ދިވެހި އަންހެނަކު ތިން ފިރިހެނުންނާ ކައިވެނިކޮށްގެން އުޅޭ މައްސަލައެއް ކޯޓުތަކުގައި އެބަ އޮތް ކަމަށް ފެމެލީ ކޯޓުން ބުނެފި އެވެ.

ފެމިލީ ކޯޓުން ބުނީ އެއް އަންހެނަކު ކޯޓުގައި ރަޖިސްޓްރީ ކުރުމެއް ނެތި ތިން ކައިވެންޏެއް ކުރުމުގެ ސަބަބުން އެ މީހާގެ ތިން ފިރިން ތިބި މައްސަލަތަކެއް ކޯޓުތަކުގައި އެބަ އޮތް ކަމަށެވެ.

މިއަދު ކުރިޔަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީގެ ބައްދަލުވުމުގައި މެންބަރުން ވަނީ ދަރިންނަށް ހަރަދު ނުދީ ރާއްޖޭން ބޭރަށް ގޮސް އިތުރު ކައިވެނިތައް ކުރާ މައްސަލަތަކާއި ރަޖިސްޓްރީނުކޮށް ކޯޓުން ބޭރުގައި ކައިވެނިކޮށްގެން އުޅޭ މައްސަލަތައް ފާހަގަވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

މި ކަންބޮޑުވުންތައް ހާމަކުރައްވަމުން ފެމެލީ ކޯޓުގެ ލީގަލް އޮފިސަރު އަހުމަދު މައުސޫމް ކޮމިޓީގައި ވިދާޅުވީ ކޯޓުން ބޭރުގައި ކައިވެނި ކުރުމާއި ކައިވެނި ރަޖިސްޓްރީނުކޮށް ތިބުމުގެ ސަބަބުން ވަރަށް ހިތާމަވެރި ކަންކަން ހިނގާފައި އެބަ ހުރި ކަމަށެވެ.

އަހުމަދު މައުސޫމް ވިދާޅުވީ މިކަން ހިނގާފައިވަނީ އަންހެން މީހާ ރާއްޖޭން ބޭރުގައި ފުރަތަމަ ކައިވެނިކޮށް އެ ކައިވެނި ރާއްޖޭގައި ރަޖިސްޓްރީ ކުރެވެން ނެތުމުން އަމިއްލަ އަމިއްލައަށް އެ ކައިވެނި ދޫކޮށްލުމުން ކަމަށެވެ. އަދި އެއަށްފަހު ރާއްޖޭން ބޭރަށް ގޮސް އިތުރު ކައިވެންޏެއް ކުރީ ކަމަށާއި އެ ކައިވެނި ރަޖިސްޓްރީ ކުރަން ކޯޓަށް ދިޔައިރު، ފުރަތަމަ ކައިވެނީގެ ލިޔެކިޔުންތައް ވެސް ކޯޓުގައި ހުރި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ދެ ކައިވެންޏާ މެދު ގޮތެއް ކަނޑަނޭޅެނީސް އިތުރު ކައިވެންޏެއް ފަހުން އެ އަންހެން މީހާ ކޮށްފައިވާ ކަމަށް ލީގަލް އޮފިސަރު ވިދާޅުވި އެވެ.

އޭނާ އިތުތަށް ވިދާޅުވީ މިއީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށާއި މިއީ ނަސަބު ވެސް އޮޅިގެން ހިނގައިދާނެ ކަމެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ނޭދެވޭ ވަރަށް ގިނަ ކަންކަން ނުކުމެދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން