މަރްޔަމް ނަހްދާ ވަޙީދު   10 ފެބްރުއަރީ 2025 - 3:38
ކިޔެވުމަށް ހާއްސަ ކުރެވިފައިވާ ތަނުގައި ކިޔަވަނީ- ގޫގުލް އިމޭޖެސް
ކިޔެވުމަށް ހާއްސަ ކުރެވިފައިވާ ތަނުގައި ކިޔަވަނީ- ގޫގުލް އިމޭޖެސް
ދަރިން ކިއެވުމަށް ސަމާލުކަން ނުދިނުން ނުވަތަ ކިއެވުމަށް ސަމާލުކަން ދޭވަރު ކުޑަވުމަކީ ވަރަށް ގިނަ ބެލެނިވެރިންގެ ޝަކުވާއެކެވެ. މިއީ ގިނަ ބެލެނިވެރިންނަށް ދިމާވެފައިވާ ގޮންޖެހުމެކެވެ. މިކަން މިހެން ދިމާވާ އެންމެ މައިގަނޑު ސަބަބަކީ އެއް ކަމަކަށް މާ ގިނައިރު ސަމާލުކަން ދީގެން ހުރުމުގެ ގާބިލިއްޔަތު އެކުދިންގެ ކިބައިގައި ނެތުމެވެ. މިފަހަރު މި ހިމަނާލަނީ ދަރިންގެ ހިތްތަކުގައި ކިޔެވުމުގެ ފޯރި އަށަގެންނެވުމަށް ކުރަންވީ ކަންތައްތަކެވެ.

ކިޔެވުމަށް އެކަށީގެންވާ މާހައުލެއް ހޯދަދިނުން

ކުދިން ކިޔަވަން ތިބޭ ތަނަކީ އެކަމަށް އެކަށީގެންވާ ތަނަކަށް ހެދުމަކީ މުހިންމު ކަމެކެވެ. އެގޮތުން ކިޔެވުމަށް ހާއްސަކުރެވިފައިވާ މޭޒެއް ނުވަތަ ކޮޓަރިއެއް ހުރުމަކީ ރަނގަޅު ކަމެކެވެ. އަދި އެތަނުގައި ކިޔެވުމަށް ބޭނުންވާ ހުރިހާ ތަކެއްޗެއް ހުރުމަކީވެސް މުހިންމު ކަމެކެވެ. މިހެން ހެދުމުން ކުދިން އަމިއްލައަށް ކިޔަވަން ބޭނުންވެ، ކުރާހިތުން އެކަން ކުރާނެއެވެ.

ކުދިންނަށް ވަގުތު ބަހަން ދަސްކޮށްދިނުން

ކުދިންނަށް އެކުދިންގެ ވަގުތު ބަހާލަން ދަސްކޮށްދިނުމަކީ މުހިންމު ކަމެކެވެ. ކިޔެވުމަށާއި، ކުޅުމަށާއި، އެހެނިހެން ޙަރަކާތްތަކަށް ވަގުތު ކަނޑައެޅުމަކީ ރަނގަޅު ކަމެކެވެ. އެގޮތުން މިކަންތަކަށް ވަގުތު ކަނޑައަޅައި ތާވަލެއް ތައްޔާރު ކުރެވިދާނެއެވެ. މިހެން ކިޔެވުމަށް ވަކި ގަޑިތަކެއް ކަނޑައެޅުމަކީ ކުދިންނަށް އެކަމަށް އާދަވުމަށް އެހީތެރިވެދޭނެ ކަމެކެވެ.

ހުސްވަގުތު ދިނުން



ކިޔެވުމުގެ ދެމެދުން އެކުދިންނަށް ކުޑަ ހުސްވަގުތުކޮޅެއް ދިނުމަކީ މުހިންމު ކަމެކެވެ. މިގޮތުން 5-10 މިނެޓުގެ ހުސްވަގުތުކޮޅެއް ދިނުމަކީ ކުދިންގެ ސަމާލުކަން އަލުން އާކޮށްލުމަށް އެހީތެރިވެދޭނެ ކަމެކެވެ. މިހެން ހެދުމުން އެކުދިންނަށް ފަސޭހަކަމާއެކު ފިލާވަޅުތައް ދަސްކުރެވޭނެއެވެ.

މައިންބަފައިން ބައިވެރިވުން

ކުދިންގެ ކިޔެވުނުގެ ކަންތަކުގައި މައިންބަފައިން އަމަލީ ގޮތުން ބައިވެރިވުމަކީ ވަރަށް މުހިންމު ކަމެކެެވެ. އެގޮތުން ކުދިންނާއެކު ކިޔެވުމުގައި ވަގުތު ހޭދަކުރުމާއި، އެކުދިންގެ ކިޔެވުމާ ބެހޭގޮތުން ސުވާލުކުރުމާއި، އެހީތެރިކަން ބޭނުންވާ ކަންކަމުގައި އެހީތެރިވެދިނުމަކީ ކުދިންގެ ކިޔެވުމަށް ވަރަށް ބޮޑު ހިތްވަރަކަށް ވާނެއެވެ. އަދި އޭގެ ސަބަބުން ކުދިންގެ ކިޔެވުމުގެ ފޯރިވެސް އިތުރުވާނެއެވެ.

މަސްދަރު: އީޓައިމްސް



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން