ކުދި ޖަޒީރާ ތަރައްޤީވަމުން އަންނަ ޤައުމުތައް (ސިޑްސް)އޮތް ނާޒުކު ޙާލަތަކީ، ލުއިފަސޭހަ ގޮތެއްގައި ކްލައިމެޓް ފައިނޭންސް ހޯދުމަށް އޮތް ހުރަހަކަށް ނުވާނެކަން ކަށަވަރުކުރުމަށްޓަކައި، ބައިނަލްއަޤްވާމީ މާލީ އޮނިގަނޑު އިޞްލާޙުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް ގޮވާލެއްވީ، ކޮޕް31 ގެ ހަވާސާގައި އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް(އެއޯސިސް) ގެ ލީޑަރުންނާއި އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، 2040 ވަނަ އަހަރު އަންނަންވާއިރަށް ދިވެހިރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް އަމާޒުހިފާފައިވާއިރު، އެ އަމާޒަށް ވާސިލުވުމަށް އޮތް އެންމެ ބޮޑު އެއް ހުރަހަކީ މޫސުމީ ބަދަލުތައް ކަމަށެވެ. އަދި މިހާރު އެންމެ ބޮޑު އިސްކަމެއް ދޭންޖެހިފައިވަނީ ކްލައިމެޓް ފައިނޭންސާއި، މާލީ ނިޒާމު އިޞްލާޙުކުރުމުގެ އިތުރުން، ކަންކަން ތަންފީޛުކުރުމުގެ މައްޗަށް ބިނާކޮށް ޢަމަލީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

ކްލައިމެޓް ފައިނޭންސްގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މޫސުމީ ބޭނުންތަކަށް ދެވޭ މާލީ އެހީތެރިކަމަކީ އެކަށީގެންވާ މިންވަރަކަށް، ފަސޭހައިން ލިބޭ، ޔަޤީންކަން އޮތް އަދި ހިލޭ އެހީގެ ގޮތުގައި ލިބޭ އެއްޗަކަށް ވާންޖެހޭނެ ކަމަށެވެ. ޚާއްޞަގޮތެއްގައި ކުރިއަށް ލަފާކުރާ "ސުޕަރ އެލް ނީނޯ" ގެ އަސަރުތަކަށް ރިޢާޔަތްކޮށް، މޫސުމީ ބަދަލުތަކަށް ހޭނުމަށް ދޭ މާލީ އެހީ (އެޑެޕްޓޭޝަން ފައިނޭންސް) އިތުރުކުރުމަށާއި، "ލޮސް އެންޑް ޑެމޭޖް ފަންޑު" އަށް އަވަހަށް ފައިސާ ޖަމާކޮށް ފުރިހަމަކުރުމަށް އެ މަނިކުފާނު ގޮވާލެއްވިއެވެ.

މޫސުމީ ކާރިސާ އުފެދުމުގައި ކުޑަވެސް ޙިއްޞާއެއް ނެތް ޤައުމުތަކުން، މި ކާރިސާއާ ކުރިމަތިލުމަށްޓަކައި ބޮޑު އިންޓަރެސްޓުގައި ދަރަނި ނަގަން މަޖުބޫރުވެގެން ނުވާނެކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މޫސުމީ ބަދަލުތަކާ ދެކޮޅަށް އަޅާ ފިޔަވަޅުތަކަކީ ތަރައްޤީއަށް ހުރަސްއެޅޭ، ނުވަތަ ނާޒުކު ޤައުމުތަކަށް ނުއުފުލޭފަދަ ދަރަނީގެ ބުރައެއް އުފުލަންޖެހޭ ކަމަކަށް ވެގެން ނުވާނެކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

މާލީ ނިޒާމު އިޞްލާޙުކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މިހާރު މާލީ އެހީތެރިކަން ފޯރުކޮށްދޭ އިންތިޒާމުތައް ހުރި ގޮތުން ނާޒުކު ޤައުމުތަކަށް ބޮޑު އަގުގައި ދަރަނި ނެގުމަށް މަޖުބޫރުވެފައިވާ ކަމަށާއި، މީގެ ސަބަބުން ދަރަނީގެ ބުރަ އިތުރަށް ބޮޑުވެ، މާލީ ގޮތުން ޚަރަދުކުރުމުގެ ޖާގަ ހަނިވެގެންދާ ކަމަށެވެ. އެހެންކަމުން، މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމުގެ ޤާބިލުކަން އިތުރުކުރުމަށް ކުރާ އިންވެސްޓްމަންޓްތަކުގެ ދިގު މުއްދަތުގެ އިޤްތިޞާދީ ފައިދާ ވަޒަންކުރުމަށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކަށާއި ކްރެޑިޓް ރޭޓިންގ އޭޖެންސީތަކަށް އެ މަނިކުފާނު ގޮވާލެއްވިއެވެ.

ކަންކަން ތަންފީޛުކުރުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ވާ ވަޢުދުތަކަކީ ޢަމަލީ ގޮތުން ނަތީޖާ ފެންނަ ކަންކަމަށް ބަދަލުވާންޖެހޭ ކަމަށެވެ. އެގޮތުން، ގްލޯބަލްއެލެކްޓްރިފިކޭޝަން (ފޮސިލް ފިއުލްގެ ބަދަލުގައި ކަރަންޓު ހަކަތައިގެ ވަސީލަތްތައް ބޭނުންކުރުން)، ކުނި މެނޭޖްކުރުން،ސަރކިއުލަރ އިކޮނޮމީ މޮޑެލް އަދި މޫސުމީ ބަދަލުތަކަށް ވިލުންތެރި ސިޓީތައް ބިނާކުރުމަށް ކޮޕް31 ގައި ފަށާފައިވާ އިސްނެގުންތަކަށް ރައީސް މަރުޙަބާ ވިދާޅުވިއެވެ. އަދި މި މަސައްކަތްތަކަށް އެކަށީގެންވާ މާލީ އެހީތެރިކަމާއި، ޓެކްނޮލޮޖީ ފޯރުކޮށްދިނުމުގެ އިތުރުން، ޢަމަލީ ގޮތުން ތަންފީޛުކުރުމުގެ އެހީތެރިކަން ލިބެންޖެހޭނެކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ކުދި ޖަޒީރާ ޤައުމުތަކުން އެދެނީ ޞަދަޤާތަކަށް ނުވަތަ ހަމްދަރުދީއަކަށް ނޫންކަމަށާއި، އެ ޤައުމުތަކުން އެދެނީ މޫސުމީ އިންޞާފަށްކަން ރައީސް ކަށަވަރުކޮށްދެއްވިއެވެ. އަދި މަލްޓިލެޓަރަލިޒަމްގެ ޙަޤީޤީ އިމްތިޙާނަކީ ވެވޭ ވަޢުދުތަކެއް ނޫން ކަމަށާއި، ނެރެދެވޭ ނަތީޖާކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވަނީ، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒްގެ ދައުރުގައި ކުދި ޖަޒީރާ ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ދެއްވަމުން ގެންދެވި ސާބިތު އެއްބާރުލެއްވުމަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވައި، އެމަނިކުފާނުގެ ދައުރު ނިމުމަކާ ގާތްވަމުންދާތީ ހެޔޮ އެދުންތައް އަރިސްކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް