބެވި ނަމަވެސް، މިހާރު އެ އަދަދު ވަނީ ފަހަކަށް އިތުރުކޮށްފައެވެ.

އަލަށް ގެނެވުނު އިސްލާހުގެ ދަށުން ޕެންޝަން ބޯޑު އެކުލެވިގެންވަނީ ބޯޑުގެ ޗެއާޕާސަނާއި، ދައުލަތުގެ މާލިއްޔަތާ ބެހޭ ވުޒާރާގެ ސިވިލް ސާވިސްގެ އިސް އޮފިޝަލަކާއި، އިޖުތިމާއީ ރައްކާތެރިކަމާ ބެހޭ ވުޒާރާގެ ސިވިލް ސާވިސްގެ އިސް އޮފިޝަލަކާއި، ވަޒީފާއާ ބެހޭ ކަންކަން ބަލަހައްޓާ ވުޒާރާގެ ސިވިލް ސާވިސްގެ އިސް އޮފިޝަލަކާއި، ޕްރައިވެޓް ސެކްޓާ ތަމްސީލުކުރާ ފަސް މެންބަރުންގެ މައްޗަށެވެ.

ޕެންޝަން އޮފީހުގެ ގަވަނަންސް ކޯޑަށް ގެނައި މި އިސްލާހާ ގުޅިގެން، އެ އޮފީހުގެ ދުވަހުން ދުވަހަށް ކުރާ ހިންގުމުގެ އެންމެހައި މަސައްކަތްތައް ބަލަހައްޓާނީ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އެވެ. އަދި އޮފީހުގެ މައިގަނޑު ސިޔާސަތުތަކާއި ނިންމުންތައް ތަންފީޒުކުރުމުގެ އެންމެހާ ކަންކަން ކުރިއަށްދާނީ ސީއީއޯގެ ސީދާ އިރުޝާދާއި ބެލުމުގެ ދަށުން މެނޭޖުމަންޓުންނެވެ.

ޕެންޝަން އޮފީހުން ބުނެފައިވަނީ، މި ބަދަލުތަކުގެ ސަބަބުން އެ އޮފީހުގެ ކަންކަން ނިންމުމުގައި އަމިއްލަ ދާއިރާގެ ހިއްސާ އިތުރަށް ބޮޑުވެ، މުޅި އިދާރާގެ ހިންގުން ކުރިއަށްވުރެ ބޮޑަށް ހަރުދަނާވެގެންދާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު