ކުރީގެ ނާއިބް ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު
ކުރީގެ ނާއިބް ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު
ޝަރުއީ މައްސަލަތައް ނިންމުމުގައި ކޯޓުތަކުން އިންސާފުވެރި ނިންމުންތައް ނިންމާނެ ކަމުގެ ޔަގީންކަން ނެތް ކަމަށް ކުރީގެ ނާއިބް ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

އުއްތަމަ ފަނޑިޔާރު ޑރ. މުއުތަސިމް އަދުނާން ދެއްކެވި ވާހަކަފުޅުތަކަކަށް ރައްދުދެއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ. ޖަމީލު ވިދާޅުވީ ޕަބްލިކު އިންޓްރެސްޓު ބޮޑު، ސިޔާސީ ފަރާތްތަކުގެ މައްޗަށް ނާއިންސާފުން ހިންގޭ އެއްވެސް ކަމެއް މި ގައުމުގެ ޝަރުއީ ނިޒާމުގެ ތެރެއިން ހުއްޓުވިފައި ނުވާ ކަމަށެވެ.

އެގޮތުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ރައީސް ޔާމީންގެ މައްޗަށް ހިންގަމުންދިޔަ ޝަރީއަތްތަކުގެ ސަބަބުން، މިދިޔަ ރިޔާސީ އިންތިހާބަށް ކުރިމަތިލާން އުޅުއްވުމުން ރައީސް ޔާމީންގެ ކެންޑިޑެސީ ބާތިލު ކުރިއިރު ޝަރުއީ ނިޒާމުގެ ތެރެއިން އިންސާފު ހޯދިފައި ނުވާކަން ޑރ. ޖަމީލް ވަނީ ފާހަގަ ކުރައްވާފައެވެ.

އަދި މިއަދު ރައީސް ޔާމީންގެ މައްޗަށް އޭރު ކުރި ހުކުމް ބާތިލް ކުރައްވާފައިވާއިރު، ކެންޑިޑެސީ ބާތިލު ކުރުމުގެ ސަބަބުން ރައްޔިތުންނަށް ލިބިފައިވާ ގެއްލުމާމެދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ހަމަނިދި ލިބޭތޯ އައްސަވައި ޑރ. ޖަމީލް ވަނީ ސުވާލު ކުރައްވާފައެވެ.

ޑރ. ޖަމީލު ވިދާޅުވީ މިފަދަ ބޮޑެތި މައްސަލަތަކުގައި ޝަރުއީ ނިޒާމުގެ ތެރެއިން އިންސާފުގެ މަގުން މައްސަލަ ނިންމާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނުވަތަ އިތުބާރެއް މިހާރު ނެތް ކަމަށެވެ.

"މަދުފަހަރަކު އިންސާފުގެ މަގަށް ފިރުކިލިޔަސް، ޖުޑިޝަލް އެޕޮއިންޓުމެންޓާއި އަދި ޕްރޮސެސް އޮތްގޮތުން ޖުޑިޝަރީގައިވެސް އަދި ގައުމުގައިވެސް އޮތީ މައިގަނޑު ދެފިކުރު. އެކަން ގަބޫލު ކުރަން ޖެހޭ." ޑރ. ޖަމީލު ވިދާޅުވިއެވެ.



ޑރ. ޖަމީލު މިހެން ވިދާޅުވެފައި މިވަނީ ފަނޑިޔާރުން މައްސަލަތައް ނިންމަންޖެހޭނީ ވަކި ފަރާތަކަށް ނުޖެހި، އިންސާފުގެ ތަރާދުން ކިރައިގެން ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވެފައި ވަނިކޮށެވެ.

މެޖިސްޓްރޭޓް ކޯޓުތަކަށް މެޖިސްޓްރޭޓުން އައްޔަނު ކުރުމަށް ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ކޯޓަށް ހުށަހެޅޭ މައްސަލަތައް ބިނާވަނީ ދެބަސްވުމެއްގެ މައްޗަށް ކަމަށާއި، އެހެންކަމުން ދެފަރާތުން ހިތްހަމަޖެހޭ ގޮތަށް މައްސަލަ ނިންމުމަކީ މުސްތަޙިއްލު ކަމެއް ކަމަށެވެ.

އެހެން ނަމަވެސް ފަނޑިޔާރުން މަސައްކަތް ކުރަން ޖެހޭނީ ޤާނޫނާ އެއްގޮތަށް އަދުލުވެރިކަމާއެކު ވަކި ފަރާތަކަށް ނުޖެހި، އިންސާފުގެ ތަރާދުން ކިރައިގެން މައްސަލަތައް ނިންމުމަށްކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އަދި ހަމައެހެންމެ، ޖަޒުބާތުގައި ނުޖެހި، ޤާނޫނީ ތަރަހައިގެ ތެރެއިން މައްސަލަތައް ނިންމަންވާނެ ކަމަށާއި މައްސަލަތައް ކުރިއަށް ގެންދިއުމުގައި މަދަނީ އަދި ޖިނާއީ އިޖުރާއަތުގެ ޤާނޫނާއި، އެއާ ގުޅޭ ނިންމުންތަކަށްވެސް އަހުލުވެރިވުމަށް އުއްތަމަ ފަނޑިޔާރު އިލްތިމާސް ކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން