ވަޒީފާގެ މާޙައުލާއި ތަޢުލީމީ ދާއިރާއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހަމަހަމަ ފުރުޞަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ "ރައްޔިތުންގެ އަޑު" ޕްރޮގުރާމްގެ ތެރެއިން، އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ކުދިން ތިބި އާއިލާއަކުން ފާހަގަކުރި ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުންނެވެ.

މި ބައްދަލުވުމުގައި އާއިލާއިން ވަނީ، ސްކޫލްތަކުގައި ޚާއްޞަ އެހީތެރިކަން ބޭނުންވާ ކުދިންނަށް އެކަށީގެންވާ ވަސީލަތްތަކާއި މުދައްރިސުންގެ އެހީތެރިކަން ލިބުމުގައި ހުރި ދަތިތަކާއި، ބޭނުންވާ ސާމާނު ހޯދުމުގައި ކުރިމަތިވާ ގޮންޖެހުންތައް ހިއްސާކޮށްފައެވެ. އަދި މަތީ ތަޢުލީމު ޙާޞިލުކުރަމުންދާ ދަރިފުޅަށް ވެސް ވަޒީފާ ހޯދުމުގައި ހުރަސްތަކެއް ކުރިމަތިވެފައިވާކަން ފާހަގަކުރިއެވެ.

އެކަންބޮޑުވުންތަކާއި ގުޅިގެން ރައީސް މުޙައްމަދު މުޢިއްޒު ވިދާޅުވީ، އާއިލާއިން ފާހަގަކުރި ކަންކަމަކީ ސަރުކާރުން ވަރަށް ސީރިއަސްކޮށް ބައްލަވާނެ ކަންތައްތަކެއް ކަމަށެވެ. އެމަނިކުފާނު ބޭނުންފުޅުވަނީ ކޮންމެ ކަހަލަ ނުކުޅެދުންތެރިކަމެއް ހުރި ނަމަވެސް، އެންމެންނަށްވެސް ހަމަހަމަ ފުރުޞަތުތައް ފަހިކޮށްދެއްވުން ކަމަށް ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު